އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ގާއިމުކުރަން އުޅޭ ސުލްހައިގެ އެއްބަސްވުމަކާ ގުޅިގެން، ރިޕަބްލިކަން ޕާޓީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ.

ކުރިއަށް އޮތް މިޑްޓާމް އިންތިހާބާ ދިމާކޮށް މި މައްސަލަ ހޫނުވެފައިވާ އިރު، ޕާޓީގެ އިސް ފަރާތްތަކުން ވަނީ މިއީ އީރާނުގެ ކުރިމަތީގައި އެމެރިކާއިން އަމާންދިނުން ކަމަށް ސިފަކޮށްފައެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި ހިފަހައްޓާފައިވާ އީރާނުގެ 20 ބިލިއަން ޑޮލަރު ދޫކޮށްލުމަށް ވަނީ ހުށަހަޅައިފައެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފަސްކުރުމަށް ވެސް ހިމަނާފައިވެއެވެ.

މިކަމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ކަމަށްވާ ލިންޑްސީ ގްރަހަމް އަދި ޓެޑް ކްރޫޒްގެ އިތުރުން ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޕޮމްޕެއޯ ވިދާޅުވި ގޮތުގައި މިއީ އެމެރިކާ ފަސްޖެހި، އީރާނަށް ފައިސާ އާއި ބާރު ލިބޭނެ ގޮތަށް އެކުލަވާލާފައިވާ ގޯސް ނިންމުމެކެވެ. އަދި މިއީ އެއްވެސް ޝަރުތަކާ ނުލައި އީރާނުން އަމާންދޭން ޖެހޭނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވި ވިދާޅުވުމާ ހިލާފު ކަމެއް ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މި ފާޑުކިޔުންތަކަށް ރައްދުދެއްވައި ޓްރަމްޕް ވަނީ، އެއްބަސްވުމުގެ ތަފުސީލު ނޭނގި ފާޑުކިޔާ ފަރާތްތަކަކީ އެއްވެސް ކަމެއް ނޭނގޭ ބައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

މީގެ އިތުރުން، ޓްރަމްޕްގެ ކެމްޕެއިން ޓީމުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗިއުންގް ވަނީ، ޕޮމްޕެއޯއަށް އެއްވެސް ކަމެއް ނޭނގޭނެ ކަމަށާއި އެކަންކަން ތަޖުރިބާކާރުންނަށް ދޫކޮށްލުމަށް ގޮވާލައްވައިފައެވެ.

ސިޔާސީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެފައިވާތީ ޓްރަމްޕް ބޭނުންފުޅުވަނީ އަވަހަށް މައްސަލަ ހައްލުކުރާށެވެ. ނަމަވެސް، ޕާޓީގެ އެތެރޭގައި އުފެދިފައިވާ މި ބައިބައިވުމުގެ ސަބަބުން، ނޮވެމްބަރު މަހު އޮންނަ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ އެއްބައިވަންތަކަމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. މިވަގުތު ކޮންގްރެސްގެ ގިނަ މެންބަރުން ތިއްބެވީ މި މައްސަލައިގައި ވަކި ގޮތެއް ނުނިންމައި ކަމަށް ރިޕޯޓްތައް ބުނެެެއެވެ.