އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާ (އެމްއޯޔޫ) އަށް ފުރިހަމައަށް އަމަލުކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އިން މިއަދު ގޮވާލައިފިއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތައް ވަގުތުން ހުއްޓުމަކަށް އައިސް، މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.

އަބޫދާބީގައި އާންމުކުރި މި ބަޔާނުގައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގައުމުތަކުގެ އިސްތިގުލާލު ދެމެހެއްޓުމަށް ވަނީ ބާރުއަޅައިފައެވެ. ހާއްސަކޮށް، ދުނިޔޭގެ އިގުތިސޯދަށް މުހިންމު ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމަކީ މުޅި ދުނިޔޭގެ އިގުތިސޮދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން ކުރެއްވި ޑިޕްލޮމެޓިކް މަސައްކަތްތަކަށާއި، މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކަށް ޔޫއޭއީން ވަނީ ތައުރީފުކޮށްފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް މީގެ ކުރިން ވިދާޅުވެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ވެވޭ ކޮންމެ އެއްބަސްވުމެއްގައިވެސް މައްސަލަތަކުގެ އަސްލަށް ހައްލު ހޯދަން ޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ، މުސްތަގުބަލުގައި ސަރަހައްދީ އާ މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ. ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް ކުރާ ކޮންމެ މަސައްކަތަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މި ފަހުމުނާމާއަކީ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރެވޭނީ ދެ ފަރާތުންވެސް އެއްބަސްވުމުގެ ޝަރުތުތަކަށް ފުރިހަމައަށް ތަބާވެގެން ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.