ޓުއިނީޝިއާ ކޮޅަށް ޖެހި ފަސް ގޯލާއެކު އާދަޔާ ހިލާފު ފޯމެއްގައި ސްވިޑެން އިން ވޯލްޑް ކަޕް 2026 ފަށައިފިއެވެ.
ސްވިޑެންއަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ވަރަށް ބޮޑު ތާރީހެއް އޮތް ގައުމެކެވެ. ވޯލްޑް ކަޕް 1958 ގެ ފައިނަލްގައި ކުޅުމުގެ އިތުރުން، އެކި ފަހަރު މަތިން މުބާރާތުގެ ފަހު މަރުހަލާތަކުގައި އެ ޓީމު ކުޅެފައިވެއެވެ. ސްވިޑެނުން މި ކުރިމަތިލަނީ 13 ވަނަ ވޯލްޑް ކަޕާއެވެ. އެންމެ ފަހުން ވާދަކުރި ވޯލްޑް ކަޕް 2018 ގައި ސްވިޑެނުން ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ޒްލަޓަން އިބްރާހިމޮވިޗް ފަދަ މަޝްހޫރު ކުޅުންތެރިޔަކު މިހާރު ޓީމުގައި ނެތް ނަމަވެސް، މިހާރުގެ ޓީމު ބިނާކޮށްފައިވަނީ ޑިސިޕްލިން އަދި ޓެކްޓިކަލް ރޭވުންތެރިކަމުގެ މައްޗަށެވެ. ސްވިޑެންގެ ޓީމަކީ ދިފާއީ ގޮތުން ވަރުގަދަ، އަދި ފިޒިކަލީ ވެސް ވަރުގަދަ ޓީމެކެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން ހިމެނޭ މި ޓީމުގެ އަމާޒަކީ ގަދަ 32 ގެ ބުރަށް ދަތުރުކުރުމެވެ. ސްވިޑެންގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އެލެކްސެންޑާ އީސާކް، ވިކްޓާ ޔޮކަރޭސް އަދި ކެޕްޓަން ވިކްޓާ ލިންޑެލޯފް ހިމެނެއެވެ. ހާއްސަކޮށް ލިވަޕޫލަށް ކުޅޭ އީސާކް އާއި އާސެނަލަށް ކުޅޭ ޔޮކަރޭސްގެ ފަރާތުން ޓީމަށް ބޭނުންވާ އުފެއްދުންތެރިކަމާއި ގޯލު ޖެހުމުގެ ހުނަރު ފެނިގެންދާނެއެވެ.
އަނެއްކޮޅުން، ބައިކޮޅަށް ގޯލެއް ނުވަދެ ރެކޯޑަކާއެކު ކޮލިފައިވި ޓިއުނީޝިއާ މުބާރާތަށް ނުކުތީ އުތުރު އެފްރިކާގެ އެތައް މިލިއަން ސަޕޯޓަރުންނެއްގެ އުންމީދުތަކާ އެކުގައެވެ. "ކާތޭޖް އީގަލްސް" ގެ ނަމުން މަޝްހޫރުވެފައިވާ ޓިއުނީޝިއާއަކީ ވޯލްޑް ކަޕަށް މުޅިން އާ ޓީމެއް ނޫނެވެ. ނަމަވެސް، ގްރޫޕު ސްޓޭޖު ފަހަނައަޅައި ދިއުމުގެ ހުވަފެން އަދިވެސް ވަނީ ހަގީގަތަކަށް ނުވެފައެވެ. އެފްރިކާގެ ފުޓުބޯޅައަށް ވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެކަން ސާބިތުކޮށްދިނުމަކީ އެ ޓީމުގެ ބޮޑު އަމާޒެކެވެ. މިއީ ޓިއުނީޝިއާގެ ހަތްވަނަ ވޯލްޑް ކަޕެވެ.
ދާދިފަހުން ބައިނަލްއަގުވާމީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ޓިއުނީޝިއާއިން ދައްކާފައިވާ ކުޅުމުން، އެ ޓީމުގެ އިތުބާރާއި ޓެކްޓިކަލް ގޮތުން ކުރިއަރާފައިވާ މިންވަރު ފެނެއެވެ. ޓިއުނީޝިއާގެ ކުޅުން ބިނާވެފައިވަނީ ވަރުގަދަ ދިފާއަކާއި، ބުރަކޮށް މަސައްކަތްކުރުމާއި، އަދި ނުރައްކާތެރި ކައުންޓާ އެޓޭކްތަކުގެ މައްޗަށެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުކުޅުނު ނަމަވެސް، އިދިކޮޅު ޓީމަށް ހެދޭ ގޯސްތަކުގެ ފައިދާ ނަގައި، ވަރުގަދަ ޓީމުތަކަށް ޕްރެޝަރުކުރުމުގެ ގާބިލުކަން އެ ޓީމުގައި ހުރެއެވެ. ޓިއުނީޝިއާގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން އެލްޔެސް ސްކީރީ، ހަނިބަލް މެޖްބްރީ އަދި މޮންޓަސާ ތަލްބީ ހިމެނެއެވެ.
މީގެ ކުރިން ސްވިޑެން އާއި ޓިއުނީޝިއާ ޖުމުލަ ހަތަރު ފަހަރަކު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ދެ މެޗަކުން ސްވިޑެން މޮޅުވި އިރު، އެއް މެޗުން ޓިއުނީޝިއާ މޮޅުވިއެވެ. އަދި އަނެއް މެޗު ނިމިގެންދިޔައީ ދެ ޓީމު އެއްވަރުވެގެންނެވެ. ނަމަވެސް މީގެ ކުރިން މި ދެ ޓީމު ވޯލްޑް ކަޕް މެޗެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ.
މެކްސިކޯގެ އެސްޓާޑިއޯ ބީބީވީއޭގައި މިއަދު ހެނދުނު ކުޅުނު "ގްރޫޕު އެފް" ގެ މެޗުގައި 5-1 ގެ ނަތީޖާއަކުން ސްވިޑެން އިން ވަނީ ޓިއުނީޝިއާގެ މައްޗަށް ކުރި ހޯދައިފައެވެ.
މެޗަށް ސްވިޑެނުން ނުކުތީ ކެޕްޓަން ލިންޑެލޯފްގެ އިތުރުން ވަރުގަދަ ފޯވަޑުން ކަމަށްވާ އީސާކާއި ޔޮކަރޭސް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އެންތޮނީ އެލާންގާ ފުރަތަމަ 11 ގައި ހިމަނައިފައެއް ނުވެއެވެ. އަދި ޓިއުނީޝިއާގެ ފުރަތަމަ 11 ގައި ސްކީރީ، ހަނިބަލް މެޖްބްރީ އަދި މޮންޓަސާ ތަލްބީ ހިމެނުނެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ސްވިޑެނުންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ސްވިޑެން ފޯވަޑް ޔޮކަރޭސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ ދިޔައީ ޓިއުނީޝިއާގެ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި ސްވިޑެނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޔޮކެރޭސް ފޮނުވާލި ހަމަލާއެއް ގޯލު ކުރިމަތިން ޓިއުނީޝިއާގެ މޮންތަސަރް ތަލްބީ ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްވިޑެންއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޔަސީން އަޔާރީއެވެ.
އުމުރުން 22 އަހަރުގެ މިޑްފީލްޑަރު އަޔާރީގެ މައިންބަފައިން ޓިއުނީޝިއާ އާއި މޮރޮކޯއަށް ނިސްބަތްވީ ނަމަވެސް، އޭނާ އުފަން ގައުމަކީ ސްވިޑެންއެވެ. އަޔާރީގެ ފުޓުބޯޅަ ކެރިއަރު ފަށާފައިވަނީ ވެސް އޭނާގެ މަންމަ އަމީނާ މަސައްކަތްކުރި ސްވިޑެންގެ އޭއައިކޭ އިންނެވެ. އޭއައިކޭއަށް ކުޅުމަށްފަހު އިނގިރޭސިވިލާތުގެ ބްރައިޓަންއާ އަޔާރީ ގުޅުނީ 2023 ގައެވެ. އޭގެ ފަހުން އޭނާ ވަނީ ކޮވެންޓްރީ ސިޓީ އަދި ބްލެކްބާން ރޯވާސްއަށް ލޯނުގެ ދަށުން ކުޅެފައެވެ.
ޓިއުނީޝިއާއިން ކުރިއަށް ޖެހި، އެޓޭކުގައި މަސައްކަތްތަކެއް ކުރަމުންދިޔައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ޓިއުނީޝިއާއިން ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެލިއަސް ސާދް ފޮނުވާލި ހަމަލާ، ސްވިޑެންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ސްވިޑެނުން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޔޮކަރޭސް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޓިއުނީޝިއާ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ސްވިޑެންއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިސާކްއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިިކޮށް، ޓިއުނީޝިއާ އިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ހެނިބަލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޓިއުނީޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އޮމަރް ރެކިކްއެވެ. ފުރަތަމަ ހާފު ނިމިގެެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްވިޑެން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ސްވިޑެންގެ ޔޮކަރޭސް އާއި އިސާކް ވަނީ އެޓޭކުގައި ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އިސާކަށް ބޯޅަ ލިބޭ އިރު، އޮފްސައިޑް މަގާމެއްގައި ހުރުމާއެކު ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ސްވިޑެން އިން ވަނީ އިތުރު ގޯލެއް ޖަހައި އަލުން ލީޑު ފުޅާކޮށްފައެވެ. ޓިއުނީޝިއާ ކެޕްޓަން ސްކީރީ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އިސާކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްވިޑެންއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޔޮކަރޭސްއެވެ. އޭގެ ހަ މިނެޓު ފަހުން ވެސް ޔޮކަރޭސްއަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ޓިއުނީޝިއާގެ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ 84 ވަނަ މިނެޓުގައި ސްވިޑަނުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ހިލޭ ޖެހުމެއްގެ ތެރެއިން އިސާކް ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޑެންއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެތިއަސް ސްވެންބާގްއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ކުޅެން ނުކުތްތާ މިނެޓެއް ތެރޭގައެވެ. ރެފްރީ ފުރަތަމަ ސްވެންބާގް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ނިންމި ނަމަވެސް، އޭގެ ކުރިން އިސާކްގެ ފައިގައި ބޯޅަ ޖެހިފައިވާތީ، ވީއޭއާރްއަށް ބެލުމަށްފަހު ގޯލެއް ކަމަށް ވަނީ ނިންމައިފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވެސް ސްވިޑަންއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޔޮކަރޭސް ދިން ބޯޅައަކުން އިސާކް ފޮނުވާލި ހަމަލާ، ޓިއުނީޝިއާގެ ކީޕަރު މޫހިބް ޗަމަކް ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައި ސްވިޑެނުން އެޓީމުގެ ފަސްވަނަ ގޯލު ޖެހިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ސްވިޑެންއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އަޔާރީއެވެ.
މި ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ނެދަލެންޑްސް އާއި ޖަޕާނެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް