ފީފާގެ އެހީތެރިކަމާއެކު، ސްރީ ލަންކާގައި ދުނިޔޭ ފެންވަރު ފުޓުބޯޅަ ސްޓޭޑިއަމެއް ހަދަން ނިންމާފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު އިއުލާނު ކުރައްވައިފިއެވެ.

އެ ސްޓޭޑިއަމް ހަދަން ނިންމާފައި ވަނީ ނެގޮމްބޯގެ ކަޑޮލްކަލޭގައެވެ. ސްޓޭޑިއަމް ހެދުމަށް މިހާރު ބިން ހަމަޖައްސައި، ހުރިހާ ކަމެއް ނިންމާފައިވާ ކަމަށްވެސް ހެރަތު އިއުލާނު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އާ ސްޓޭޑިއަމާއެކު ސްރީ ލަންކާގެ ފުޓުބޯޅަ ބަދަލުވެގެން ދާނެ ކަމަށެވެ. އޭގެ އެއް ސަބަބަކީ ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން ސްރީ ލަންކާއަށް އޭރުން ފުރުސަތު ފަހިވާނެތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ލަންކާގައި ސްޓޭޑިއަމް ހަދަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކޮށްފައި ވަނީ ކޮލަމްބޯގައި ވޯލްޑް ކަޕާ ދިމާކޮށް ތައްޔާރުކުރި ފޭން ޒޯން ހުޅުވުމަށް ބޭއްވި ހާއްސަ އިވެންޓްގައެވެ.

ހެރަތު ވިދާޅުވީ ސްޓޭޑިއަމް ހަދަން ފުރަތަމަ ވާހަކަތައް ދެކެވިފައި ވަނީ ފީފާގެ ނައިބު ރައީސް މިދިޔަ އަހަރު ސްރީ ލަންކާއަށް ކުރި ދަތުރުފުޅުގައި ކަމަށެވެ.

ސްރީ ލަންކާއިން ފުޓުބޯޅައިގެ އިތުރުން އެހެން ބައެއް ކުޅިވަރުތަކަށްވެސް އިންވެސްޓް ކުރަމުންދާ އިރު، އެގައުމުން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ ސްޕޯޓްސް ޓޫރިޒަމް އިތުރަށް ފުޅާކުރުމެވެ. އެކަން ލަންކާއިން ކުރަމުން ދަނީ އިގުތިސާދު އަލުން އިޔާދަކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.