ޗައިނާއިން ދުނިޔޭގެ ފުރަތަމަ އޮފްޝޯ ވިންޑް-ޕަވަރޑް ކަނޑުއަޑީގެ ޑޭޓާ ސެންޓަރު ޝަންހާއީގެ އައްސޭރިފަށުގައި ގާއިމުކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. ޝަންހާއީގެ ލިންގަންގް ސްޕެޝަލް އޭރިއާގެ އައްސޭރިފަށާ 10 ކިލޯމީޓަރު ދުރުގައި، ކަނޑުގެ 35 މީޓަރު އަޑީގައި ގާއިމުކޮށްފައިވާ މި ޑޭޓާ ސެންޓަރަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބޮޑެތި ޑޭޓާ ޕްރޮސެސްކުރުމަށް ބޭނުންވާ ހަކަތަ އިއާދަކުރަނިވި ގޮތެއްގައި ހޯދުމަށް ފެށި މަޝްރޫއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާ ސަރުކާރާއި ހައިކްލައުޑް ޓެކްނޮލޮޖީ ގުޅިގެން 226 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި މި ފެސިލިޓީގައި 24 މެގަވޮޓްގެ ކެޕޭސިޓީ ހުރެއެވެ. އަދި 2،000 އާ ގާތްކުރާ އަދަދަކަށް ސާވަރު ހިމެނޭއިރު، މިއީ އޭއައި އަދި ފައިވްޖީގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ތަނެކެވެ. މި ސެންޓަރަށް ބޭނުންވާ ކަރަންޓުގެ 95 އިންސައްތަ އުފައްދަނީ ކައިރީގައިވާ އޮފްޝޯ ވިންޑް ފާމަކުންނެވެ.

މި މަޝްރޫއުގެ އިންޖިނިއަރިން ޓީމުން ފާހަގަކުރި ގޮތުގައި، އެއްގަމުގައި ހަދާފައި ހުންނަ އާންމު ޑޭޓާ ސެންޓަރުތަކާ ހިލާފަށް، މި ސެންޓަރު ފިނިކުރުމަށް ބޭނުންކުރަނީ ކަނޑުގެ ލޮނުގަނޑެވެ. ޝެންޒެން ހައިކްލައުޑް ޑޭޓާ ސެންޓަރު ޓެކްނޮލޮޖީގެ ޕްރޮޖެކްޓް މެނޭޖަރު ޕޫ ޑިންގް ވިދާޅުވި ގޮތުގައި، ކަނޑުގެ އަޑީގައި ސާވަރުތައް ބެހެއްޓުމުން ފިނިކުރުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. އަދި މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 22.8 އިންސައްތަ ދަށްކުރެވޭނެ ކަމަށާއި، ސާވަރުތައް ފިނިކުރުމަށް ސާފު ފެން ބޭނުންކުރަން ނުޖެހޭނެ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މީގެ އިތުރުން، އެއްގަމުން ބިން ބޭނުންކުރާ މިންވަރު 90 އިންސައްތަ ކުޑަކުރެވޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ޓެކްނޮލޮޖީއާ ގުޅޭގޮތުން ހޮންގްކޮންގް ޕޮލިޓެކްނިކް ޔުނިވަސިޓީގެ ޑރ. ހަންޖިއަންގް ޑޮންގް ވިދާޅުވީ، މައިކްރޯސޮފްޓުން މީގެ ކުރިން މިފަދަ ކޮންސެޕްޓެއް ޓެސްޓުކުރި ނަމަވެސް، ވިޔަފާރީގެ އުސޫލުން މިކަން އެންމެ ފުރަތަމަ ކާމިޔާބުކުރީ ޗައިނާއިން ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން އޭއައި ފުޅާކުރުމަށް ގިނަ އަދަދެއްގެ ޑޭޓާ ސެންޓަރުތައް ބިނާކުރަމުން އަންނައިރު، އެ ތަންތަނަށް ބޭނުންވާ ހަކަތަ އާއި ފެނުގެ މައްސަލައަކީ ބޮޑު ގޮންޖެހުމެއްކަމަށް ހަބަރުތައް ބުނެއެވެ. އދ. އިން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ފެނުގެ މިންވަރު 9.3 ޓްރިލިއަން ލީޓަރަށް އަރާނެއެވެ. ނަމަވެސް، ބައެއް ސައިންސްވެރިން ވަނީ ކަނޑުއަޑީގެ ޑޭޓާ ސެންޓަރުތަކުން ބޭރުވާ ހޫނުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވެދާނެ ކަމުގެ އިންޒާރުދީފައެވެ.

ޗައިނާގެ ހަބަރުތައް ބުނާ ގޮތުގައި މިވަގުތު ޝަންހާއީ ސެންޓަރުގެ އޮޕަރޭޝަންތައް ފަށާފައިވާއިރު، ޗައިނާއިން ދަނީ 500 މެގަވޮޓްގެ ކެޕޭސިޓީ ހިމެނޭ މިފަދަ އިތުރު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންނެވެ.