ބެލްޖިއަމުން ހަތަރު އަހަރު ދުވަހު، ފީފާގެ ދުނިޔޭ ރޭންކިންގެ އެއްވަނައިގައި އޮތެވެ. 11.5 މިލިއަން މީހުންގެ އާބީދީއަކަށް އެއީ ބޮޑު ފަހުރެކެވެ. އެ ފަހުރުވެރި ލަގަބުން ހާސިލުވި މާ ބޮޑު އެއްޗެއް ނެތުމަކީ އެންމެ ބޮޑު ވެއްޓުމެވެ.
ބެލްޖިއަމްގައި އޮތް އެންމެ ވަރުގަދަ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ކެރިއަރުގެ 'ޕީކް'ގައި ސްކޮޑުގެ އަގު ގާތްގަނޑަކަށް ބިލިއަނަކަށް އަރައެވެ. އެއީ ކުޅުންތެރިން ބާޒާރުގެ އަގުތަކުން މިނެކިރާލުމުންނެވެ. ފީފާގެ ލިސްޓެއްގެ އެއްވަނައިގައި އޮތުން ފިޔަވައި މާ ބޮޑު ކަމެއް އެ ޖީލަކަށް ނުކުރެވުނު ކަމަށް އަދިވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ބެލްޖިއަމްގެ އެ 'ރަން ޖީލަށް' ރަނެއް ނުހޯދޭ ކަމަށް ބުނެ އެތައް ބަޔަކު ފާޑުވެސް ކިޔާފައިވެއެވެ. އެ ޖީލަށް ބޮޑު މުބާރާތެއްގައި ރިއްސެއްވެސް ނުހޯދުނެވެ. ހޯދުނީ ލޯ މެޑައްޔެއް އެކަންޏެވެ.
ޔޫރޯ 2024 ގައި ބެލްޖިއަމުން ކުޅުނު ގަދަ 16 ގެ މެޗުގައި ފްރާންސް ކައިރިން ބަލިވި ބައްޔާއެކު "ރަން ޖީލަށް" ނިމުން އައީ ކަަމަށް މީޑިއާތަކުން ބުނެފައިވެއެވެ. 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕުން ބެލްޖިއަމަށް އިރުއޮއްސިންޖެ ކަމަށް ބުނި ބުނުމަށް އެ ނަތީޖާއިން ހެކި ދިނެވެ.
ބެލްޖިއަމް އެންމެ ވިދާލީ 2018ގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ގްރޫޕު ސްޓޭޖު ބެލްޖިއަމް ނިންމާލީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ގްރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. ގްރޫޕު ސްޓޭޖުގައި ބެލްޖިއަމުން ވަނީ ވަރުގަދަ އިންގްލެންޑު ވެސް ބަލިކޮށްފައެވެ. ގަދަ 16ގައި ބެލްޖިއަމުން ޖަޕާނު ބަލިކޮށް ކުއާޓާ ފައިނަލުގައި ނުކުތީ ވަރުގަދަ ބްރެޒިލްއާ ދެކޮޅަށެވެ. ކުއާޓާގައި ބްރެޒިލް ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް، ސެމީގައި ބަލިވީ އެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ. ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބެލްޖިއަމުން ވަނީ މުބާރާތުގައި ދެވަނަ ފަހަރަށް އިންގްލެންޑް ބަލިކޮށްފައެވެ.
އެޓީމުގައި އެޑެން ހަޒާޑާއި ޒުވާން ޑި ބްރޭނާ، ރޮމެލޫ ލުކާކޫ، ތީބޯ ކޯޓުއާ، ވިންސެންޓް ކޮމްޕެނީ، ޓޮބީ އަލްޑާވެރެލްޑް އަދި ޔޭން ވާޓޮންގަން ހިމެނެއެވެ. އޭގެ ތެރެއިން ޑި ބްރޭނާއާއި ލުކާކޫ އަދި ކޯޓުވާ އަކީ މިފަހަރު ވޯލްޑް ކަޕަށް ދިޔަ ސްކޮޑުގައިވެސް ހިމެނޭ ކުޅުންތެރިންނެވެ. އެހެން ނަމަވެސް މިހާރު ބެލްޖިއަމަކީ "ފެވަރިޓުންގެ ލަގަބު" ދެވިފައިވާ ޓީމެއް ނޫނެވެ. އާ ކޯޗު ރުޑީ ގާސިއާގެ ފޯކަސް ހުރީ އޭރުގެ ކުޅުންތެރިންގެ ވަށައިގެން ޓީމު ބައްޓަން ކުރާކަށް ނޫނެވެ. ހަގީގަތުގައި ބެލްޖިއަމަށް އުންމީދުތައް ކުޑަވެއްޖެއެވެ. އެއީ ފަސޭހައަކަށް ވެދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
"އަހަރެމެން މިކަން ކުރާނީ ފިޔަވަޅަކަށްފަހު ފިޔަވަޅަކަށް ވިސްނައިގެން. ކުރިން ޓީމަށް އޮންނަ ކަހަލަ ޕްރެޝަރެއް ނެތް. އެހެންވީމަ ކުރިއަށްދާން ވިސްނާނީ. އަހަރެމެން ޓީމުގައި މިހާރު ހުނަރުވެރި އާ ކުޅުންތެރިން އެބަތިބި،" ރޯމާއަށް ކުރިން ކޯޗުކަން ކޮށްދިން ގާސިއާ ފާހަގަކުރިއެވެ.
ޖެރެމީ ޑޮކޫއާއި ޑޮޑީ ލުކެބާކިއޯ އަދި ޗާލްސް ޑި ކަޓަލިއާ އަދި އަމަޑޫ އޮނާނާ ފަދަ ކުޅުންތެެރިންނަކި މިދިޔަ އަހަރު ބެލްޖިއަމާ ހަވާލުވި ކޯޗު ގާސިއާ ބޭނުންކުރަމުން އަންނަ ޒުވާން ކުޅުންތެރިންނެވެ. ބަދަލެއްގެ ތެރޭގައި ބެލްޖިއަމް ފެނިގެންދަނީ ތަޖުރިބާއާއެކު ޒުވާން ކުޅުންތެރިން މަޑުމަޑުން ނެރެމުން އަންނަ ޓީމެއްގެ ގޮތުގައެވެ.
"ގްރޫޕްގައި ދެން އޮތް ޓީމުތަކަށް އަހަރެން ފުރިހަމައަށް އިހުތިރާމް ކުރަން. އެއީ ވޯލްޑް ކަޕެއްގައި ކަން ވާން ޖެހޭނެވެސް ގޮތަކީ. މިސާލަކަށް އެންމެ ފުރަތަމަ މިއޮތީ މިސްރާ. އެއީ އެފްރިކާގެ އެންމެ ވަރުގަދަ އެއް ގައުމު. ސަލާހަށް އެޓީމު މި ފޯކަސްވެގެން ދަނީ. އެއީ އަހަރެން ކުރިން ރޯމާގައި ކޯޗުކަން ކޮށްދިން މޮޅު ކުޅުންތެރިއެއް. އެހެންވީމަ ފަސޭހައެއް ނުވާނެ،. ފުރަތަމަ ގްރޫޕްގެ އެއްވަނަ ހޯދާފައި ދެން ކުރިއަށްދާން ވިސްނާނީ،" ގާސިއާ ބުންޏެވެ.
ޓީމުގެ އެންމެ މުހިއްމު ތަރި ޑި ބްރޭނާ ބުނީ މިއީ އޭނާގެ ހަތަރު ވަނަ ވޯލްޑް ކަޕަށްވާ އިރު، ހަގީގަތުގައި ވޯލްޑް ކަޕެއް ކުޅުމުގެ އުފާވެރިކަން ލިބޭނެ ވޯލްޑް ކަޕަކީ މިއީ ކަމަށް ވާނެ ކަމަށެވެ. އެއީ މާބޮޑަށް ޕްރެޝަރާ ކުރިމަތިނުލައި، ގައުމު ތަމްސީލުކުރުމުގެ ހާއްސަކަން މިހާރު އިހުސާސްވާތީ ކަމަށެވެ.
ބެލްޖިއަމްގެ އާ ޗެލެންޖަށް މިރޭ ފަށާނީ ރާއްޖެ ގަޑިން 12:00 ގައި މިސްރާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް