ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކޭޕް ވާޑާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުގެ ތަރި ލެމީން ޔަމާލް ފިޓްކޮށް ހުރި ނަމަވެސް، މެޗުގެ ފުރަތަމަ 11 އިން ނުފެންނާނެ ކަމަށް ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
ޔޫރޯ ޗެމްޕިއަންކަން ހޯދައިގެން ރަނގަޅު ފޯމެއްގައި ވޯލްޑް ކަޕަށް ނުކުންނަ ސްޕެއިނަކީ މިފަހަރުގެ އެންމެ ވަރުގަދަ އެއް ފެވަރިޓުންނެވެ. ތަރިންގެ ސްޕެއިނާ ދެކޮޅަށް މިރޭ ނުކުންނަ ކޭޕް ވާޑަކީ ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮންނަ ކުޑަ ކުޑަ ޖަޒީރާ ގައުމެކެވެ. ކޭޕް ވާޑް ވޯލްޑް ކަޕަށް ކުރި ދަތުރަކީ ގިނަ ބަޔަކު ހައިރާންވެސް ކޮށްލި ދަތުރެކެވެ. އެ ދަތުރާއެކު މިރޭ ފުރަތަމަ މެޗުގައި ވާދަކުރާނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ.
ސްޕެއިނަށް ވޯލްޑް ކަޕްގެ ކުރިން ބައެއް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ އިރު، އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ޔަމާލެވެ. 18 އަހަރުގެ ޔަމާލް، ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭޕްރީލް މަހަށްފަހު ކުޅެފައެއް ނުވެއެވެ. އެއީ ބާސެލޯނާއަށް ކުޅެމުން ދަނިކޮށް ކުރިމަތިވި އަނިޔާއެކެވެ.
ސްޕެއިނުން ކުޅުނު ވާމް އަޕް މެޗުތަކުގައިވެސް ޔަމާލް ފެނިގެން ގޮސްފައިވާ އިރު، އޭނާގެ އިތުރުން ނިކޯ ވިލިއަމްއާއި ވިކްޓޯ މުނޯޒްވެސް އެ މެޗުތަކުން ފެނިގެން ނުދެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
"އުފާވެރި ހަބަރެއް އެއީ، ޔަމާލް ފިޓް. އެ އޮންނަ ޕްރޮސެސްގެ ތެރެއިން އެނބުރި އަންނަން ދަނީ މަސައްކަތް ކުރަމުން. ތަމްރީނުތަކުގައިވެސް ފުރިހަމައަށް ބައިވެރިވަމުން ދަނީ. އަދި ދެން އަނިޔާގައި ތިބި ކުޅުންތެރިންވެސް ދަނީ ހަމަ އެހެން މަސައްކަތް ކުރަމުން. މެޗުގައި ބޭނުން ކުރެވޭ ވަރަށް އެ އެންމެންވެސް ފިޓް. އެހެންވިޔަސް އޭގެން އެއްވެސް ކުޅުންތެރިޔަކު މެޗުގައި ނުފަށާނެ،" ސްޕެއިނާއެކު 2024 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ޑެ ލަ ފުއެންޓޭ ބުންޏެވެ.
ޔޫރޯ ހޯދި އިރު، ޔަމާލަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ފުރަތަމަ ވޯލްޑް ކަޕަށް ތައްޔާރުވާ އިރު، ސްޕެއިން ޓީމު އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިޔަކީވެސް އޭނާއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް