100 އަށްވުރެ ގިނަ ދުވަސްވީ ހަނގުރާމައަށްފަހު ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާކަން ދޭހަވާ ފަދަ ބަޔާންތަކެއް މި ހަފުތާގައި ނެރެފައިވަނިކޮށް، އީރާނާއެކު ވެވޭ އެއްބަސްވުމެއްގައި މި ހުކުރު ދުވަހު ސޮއިކުރާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.
އީރާނުގެ ވެރިރަށް ތެހެރާނުން ވެސް މިހާރު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ ގައުމުން ބުނި ގޮތުގައި، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ނިމުމަކަށް އައިކަން މިއަދު އިއުލާން ކުރާނެއެވެ.
އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގައި ހިމެނިދާނެ ކަމަށް ބެލެވޭ ކަންތައްތަކާއި މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތައް؛
އެންމެ ފުރަތަމަ އެއްބަސްވުން އިއުލާން ކުރީ ކޮން ފަރާތަކުން؟
ތެހެރާނާއި ވޮޝިންޓަނާ ދެމެދު ނުސީދާކޮށް ކުރިއަށްދިޔަ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މި ހަބަރު އެކްސްގައި ހިއްސާކުރެއްވީ އިއްޔެއެވެ.
ލުބުނާން ހިމެނޭހެން "ހުރިހާ ދާއިރާއަކުން އަސްކަރީ ހަރަކާތްތައް ދާއިމީކޮށް ހުއްޓާލުމަށް" އެއްބަސްވެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ޓްރަމްޕް ވަނީ ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި އެ ހަބަރު ކަށަވަރުކޮށްދެއްވައި، "އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއާއެކު ވެވޭ އެއްބަސްވުން މިހާރު ވަނީ ފުރިހަމަވެފައި" ކަމަށް ލިޔުއްވައިފައެވެ.
އެ އެއްބަސްވުމުގެ ދަށުން "ހޮރްމުޒް ކަނޑުއޮޅި އެއްވެސް ފީއަކާ ނުލައި ހުޅުވާލުމަށާއި" އަދި އެއާއެކު "އެމެރިކާގެ ކަނޑުގެ އަސްކަރީ ބަންދު ވަގުތުން އުވާލުމުގެ" ފުރިހަމަ އިހުތިޔާރު ލިބިގެންދާނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
މީގެ ކުރިން ޓްރަމްޕް ވަނީ އެމެރިކާ އާއި އީރާނުގެ އެއްބަސްވުން "ވަރަށް އަވަހަށް" އިއުލާން ކުރައްވަން ނިންމަވާފައިވާ ކަމަށް ދަ ވޮޝިންޓަން ޕޯސްޓަށް ވިދާޅުވެފައެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއްބަސްވުމުގައި އިލެކްޓްރޯނިކްކޮށް ސޮއިކުރައްވާނީ ޓްރަމްޕް ނުވަތަ ނައިބު ރައީސް ޖޭޑީ ވެންސް އެވެ.
އިއްޔެ ޓްރަމްޕް ދަ ނިއު ޔޯކް ޓައިމްސްއަށް ވިދާޅުވީ، މެދުއިރުމަތީގެ އާމްދަނީގެ 20 އިންސައްތަ އެމެރިކާއަށް ލިބޭ ގޮތަށް، އެމެރިކާއިން އަސްކަރީ ހަރަކާތްތައް އަލުން ފަށައިފާނެ ކަމަށް ނުވަތަ އެ ސަރަހައްދުގެ "ބަލަދުވެރިޔާ" އަށް ވެދާނެ ކަމަށެވެ. ނަމަވެސް، މި އިންޓަވިއު ދެއްވީ އެއްބަސްވުން އިއުލާން ކުރުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް ސާފެއް ނޫނެވެ.
އީރާނުން ބުނަނީ ކީކޭ؟
އީރާނުގެ ޚާރިޖީ ވުޒާރާގެ ގާނޫނީ އަދި ބައިނަލްއަޤުވާމީ ކަންކަމާބެހޭ ނައިބު، ކާޒިމް ޣަރީބުއާބާދީ ވަނީ އަސްކަރީ ހަރަކާތްތައް "ވަރަށް އަވަހަށް" ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭކަން ކަށަވަރުކޮށްދެއްވައިފައެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣަރީބުއާބާދީ ވިދާޅުވީ ލުބުނާން ހިމެނޭހެން އެކި ދާއިރާތަކުގައި ކުރިއަށްދާ ހަނގުރާމައާއި އަސްކަރީ ހަރަކާތްތައް "ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުން" މިއަދުން ފެށިގެން އިއުލާން ކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ފައިނަލް އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށްދާނީ 60 ދުވަހުގެ މުއްދަތަކަށެވެ. އަދި އެކަން ކުރިއަށްދާނީ އެމެރިކާއިން ވެފައިވާ ވައުދުތައް ފުއްދާފައިވާކަން އީރާނަށް ކަށަވަރުވުމުންނެވެ. މި ވައުދުތަކުގެ ތެރޭގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި، ކަނޑުގެ އަސްކަރީ ބަންދު އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ މާލީ އެސެޓްތައް ދޫކޮށްލުން ހިމެނެއެވެ.
އެއްބަސްވުމުގައި ހިމެނެނީ ކޮން ކަންތައްތަކެއް؟
އީރާނުގެ މެހްރު ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއްބަސްވުމުގެ ޑްރާފްޓުގައި 14 ނުކުތާއެއް ހިމެނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ: ލުބުނާން ހިމެނޭހެން ހުރިހާ ދާއިރާއަކުން ވަގުތުންނާއި ދާއިމީކޮށް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި 30 ދުވަހުގެ ތެރޭގައި ކަނޑުގެ އަސްކަރީ ބަންދު އެއްކޮށް އުވާލުން؛ އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭލުމަށް އެމެރިކާއިން ވައުދުވުން؛ އަދި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ.
މީގެ އިތުރުން، ތެޔޮ ވިއްކުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މެދުކަނޑާލުމާއި، އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ނިއުކްލިއަރ މައްސަލަތަކާ މެދު ފައިނަލް އެއްބަސްވުމަކަށް އައުމާއި، 60 ދުވަހުގެ މަޝްވަރާގެ މުއްދަތުގައި އީރާނުގެ ހިފަހައްޓާފައިވާ 24 ބިލިއަން ޑޮލަރުގެ އެސެޓްތައް ދޫކޮށްލުން މި ޑްރާފްޓުގައި ހިމެނެއެވެ.
މެހްރުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފައިނަލް މަޝްވަރާތައް ފެށޭނީ އީރާނުގެ ހިފަހައްޓާފައިވާ އެސެޓްތަކުގެ ދެބައިކުޅައެއްބައި ދޫކޮށް، ހޮރްމުޒް ކަނޑުއޮޅިއަށް އަޅާފައިވާ ހުރަސްތައް ނައްތާލުމުންނެވެ.
އީރާނުގެ މިސައިލް ޕްރޮގްރާމާއި، އެ ގައުމުން މަދަދުދޭ ހަނގުރާމަވެރި ޖަމާއަތްތަކާ ބެހޭގޮތުން ކުރެވޭ މަޝްވަރާތައް އެޖެންޑާއިން އުނިކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.
މެދުވެރިން ބުނީ ކީކޭ؟
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގައި ގަތަރާއެކު ޕާކިސްތާނަކީ މައިގަނޑު މެދުވެރިއެކެވެ. އަދި އެއްބަސްވުން އިއުލާން ކުރުމުގެ ކުރިން އެންމެ ފަހު ވަގުތު ކުރިއަށްދިޔަ މަޝްވަރާތަކުގައި ވެސް އެ ގައުމުން ބައިވެރިވިއެވެ.
އެމެރިކާ އާއި އީރާނުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މި ހަފުތާގައި ކުރިއަށްދާ ބައްދަލުވުންތަކަށް މެދުވެރިން މަގުފަހިކޮށްދޭނެ ކަމަށް ޝަރީފް އިއްޔެ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ލުބުނާން ހިމެނޭހެން ހުރިހާ ދާއިރާއަކުން ވެސް އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލަން ދެ ފަރާތުން ވެސް އިއުލާން ކޮށްފައިވާ ކަމަށެވެ.
އެމެރިކާ އާއި އީރާނުން ދެއްކި ސާބިތުކަމަށް ބޮޑުވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި "މި އެއްބަސްވުމަށް އައުމުގައި" ގަތަރުން ދިން އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
"މިކަމުގައި ސައުދީ އަރަބިއްޔާ އާއި ތުރުކީވިލާތުގެ ލީޑަރުން ވެދެއްވި ބޮޑު އެހީތެރިކަމަށްޓަކައި އެ ގައުމުތަކުގެ ވެރިންނަށް ހާއްސަ ޝުކުރެއް އަދާކުރަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ފަންނީ މަޝްވަރާތަކާއި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތަށް ބޭނުންވާ ބިންގާ އެޅުމަށްޓަކައި މި ހަފުތާގައި ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށްދާނެއެވެ.
ގަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، އެމެރިކާ އާއި އީރާނާ ދެމެދު ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން "ވެވުނު ފަހުމުނާމާގެ އެއްބަސްވުމަށް" މަރުހަބާ ކިޔާފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުން ހިމެނޭހެން މި އެއްބަސްވުމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށާއި އިގުތިސާދީ ކުރިއެރުމަށް އެޅުނު "މުހިންމު ފިޔަވަޅެއް" ކަމަށް ދެކޭ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރާނީ ކޮން އިރަކު؟
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަރީފް ވިދާޅުވި ގޮތުގައި، ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖޫން 19 ގައި ސްވިޓްޒަލޭންޑުގައެވެ. އަދި މި ހަފުތާގެ ތެރޭގައި ފަންނީ މަޝްވަރާތައް ކުރިއަށްދާނެއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނީއްސުރެ، ތެހެރާނުން ވަނީ އެ ސަރަހައްދުގެ މުހިންމު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދީ، ނުވަތަ ހަމަލާދޭނެ ކަމުގެ ބިރުދައްކައިގެން ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދާފައެވެ.
ބައިނަލްއަގުވާމީ ފަރާތްތަކުން އާންމުކުރަމުންދާ، އަދި ރަސްމީކޮށް ކަށަވަރު ނުވާ ތަފުސީލުތަކަށް ބަލާއިރު، މި އެއްބަސްވުމުގެ ސަބަބުން ހަނގުރާމައިގެ ކުރިން ކަންތައްތައް ހުރި ހާލަތަށް ގައުމުތަކުގެ ގުޅުންތައް ބަދަލުވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް