ސާޅީސް އަހަރުގެ ދިގު އިންތިޒާރަކަށްފަހު އިރާގުން ވޯލްޑް ކަޕަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
"ގްރޫޕް އައި" ގައި ހިމެނޭ އިރާގު ކުޅޭ ފުރަތަމަ މެޗުގައި ނޯވޭއާ ދެކޮޅަށް ނުކުންނަ އިރު، ޓީމުގެ ކޯޗު ގްރަހަމް އާނޯލްޑް ހުރީ ދުނިޔެ ސިއްސުވައިލުމުގެ އަޒުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އާނޯލްޑް ބުނީ، މިއީ އުނދަގޫ ގްރޫޕެއް ނަމަވެސް ކުޅުންތެރިން ތިބީ ވަރަށް ފޯރީގައި ކަމަށެވެ. "ކޮންމެ ދުވަހަކީވެސް ކައުންޓްޑައުންއެއް. މީގެ ހަތަރު ދުވަސް ކުރިން ވޯލްޑް ކަޕް ފެށިއްޖެ،" އޭނާ ބުންޏެވެ.
އާނޯލްޑް ފާހަގަކުރި ގޮތުގައި އިރާގު ޓީމުން ވަނީ ޕްރެޝަރު ބޮޑު ގިނަ މެޗުތަކެއް ކުޅެފައެވެ. ވޯލްޑް ކަޕުން ޖާގަ ހޯދުމަށްޓަކައި އެ ޓީމުން 21 މެޗު ކުޅެފައިވާ އިރު، މިއީ ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށް އޭނާ ދެކެއެވެ.
އިރާގަށް ވޯލްޑް ކަޕްގެ އެންމެ ފަހު ޖާގަ ކަށަވަރުވީ، މިދިޔަ މާޗު މަހު ކުޅުނު އިންޓަ-ކޮންފެޑެރޭޝަން ޕްލޭއޮފްގައި ބޮލީވިއާގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މީގެ ކުރިން އިރާގުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ ހަމައެކަނި 1986 ވަނަ އަހަރުއެވެ. އެ ފަހަރު ކުޅުނު ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް ބަލިވެފައިވާ އިރު، ވޯލްޑް ކަޕްގެ މެޗަކުން އެ ގައުމު އަދި މޮޅުވެފައެއް ނުވެއެވެ. ނަމަވެސް، މިފަހަރުގެ މުބާރާތުގައި ކުދި ޓީމުތަކުން ނެރެމުން އަންނަ ނަތީޖާތަކުގެ ސަބަބުން އިރާގު ޓީމަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާއި 1-1 އިން ކޭޕް ވާޑް އެއްވަރުކުރި މެޗާއި، ސްވިޒަލެންޑް ޓީމާ ދެކޮޅަށް ގަތަރުން ކުޅެ އެއްވަރު ކުރި މެޗު ހިމެނެއެވެ.
އާނޯލްޑް ބުނި ގޮތުގައި ކުޅުންތެރިން ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ބަލައިފައެވެ. އަދި ހަމައެކަނި މުބާރާތަށް ކޮލިފައިވުމަކުން އޭނާ ހިތްހަމައެއް ނުޖެހެއެވެ.
ވޭތުވެދިޔަ 12 މަސްދުވަހަކީ އުނދަގޫ ދުވަސްތަކެއްކަން ފާހަގަކުރަމުން އާނޯލްޑް ބުނީ، މުބާރާތަށް އާދެވުމުން އުފާފާޅުކޮށްފައިވާނެ ކަމަށާއި ދެން އޮތީ އެންމެ މޮޅު ކުޅުން ދައްކައި ދުނިޔެ ސިއްސުވައިލުން ކަމަށެވެ.
"އަހަރެމެންނަށް އޮތީ ހުސް ފައިދާ، ގެއްލޭނެ އެއްޗެއް ނެތް،" އާނޯލްޑް ބުންޏެވެ.
ވޯލްޑް ކަޕްގެ "ގްރޫޕް އައި" ގައި އިރާގާއި ނޯވޭ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 3:00 ގައެވެ. ދެން މި ގްރޫޕުގައި ހިމެނެނީ ވަރުގަދަ ފްރާންސާއި ސެނެގާލްއެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް