އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރއާ ގުޅުން ހުރި ތަންތަނުގައި ރޯކޮށްލައި ދިން އަލިފާނުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިޔާގެ އޮންލައިން ސަބޮޓާޖް ނެޓްވޯކެއް ކަމަށް ބީބީސީގެ ތަހުގީގަކުން ބުނެފިއެވެ.
މިދިޔަ އަހަރުގެ މެއި މަހު ދިން މި ހަމަލާތަކުގައި ސްޓާމަރގެ އާއިލީ ގެއަކާއި، އޭނާ ކުރިން ދިރިއުޅުއްވި ގެއެއްގެ އިތުރުން އޭނާ ވިއްކާލާފައިވާ ކާރެއްގައި ވަނީ ރޯކޮށްލައިފައެވެ. މި މައްސަލައިގައި އިނގިރޭސިވިލާތުގެ ކޯޓަކުން ދާދި ފަހުން ވަނީ ޔޫކްރެއިނަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ރޯމަން ލަވްރިނޯވިޗް އަދި ރޫމޭނިއާގެ 27 އަހަރުގެ ސްޓަނިސްލާވް ކާޕިއުކްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުންނަށް ފައިސާ ދީގެން މި ކަމަށް އައްޔަނުކޮށްފައިވަނީ ޓެލެގްރާމް މެދުވެރިކޮށެވެ. އަދި މިކަމުގެ އަޑީގައި ހުރީ “އެލް މަނީ” ގެ ނަމުން ހަރަކާތްތެރިވި ރަޝިޔާގެ 23 އަހަރުގެ ޑިޕްލޮމެޓެއް ކަމަށްވާ ޔެވްގެނީ ލިއުކްޝިން ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ޖާސޫސީ އިދާރާތަކުގެ ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މިއީ ޔޫރަޕުގެ ގައުމުތަކުގެ އެތެރޭގެ ހަމަޖެހުން ނަގާލުމަށް ރަޝިޔާއިން ކުރިއަށްގެންދާ ހައިބްރިޑް ހަނގުރާމައިގެ ބައެކެވެ. އަދި މިފަދަ ހަމަލާތަކަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އިނގިރޭސި ސަރުކާރުގެ އޮފިޝަލުން ވަނީ ފާހަގަކުރައްވައިފައެވެ. ބޮޑުވަޒީރު ސްޓާމަރ ވަނީ މިއީ ޑިމޮކްރަސީއަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ނަމަވެސް، އިނގިރޭސިވިލާތުގައި ހުންނަ ރަޝިޔާގެ އެމްބަސީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނާ ހިލާފު އެއްވެސް އަމަލަކާ ރަޝިޔާއާ ގުޅުވުމަށް ކުރާ މަސައްކަތްތައް ބަލައިނުގަންނާނެ ކަމަށާއި، އިނގިރޭސިވިލާތަށް ރަޝިޔާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުގެ ކައުންޓަރ-ޓެރަރިޒަމް އިދާރާތަކުން މިހާރު ދަނީ ރަޝިޔާގެ ސަބޮޓާޖް ނެޓްވޯކްތަކުން އެ ގައުމުގައި ހިންގަމުންދާ ހަރަކާތްތައް އިތުރަށް ތަހުގީގުކުރަމުންނެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
ކޮމެންޓް