މިފަހަރުގެ ވޯލްޑް ކަޕް 48 ގައުމަށް ފުޅާކުރުމާއެކު، މުބާރާތުން ރަނގަޅު ޕްލެޓްފޯމެއް ހޯދަން ކުދި ގައުމުތަކަށް ލިބެނީ ރަނގަޅު ފުރުސަތެއް ކަމަށް ޕެޑްރޯ ބްރިޓޯ، ބޫބިޝްޓާ ބުނެފިއެވެ.

މިއީ ތާރީހުގައިވެސް އެންމެ ބޮޑު ވޯލްޑް ކަޕެވެ. މިފަހަރު ޖުމުލަ 104 މެޗު ކުޅެވިގެންދާ އިރު، މިއީ ހަތަރު އާ ގައުމެއްވެސް ވޯލްޑް ކަޕުން ފެނިގެންދާ ފަހަރެކެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕެއްގައި ވާދަކުރި އެންމެ ކުޑަ ގައުމު، ކިއުރަސާއޯއާއި ވޯލްޑް ކަޕެއްގައި ވާދަކުރި ތިންވަނައަކަށް އެންމެ ކުޑަ ގައުމު ކޭޕް ވާޑް، އުޒްބެކިސްތާން އަދި ޖޯޑަންއެވެ.

އޭގެ އިތުރުންވެސް ގިނަ ދުވަސްތަކަކަށްފަހު ވޯލްޑް ކަޕަށް އަލުން އެނބުރި އައި ޓީމުތައްވެސް މިފަަހަރު ގިނައެވެ.

ގިނަ ޓީމުތަކަކަށް ފުރުސަތު ލިބޭ ގޮތަށް ވޯލްޑް ކަޕް ބޮޑު ކުރުމާއެކު އެކަމަށް ފާޑު ކިޔުންވެސް އަމާޒުވެފައިވެއެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފޯރި ކުޑަވާނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އައި އިރު ނަތީޖާގެ ފަރަގު ބޮޑުކޮށް ފެނުނީ ކިއުރަސާއޯ އަދި ޖަރުމަނު ވާދަކުރި މެޗުގައެވެ. އެމެޗު ޖަރުމަނުން ވަނީ 7-1 އިން ކާމިޔާބު ކޮށްފައެވެ. ރޭ ކޭޕް ވާޑުން ވަނީ 2010 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަނުން އަދި އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ސްޕެއިން ކައިރިން 0-0 ގައި ހިފަހައްޓާލައިފައެވެ.

"އަހަރެމެންނަށް ބުނެވިދާނެ ސްޕެއިން ބޯޅަ ހިފަހައްޓައިގެން ކޮންޓްރޯލް ކުރިއޭ. އެކަމަކު އެއީ މެޗު ކޮންޓްރޯލް ކުރުމެއް ނޫން. އަހަރެމެން ސްޕެއިން ކޮންޓްރޯލް ކުރީ މުޅިން އެހެން ގޮތަކަށް ތަފާތުކޮށް. އަހަރެން އުންމީދުކުރިން ޓްރާންސިޝަންތަކުގައި ކުރިއަށްވުރެ ބޮޑަށް ފައިދާ ނެގޭނެ ކަމަށް. އެކަމަކު ސްޕެއިން އެކަމަށް އުނދަގޫ،" ބޫބިޝްޓާ ބުންޏެވެ.

ބޫބިޝްޓާ ބުނީ ވޯލްޑް ކަޕުން ލިބުނު ފުރުސަތުގައި ފުރަތަމަ މަގުސަދު ހާސިލްވެއްޖެ ކަމަށާއި އެއީ ގައުމު ދުނިޔެއަށް ދައްކާލުން ކަމަށެވެ. އަދި ކުރިއަށް މަސައްކަތް އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"މިހާރު މިއޮތް ފުރުސަތަކީ ކުދި ގައުމުތަކަށް އޮތް ފުރުސަތެއް. މިހާރު މިއޮތް ގޮތުން ކުދި ގައުމުތަކަށްވެސް އެބަ ލިބޭ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތައް ކައިރީ ޕާފޯމް ކޮށްލަން ފުރުސަތު. އަހަންނަށް ހީވަނީ ފުޓުބޯޅައަކީ މިޒަމާނުގެ އޯގަނައިޒޭޝަން، ކެރުންތެރިކަން އަދި ހިތްވަރުން ކުޅެވޭނެ އެއްޗެއްހެން. އެކަން އެއީ ކުދި ޓީމުތަކުގެ ވިސްނުމަކަށް ވެއްޖެނަމަ ނަތީޖާ ހޯދޭނެ،" ބޫބިޝްޓާ ފާހަގަކުރިއެވެ.