ސްޕެއިނާ ދެކޮޅަށް ކޭޕް ވާޑުން ކުޅުނު މެޗުގެ ފަހު ކަށިގަނޑާއެކު ހުރިހާ ކެމެރާއެއްގެ ފޯކަސްވެސް އަމާޒުވީ ގޯލްކީޕަރު، ވޮޒީނިއާއަށެވެ. އުމުރުން 40 އަހަރުގެ ކޭޕް ވާޑް ކީޕަރު ވޮޒީނިއާއަށް އޭރު ހުރީ ރޮވިފައެވެ. 2010 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ކައިރިން ހޯދުނު ޕޮއިންޓްގެ ހިތާމައިގައެއް ނޫނެވެ. އުފާވެރިކަމުގައެވެ. ފަސް ލައްކަ ހަމަނުވާ ކޭޕް ވާޑުން ސްޕެއިން ހިފަހައްޓާލި އިރު، އެ މެޗުގެ ތަރިއަކަށް ވެވުނީތީއެވެ. ވޯލްޑް ކަޕްގެ ހުވަފެނުގައި ކުލަ ޖެހުނީ ތަފާތު އިހުސާސަކާ އެކުގައެވެ.

ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ޗާވޭސްއަށް ކުޅެމުން އަންނަ ވޮޒީނިއާ ވަނީ ސްޕެއިން ހެފެހެއްޓުމަށް ހަތް ވަރަކަށް ސޭވްކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އެތައް ގޮތަކުން ކޭޕް ވާޑަށް ހާއްސަވި ނަތީޖާއާއެކު ވޮޒީނިއާގެ ނަންވެސް ދުނިޔޭގެ އެންމެ ވަރުގަދަ މުބާރާތް، ފީފާ ވޯލްޑް ކަޕްގެ ތާރީހުގެ ތެރެއިން ޖާގަ ހޯދިއެވެ.

"އަހަންނަށް ރޮވުނީ އަހަރެންގެ ކާފައާއި މާމަގެ ހަނދާނުގައި. މީގެ ދެތިން އަހަރު ކުރިން އެ ދެމީހުންވެސް ވަނީ މަރުވެފައި. އެއީ އަހަންނަށް ހަޔާތުގައި އެންމެ މުހިއްމު ދެމީހުން. އެ ދެމީހުންގެ ހަނދާން އާވި މި މެޗު ނިމުމާއެކު. މިއީ އެ ދެމީހުންގެ ހުވަފެނެއް،" ވޮޒީނިއާ ބުންޏެވެ.

ވޮޒީނިއާ އިތުރަށް ބުނީ ކޭޕް ވާޑްގެ އެކުވެރިކަމަކީ ސިއްރުކަމަށާއި، މަންމަ މިއަދު ސްޓޭޑިއަމްގައި ނެތުމަކީވެސް ލިބުނު އުނިކަމެއް ކަމަށެވެ.

"އަހަންނަށް ރޮވުނު އަނެއް ސަބަބަކީ މަންމަ. އަހަރެންގެ މަންމައަށް މިއަދުގެ މެޗަށް ނާދެވުނީ ވިސާގެ ކަންކަން މެނޭޖް ނުކުރެވިގެން. ހަގީގަތުގައި އެކަމަށް ހޭދަވާ ހަރަދު ބޮޑުވުމުން އަހަރެމެންނަށް އެކަން ނުވީ،" އުފަލުން ފޮޅިފައި ހުރި ވޮޒީނިއާ ބުންޏެވެ.

ވޮޒީނިއާ ބުނީ ކޭޕް ވާޑްގެ ޓީމަކީ ޗުއްޓީއަކަށް ވޯލްޑް ކަޕަށް ދިޔަ ޓީމެއް ނޫންކަން ސާފުވާނެ ކަމަށާއި، ޓީމުގެ އެންމެ ބޮޑު ހަތިޔާރަކީ ބަދަހިކަން ކަމަށެވެ. އެގޮތުން ދާދިފަހުން ޓީމާ ގުޅުނަސް، 10، 15 އަހަރު ޓީމުގައި ހޭދަކުރި މީހެއް ނަމަވެސް، އެއީ ޓީމުގެ އާއިލާ ކުޅުންތެރިއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ވޮޒީނިއާ މެޗުގައި ކުރި ހަތް ސޭވަކީ ހާއްސަ ހަތް ސޭވެކެވެ. 1986 ވަނަ އަހަރު ނޮދާން އަޔަލޭންޑާއި ބްރެޒިލް ވާދަކުރި މެޗުގައި ޕެޓް ޖެނިންސް، އުމުރުން 41 އަހަރުގައި 10 ސޭވް ކުރި އިރު، ވޮޒީނިއާއަކީ 40 އިން މައްޗަށް ދިޔަފަހުން ވޯލްޑް ކަޕް މެޗެއްގައި ދެވަނައަކަށް އެންމެ ގިނަ ސޭވް ކުރި ކުޅުންތެރިޔާއެވެ.

ރޭގެ މެޗަށް ވޮޒީނިއާ ނުކުތް އިރު، އިންސްޓަގްރާމް ހެންޑަލްގައި 50،000 އެއްހާ ފޮލޯވާސް ތިބި ނަމަވެސް، އެންމެ ދެ ގަޑިއިރެއްގެ ތެރޭގައި ފޮލޯވަރުން ދެ މިލިއަނަށް އަރައިގެން ދިޔައެވެ. މިހާރު އޭނާގެ އެކައުންޓް ފަސް މިލިއަނަށް އަރަނީއެވެ. ދުނިޔޭގެ ސަމާލުކަން ހޯދައި، ވޯލްޑް ކަޕްގެ ތާރީހުންވެސް ޖާގަ ހޯދައިފިއެވެ.