ވޯލްޑް ކަޕް 2026 ގައި ސަލާހު މިސްރުން ބެލްޖިއަމް އަތުން ޕޮއިންޓެއް ހޯދައިފިއެވެ.
ބެލްޖިއަމް ވަނީ 14 ފީފާ ވޯލްޑް ކަޕެއްގައި އަދި ހަ ޔޫއެފާ ޔޫރޯގައި ކުޅެފައެވެ. ފުރަތަމަ ރަން ޖީލުގައި ޔޫރޯ 1980 ގެ ފައިނަލަށް ގޮސް، 1986 ވޯލްޑް ކަޕްގައި ހަތަރު ވަނަ ހޯދިއެވެ. ދެ ވަނަ ރަން ޖީލުގައި 2015 ވަނަ އަހަރު ފީފާ ރޭންކިންގެ އެއް ވަނައަށް ފުރަތަމަ ފަހަރަށް އެރިއެވެ. 2018 ވޯލްޑް ކަޕްގައި ތިން ވަނަ ހޯދިއެވެ. އެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބެލްޖިއަމް ބަލިވީ ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ.
އޭގެ ކުރިން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް 2014 ގައި ކުއާޓާ ފައިނަލަށް ވެސް ދަތުރުކުރިއެވެ. ކުއާޓާގައި ބެލްޖިއަމް ބަލިވީ އާޖެންޓިނާ އަތުންނެވެ. ދެ ވޯލްޑް ކަޕެއްގައި ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް އެންމެ ފަހުން ބޭއްވި 2022 ގެ ވޯލްޑް ކަޕް ބެލްޖިއަމަށް ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ.
މުހައްމަދު ސަލާހާއި އޮމަރް މާމޫޝް ފަދަ ތަރިންތަކެއް ހިމެނޭ މިސްރުގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. "ދަ ފެރޯސް"ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމަކީ މުޅި އެފްރިކާގެ ފަހުރެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި މިސްރުން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
ވޯލްޑް ކަޕްގައި މިސްރުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1934، 1990 އަދި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން، 1934 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމަކީ ވެސް މިސްރެވެ. ސަރަހައްދީ ފެންވަރުގައި ބަލާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމަކީ ވެސް މިސްރެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތް ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ.
މިރޭގެ މެޗު ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ބެންޗުން ފަށާފައިވީ ނަމަވެސް، އެޓީމުގެ އެހެން ތަރިން ވަނީ ފުރަތަމަ 11 ގައި ހިމަނައިފައެވެ. އެގޮތުން ތިބޯ ކޯޓުވާ، ޖެރެމީ ޑޯކޫ، ލިއާންޑްރޯ ޓްރޮސާޑް އަދި ކެވިން ޑި ބްރޭނާ ފުރަތަމަ 11 އިން ފާހަގަކޮށްލެވެއެވެ. އެންމެ ކުރިއަށް ބެލްޖިއަމުން ފެނުނީ ޗާލްސް ޑި ކެޓެލާރޭ އެވެ. އަދި މިސްރުގެ ފުރަތަމަ 11 ގައި ކެޕްޓަން ސަލާހާއި މާމޫޝް ވަނީ ހިމަނައިފައެވެ.
އެމެރިކާގެ ލުމެން ފީލްޑްގައި މިރޭ ކުޅުނު "ގްރޫޕު ޖީ" ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ބެލްޖިއަމާއި މިސްރު އެއްވަރުވެގެންނެވެ. މި މެޗު ސަލާހަށް ހާއްސަވެގެންދިޔައީ މިއަދަކީ މިސްރުގެ ތަރި ސަލާހުގެ 34 ވަނަ އުފަން ދުވަހަށް ވުމުންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ބެލްޖިއަމުންނެވެ. ދާދި ހަމަހަމަ ކުޅުމަކާއެކު ފެށުމަށްފަހު ބެލްޖިއަމްގެ އެ ހަމަލާ ފެނިގެންދިޔައީ މެޗުގެ ހަތްވަނަ މިނެޓުގައެވެ. ކެޕްޓަން ޔޫރީ ޓިލެމަންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑިބްރޭނާ ފޮނުވާލި ހަމަލާ ދިޔައީ މިސްރު ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ބެލްޖިއަމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް، މެޗުގެ 19 ވަނަ މިނެޓުގައި މިސްރުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކެޕްޓަން ސަލާހު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެމާމް އަޝޯރް އެވެ. އޭނާގެ ހަމަލާ އަމާޒުވީ ކޯޓުވާ ބަލަހައްޓަމުންދިޔަ ގޯލުގެ ތިރީ ކަނަކަށެވެ. އެއީ މިސްރުގެ ޖާޒީގައި އަޝޯރް ޖެހި ފުރަތަމަ ގޯލެވެ.
މިސްރުގެ ގޯލަށްފަހު ކުރިއަށްޖެހި ފުރުސަތުތައް ތަނަވަސްކުރުމަށް ބެލްޖިއަމުން މަސައްކަތްކުރި ނަމަވެސް އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ 30 ވަނަ މިނެޓުގައި ޓިމޮތީ ކަސްޓަންޔޭ ނަގައިދިން ބޯޅަ ވެސް، މިސްރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޓިލެމަންސްއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ 32 ވަނަ މިނެޓުގައި މިސްރުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަރިމަތިން މޮސްތަފާ ޒީކޯ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބެލްޖިއަމްގެ ތަޖުރިބާކާރު ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ބެލްޖިއަމްގެ ނުރައްކާތެރި އެޓޭކެއް ފެނިގެންދިޔައެވެ. ޑިބްރޭނާ ނަގައިދިން ބޯޅަ، ޑޯކޫ ޖައްސާލި ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ޓްރޮސާޑަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ. އޭގެ އިރުކޮޅެއް ފަހުން ޓްރޮސާޑް ފޮނުވާލި ހަމަލާ، މިސްރުގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ބެލްޖިއަމަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޑި ކެޓެލާރޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑޯކޫ ފޮނުވާލި ހަމަލާ، މިސްރުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޭގެ އިރުކޮޅެއް ފަހުން މިސްރުގެ މާމޫޝްއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭންގްލް ހަނިވެފައިވަނިކޮށް ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ބެލްޖިއަމް ކީޕަރު ކޯޓުވާ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މިސްރު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ފުރަތަމަ ފުރުސަތުތައް ލިބިގެންދިޔައީ މިސްރަށެވެ. ދެވަނަ ހާފު ފެށިތާ ތިން މިނެޓު ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން މާމޫޝް އަދި ޒީކޯއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. އެ ދެ ހަމަލާ ވެސް ވަނީ ބްލޮކްވެފައެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ބެލްޖިއަމުން ނުރައްކާކުރިއެވެ. ބެލްޖިއަމްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑިބްރޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ މިސްރު ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ކައިރިކައިރީގައި މިސްރަށް ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ބެލްޖިއަމް ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން މާމޫޝް ހަމަލާއެއް ފޮނުވާލުމުގެ ކުރިން ބެލްޖިއަމް ޑިފެންޑަރު ބްރެންޑަން މިޝެލް ބޯޅަ ހޯދި އިރު، ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މިސްރު ކެޕްޓަން ސަލާހު ބޮލުން ފޮނުވާލި ހަމަލާ ބެލްޖިއަމް ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ. އަދި ހުސްކޮށް ހުރެ ރީބައުންސް ބޯޅައިން އަޝޯރް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ބެލްޖިއަމަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން މިސްރުން ބޯޅަ ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ބޭރުން ޓިލެމަންސް ފޮނުވާލި ހަމަލާ މިސްރު ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، އޭގެ އިރުކޮޅެއް ފަހުން ތޯމަސް މުނިއޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޑިބްރޭނާ ފޮނުވާލި ހަމަލާ އަމާޒުވީ މިސްރު ކީޕަރު މޮސްތަފާ ޝޮބީރްއާ ދިމާއަށެވެ.
މެޗުގެ 65 ވަނަ މިނެޓުގައި މިސްރުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މާމޫޝް ފޮނުވާލި ހަމަލާ، ބެލްޖިއަމް ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ މިނެޓެއް ތެރޭ ރޮމެލޫ ލޫކާކު ނުރައްކަލާއެކު ބެލްޖިއަމުން ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި މުނިއޭ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަށް ލުކާކޫ މަސައްކަތްކުރި އިރު، އެ ގޯލަކީ މިސްރުގެ މުހައްމަދު ހަނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ބެލްޖިއަމް ފޯވަޑް ލުކާކޫއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޓްރޮސާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫ ފޮނުވާލި އެ ހަމަލާ، މިސްރު ޑިފެންޑަރުން ވަނީ ބްލޮކްވެފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ބެލްޖިއަމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މެޝެލް ބޮލުން ފޮނުވާލި ހަމަލާ، މިސްރު ކީޕަރު ޝޮބީރް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ، މިސްރު ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ އިރާނާއި ނިއު ޒީލެންޑެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް