އެއާލައިން މައްސަލައެއްގެ ސަބަބުން އުރުގުއާއީ ޓީމަށް ފުރަތަމަ ކަނޑައެޅިފައިވާ ގަޑީގައި މެކްސިކޯއިން މަޔާމީއަށް ނުދެވުނު ނަމަވެސް، އޭގެ ސަބަބުން ޓީމަށް މާބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހިފައި ނުވާ ކަމަށް ކޯޗު މާސެލޯ ބިއެލްސާ ބުނެފިއެވެ.

އުރުގުއާއީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ގްރޫޕް އެޗްގައި ކުޅޭ މެޗުގައި މިރޭ ނުކުންނަން ޖެހޭނީ ރާއްޖެ ގަޑިން 3:00 ގައެވެ. އެމެޗަށް އުރުގުއާއީން އެ ޓީމުން ކޭމްޕް ކޮށްގެން ތިބޭ ޕްލާޔާ ޑެލް ކާމެންއިން މިއާމީއަށް ދާން އޮތް ފްލައިޓް ވަނީ ގަޑިއިރުތަކަކަށް ލަސްވެފައެވެ. އެއީ އެއާލައިނަށް އެރި އޮޅުމެއްގެ ސަބަބުންނެވެ.

"މެކްސިކޯ ފަޅިން އެއާލައިންގެ ބައެއް އިދާރީ މައްސަލަތަކުގެ ސަބަބުން އުރުގުއާއީ ޓީމުން ކަންކުންއިން މަޔާމީއަށް ދާން އޮތް ފްލައިޓް ވަނީ ލަސްވެފައި. އެކަމުގައި އެއާލައިނުން މައާފަށް އެދިފައިވޭ،" ފީފާއިން ބުންޏެވެ.

ފީފާއިން ބުނީ މައްސަލަ ދިމާވުމާއެކު ފީފާއިން އެކަމުގައި މަޝްވަރާތައް ކޮށް، އެއާޕޯޓާ އެކު އެކަން ހައްލު ކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި އެކަމުގައި މިހާރު ހައްލު ހޯދިފައިވާ ކަމަށްވެސް ފީފާއިން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ޕްރެސްގައި ބިއެލްސާ ބުނީ އެ ޑިލޭގެ ސަބަބުން ޓީމަށް އެއްވެސް ވަރެއްގެ ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ކެޕްޓަން ޖޯސޭ މާރިއާ ހިމަނޭޒް ބުނީ އެވަގުތު ޓީމުން ބޭނުންކުރީ ހޮޓަލުގައި ރަނގަޅަށް ރެސްޓް ކުރުމަށް ކަމަށެވެ.

މިފަހަރު މުބާރާތުގެ ކުރިން އުރުގުއާއީއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، ބިއެލްސާ ބުނީ ފުރަތަމަ ކޭމްޕަށް އައިއިރު ވެސް ރޮނާލްޑް އަރައޫހޯ އާއި ހިމެނޭޒް އަދި ޖިއޯޖިއަން ޑެ އަރަސްކައޭޓާ އަނިޔާގައި ތިބި ކަމަށެވެ. އަދި އެކަމުގައި އަނިޔާ ދިގުލައިގެން ދިޔަ ނަމަވެސް، ޓީމުގެ މެޑިކަލް ޓީމުން ކަންކުރި ގޮތް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

ބިއެލްސާ ބުނީ މިހާރު އެ ކުޅުންތެރިން ފިޓް ނަމަވެސް ތަމްރީނުތަކަށް ލިބުނީ މަދު ވަގުތު ކަމަށެވެ. އަދި އެކަމުގައި ޒިންމާ ނަގާ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

މީގެ ކުރިން ބިއެލްސާ ވަނީ އާޖެންޓީނާ އަދި ޗިލީގެ ކޯޗެއްގެ ގޮތުގައިވެސް ވޯލްޑް ކަޕަށް ގޮސްފައެވެ. ބިއެލްސާ ބުނީ އޭނާގެ ޓެކްޓިކްސްއަކީ ސިއްރެއް ނޫން ކަމަށާއި، ޓީމު ކުޅޭނީ އެ ސްޓައިލަށް ކަމަށެވެ.