"ގައުމެއްގެ ސައިޒަކީ ފުޓުބޯޅައިގައި އެއްވެސް އެއްޗެއް ނޫން،" ކޭޕް ވާޑްގެ ކޯޗު، ޕެޑްރޯ ބްރިޓޯ، ބޫބިޝްޓާ ވޯލްޑް ކަޕްގެ ކުރިން ބުނީ މިހެންނެވެ.
އޭގެފަހުން ސްޕެއިން މެޗާ ދިމާކޮށް ބުނީ، ސްޕެއިނާ ދެކޮޅަށް ނުކުންނާނީ ހަމަޖެހިލައިގެން ކަމަށެވެ. އަދި ހާއްސަކޮށް އެ މެޗަކީ ގައުމަށް، ހުރިހާ ރައްޔިތުންނަށް ހުވަފެނީ މެޗެއް ކަމަށް ބުންޏެވެ. އެއާއެކު އެންމެ ބޮޑު ވާހަކައަށް ބުނީ، ވާދަކޮށްލަން ވައުދުވާ ކަމަށެވެ.
އެކަން ކޮށްފިއެވެ. ފަސް ލައްކަ މީހުން ހަމަނުވާ ކޭޕް ވާޑަކީ މިހާތަނަށް ވޯލްޑް ކަޕަކަށް ކޮލިފައިވި ތިންވަނައަކަށް އެންމެ ކުޑަ ގައުމެވެ. އެއީ ކިއުރަސާއޯގެ އިތުރުން އައިސްލޭންޑްގެ ފަހަތުންނެވެ. ވޮލްކޭނިކް 10 ވަރަކަށް ރަށުގެ މައްޗަށް ބިނާވެފައި އޮންނަ ހުޅަނގު އެފްރިކާގެ ކޭޕް ވާޑަށް މިއީ ފުރަތަމަ ވޯލްޑް ކަޕެވެ.
އެއީ ގައުމުގެ ސައިޒެވެ. މިރޭ ނުކުތީ 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ. އެއީ މިފަހުގެ ފުޓުބޯޅަ ބަދަލުކޮށްލި ވަރުގަދަ ގައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ލީގު އޮތީ ސްޕެއިންގައެވެ. އެތައް ތަރިންނެއް އެޓީމުގައި ތިއްބެވެ. އެންމެފަހުގެ ޔޫރަޕިއަން ޗެމްޕިއަނަކީވެސް ސްޕެއިންނެވެ.
ދެން ބަލަމާ ހިނގާށެވެ. މެޗު 0-0 އިން ހިފަހައްޓާލައި، ކޭޕް ވާޑުން ފޭބީ ކަރުނައާއެކުގައެވެ. ކީޕަރު ވޮޒީނިއާ، 40، ތަފާތު ކުޅުމެއް ދައްކައިގެން ފޭބި އިރު، އޭނާއަކީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ޗާވޭސްއަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.
ގާތްގަނޑަކަށް ސްކޮޑުގެ އަގަށް ބަލާއިރު، ސްޕެއިނުން މިރޭ ފެށި 11ގެ އަގުވެސް، ޓްރާންސްފާ އެނަލައިސްތައް ކުރާ ފަރާތްތަކުން 515 މިލިއަން ޔޫރޯއަށް އަގުކުރެއެވެ. ބެންޗާއެކު ބިލިއަން ޔޫރޯއާ ގާތްކުރާނެއެވެ. ދެން އޮތީ ކޭޕް ވާޑެވެ. ފުރަތަމަ 11 އަގުކޮށްފައިވަނީ 15.35 ޔޫރޯގެ އަގެއްގައެވެ. އެއީ ގާތްގަނޑަކަށް 33.5 ގުނަ ދަށް އަދަދެކެވެ.
ކޭޕް ވާޑްގެ ހިތްވަރާއި ޓެކްޓިކަލް ހިފެހެއްޓުން އެއީ ހައިރާންކަމެއް ނަމަވެސް، ކޮލިފިކޭޝަނާއި މިދިޔަ އަހަރުތަކުގައި ކޭޕް ވާޑުން ދިޔައީ އެ މަންޒަރު ދެކެމުންނެވެ. މިދިޔަ ހަ އަހަރު އަގައުމުގައި ހުރި ކޯޗު ބޫބިޝްޓާއަކީ 2025 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ކޯޗެވެ. ކޭޕް ވާޑަކީ މުޅި އެފްރިކާގެވެސް އެންމެ އޮގަނައިޒިން ރަނގަޅު ޓީމެވެ.
ތާރީހީ "ޝޮކެއް"
އާޖެންޓީނާއިން މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ ސައުދީ އަރަބިއާ އަތުން ބަލިވުމަކީ އެތައް ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އާޖެންޓީނާއިން މެޗުގައި ލީޑު ނަގާފައި ވަނިކޮށް ސައުދީން ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު އަނބުރާލާފައިވާ އިރު، މެޗު ސައުދީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެއީވެސް ހައިރާންކަން ލިބުނު ނަތީޖާއެކެވެ. މިއަދުގެ ނަތީޖާ ވެގެންދާނީވެސް އެ ލިސްޓަށް އިތުރުވާ ނަތީޖާއަކަށެވެ. ވޯލްޑް ކަޕް ތާރީހުގައި އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާއަށެވެ. ތާރީހަށް ނަޒަރު ހިންގާލާނަމަ މިފަދަ ބައެއް ނަތީޖާތައް ވޯލްޑް ކަޕްގައި ފެނިގެން ގޮސްފައިވެއެވެ.
ރޯޖާ ލެމެރޭގެ ފްރާންސް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އޮވެގެންނެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގައި އޮތް 2002 ވަނަ އަހަރުގެ ވޯލްޑްގެ ފުރަތަމަ މެޗަށް ސެނެގާލާ ދެކޮޅަށް ފްރާންސް ނުކުތް އިރު، އެ މެޗަށް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޒައިނެދީން ޒިދާން ނުނިކުމެއެވެ. އެހެން ނަމަވެސް ތިއެރީ އޮންރީ އާއި ޕެޓްރިކް ވިއެރާ ފަދަ ކުޅުންތެރިން ތިބި ފްރާންސަށް ސެނެގާލް ކައިރިން 1-0 ގެ ބައްޔަކާ ކުރިމަތިވާނެ ކަމަށް އެއީ އަންދާޒާ ނުކުރެވި އޮތް ނަތީޖާއެކެވެ.
މެޗުގައި ސެނެގާލަށް ތާރީހީ ގޯލު ޖަހައިދިނީ ޕާޕާ ޑޫބާ ޑިއޮޕެވެ.
ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު އިޓަލީގައި އޮތް ވޯލްޑް ކަޕަށް އާޖެންޓީނާ ނުކުތީ 12 އަހަރު ތެރޭގައި ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށެވެ. އަދި ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި ތިންވަނަ ގައުމަކަށް ވުމަށެވެ. އެފަހަރު ފައިނަލަށް އާޖެންޓީނާ ގޮސް، ވެސްޓް ޖަރުމަނު ކައިރިން ފައިނަލްގައި ބަލިވި އިރު، ފެށުން ދިޔައީ ހައިރާން ކުރުވަނިވި ގޮތަކަށެވެ.
ޑިއޭގޯ މަރަޑޯގެ ލީޑާޝިޕްގައި މުބާރާތަށް ނުކުތް އާޖެންޓީނާ ފުރަތަމަ މެޗުގައި ބަލިވީ ކެމަރޫން އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް އަޔަލެންޑް ދިޔަ ހިސާބަކީ އެގައުމަށް ފުޓުބޯޅައިގެ ޗާޓަށް ވަދެވުނު ހިސާބެވެ. އެފަހަރު އަޔަލެންޑް ބަލިވީ އިޓަލީ ކައިރިންނެވެ. އެ ބައްޔާއެކު 1994 ވަނަ އަހަރު ވޯލްޑް ކަޕަށް އަޔަލެންޑް ކުރިމަތިލީ އިޓަލީއަށް ދޯކާއެއް ދޭށެވެ. އެހެން ނަމަވެސް އެއީ އެއްވެސް ފުޓުބޯޅަ ސަޕޯޓަރަކު ކުރި އަންދާޒާއެއް ނޫނެވެ. އަޔަލެންޑުން ނިއު ޖާޒީގައި ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި އެފަހަރު އިޓަލީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ޔޫރޯ 2008 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތް ސްޕެއިނަކީ އޭރު "އަން ޓަޗެބަލް" ޓީމެކެވެ. އެހާވެސް ހުނަރުވެރި ކުޅުންތެރިން ތިބި އެޓީމުން 2010 ވަނަ އަހަރު ދެކުނު އެފްރިކާގެ ވޯލްޑް ކަޕް ފެށީ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ޑެލް ބޮސްކޭގެ ސްޕެއިނުން އެ މެޗުގައި 1-0 އިން ބަލިވީ މުޅި ދުނިޔެ ހައިރާން ކޮށްލައިފައެވެ. އެ ބައްޔަކީ ސްޕެއިނަށް ދިން އެލާމެކެވެ. އެ އެލާމުގެ ސަމާލުކަމާ އެކު އެފަހަރު ސްޕެއިނުން އެގައުމުގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕްވެސް އުފުލާލިއެވެ.
ނަވާރަސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކެޓި ދެކުނު ކޮރެއާ، އަމިއްލަ ގައުމުގެ ވޯލްޑް ކަޕަށް ނުކުތީ ހާލަތު ބަދަލުކުރަން ނަމަވެސް އެޓީމުން އެ މުބާރާތުގެ ސެމީ ފައިނަލް ކުޅޭނެ ކަމަށް އެއްވެސް ބަޔަކު ހީއެއް ނުކުރެއެވެ. ހާއްސަކޮށް ގަދަ 16 ގައި ވަރުގަދަ އިޓަލީއާ ދެކޮޅަށް ދެކުނު ކޮރެއާ ކުޅުނު މެޗުގައި 2-1 އިން ކޮރެއާ މޮޅުވާނެ ކަމަށް ހީކުރި މީހަކު ވާނެއެވެ. އެ މެޗު ނިމުނީ އިޓަލީގެ ލެޖެންޑް، ފްރެންޗެސްކޯ ޓޮޓީއަށް ދެއްކި ރަތް ކާޑަކާވެސް އެކުގައެވެ.
ކޭޕް ވާޑުން ކުރި ކަމަކީ ރެކްރޫޓް ކުރުން
ދެން ދައްކާލަން އޮތް އަނެއް ވާހަކައަކީ ކޭޕް ވާޑުން މި ނެރޭ ނަތީޖާތަކުގެ ފަހަތުގައި އޮތީ ކޮން ކަމެއްތޯއެވެ. ހަގީގަތުގައި އެގައުމުން ހުނަރު ހޯދަނީއެވެ. ވޯލްޑް ކަޕް ސްކޮޑުގެ 50 ޕަސެންޓަކީ އެހެން ގައުމުތަކަށް އުފަން އެގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިންނެވެ. 1960 އާއި 1970 ގެ އަހަރުތަކުގައި ކޭޕް ވާޑުން ގިނަ ބަޔަކު ހިޖުރަކުރި އިރު، އެގައުމު ޕޯޗުގީޒުން އަތުން މިނިވަންވީ 1975 ވަނަ އަހަރުއެވެ.
އެހެންކަމުން ކޭޕް ވާޑުން ފުޓުބޯޅަ ވަރުގަދަ ކުރަން ކުރި މަސައްކަތަކީ ނެދަލޭންޑްސް، ފްރާންސް، ޕޯޗުގަލް އަދި އަޔަލޭންޑް ފަދަ ގައުމުތަކުން އެގައުމަށް ކުޅެވޭނެ ކުޅުންތެރިން ހޯދުނެވެ. އެގޮތުން މިހާރުގެ ސްކޮޑުގައި ކޭޕް ވާޑުގެ 12 ކުޅުންތެރިންނާއެކު ފްރާންސަށް އުފަން ތިން ކުޅުންތެރިން، ޕޯޗުގަލްއަށް އުފަން ތިން ކުޅުންތެރިން، ނެދަލޭންޑްސްއަށް އުފަން ހަ ކުޅުންތެރިން އެމެރިކާއާއި އަޔަލޭންޑަށް އުފަން ކުޅުންތެރިޔަކު ހިމެނެއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް