ސައުދީ އަރަބިއާގެ ލީގު، ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކަރިމް ބެންޒެމާ ފަދަ ތަރިން ކުޅެމުން ދިޔުމަކީ އޭގެ ފައިދާ މިފަހަރު ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާއަށް ކުރާނެ ކަމެއް ކަމަށް އެޓީމުގެ ކޯޗު، ޔޯގޮސް ޑޯނިސް ބުނެފިއެވެ.

ސައުދީން މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ މީގެ ކުރިން ދެފަހަރު ވޯލްޑް ކަޕް ހޯދާފައިވާ އުރުގުއާއީއާ ދެކޮޅަށެވެ. ސައުދީއަކީ ވޯލްޑް ކަޕްތަކުގައި ބޮޑެތި ޓީމުތައް މާޔޫސްކޮށްލުމުގެ ރެކޯޑެއް އޮތް ގައުމެކެވެ. މިދިޔަ 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ސައުދީން ވަނީ ކުޅުނު ފުރަތަމަ މެޗުގައި އެފަހަރުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށްފައެވެ. އަދި އޭގެ ކުރިން 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ސައުދީ ވަނީ މޮރޮކޯއާއި ބެލްޖިއަމްވެސް ބަލިކޮށްފައެވެ. އެފަހަރު ސައުދީ ނޮކްއައުޓް ބުރަށް ދިޔަ އިރު، އެއީ މިހާތަނަށް އެ ޝަރަފު ހޯދުނު ފުރަތަމަ މުބާރާތެވެ.

އަލުން އެ ކާމިޔާބީއަށް ސައުދީން މަސައްކަތް ކުރަމުންދާ އިރު، މިހާރު ސައުދީއަކީ ފުޓުބޯޅައަށް އެންމެ ބޮޑަށް ހަރަދުކުރަމުންދާ ޓީމެވެ. އެގައުމުގެ ލީގުވެސް ތަފާތު ވަރުގަދަކޮށް ފެނިގެންދާ އިރު، ގިނަ ތަރިންތަކެއް ލީގުން ފެނިގެން ދެއެވެ.

"އަހަރެމެންގެ ކުޅުންތެރިންނަށް މިހާރު އާ ކަމެއް ނޫން އެއީ ތަރިންނާ އެއް ޓީމަކަށް ނޫނީ ތަރިންނާ ދެކޮޅަށް ކުޅުމަކީ. މިހާރު ސައުދީ ލީގުގައި ކުޅޭ ކުޅުންތެރިންނަށްވެސް ދުނިޔޭގެ އެންމެ ވަރުގަދަ ކުޅުންތެރިންނާއެކު ތަމްރީނުވާން ފުރުސަތު ލިބޭ، ނޫނީ އިދިކޮޅެއް ކުޅެން ފުރުސަތު ލިބޭ. އެއީ ބޮޑު ފައިދާއެއް. ވަރުގަދަ ކުޅުންތެރިންނަށް އިހުތިރާމް ކުރިޔަސް، މިހާރު އެއީ ސައުދީ ކުޅުންތެރިންނަށް އާ ކުޅުންތެރިންނަކަށް ނުވާނެ. އެ ލެވެލްވެސް އަލެއް ނުވާނެ." ހާވޭ ރެނާޑަށްފަހު ސައުދީއާ ހަވާލުވި ޑޯނިސް ބުންޏެވެ.

މިދިޔަ 10 ވަރަކަށް އަހަރު ސައުދީ ލީގުގެ އެކިއެކި ޓީމުތަކުގައި މަސައްކަތް ކުރި ޑޯނިސް ބުނީ ސައުދީއަކީ މިހާރު މަޑުޖެހިގެން ޑިފެންސް ކުރާނެ ޓީމެއް ނޫން ކަމަށާއި، ބަލާނީ އެޓޭކަށް ޖެހި އުރުގުއާއީ ހާސްކޮށްލެވޭތޯ ކަމަށެވެ.

ސައުދީން ގްރޫޕް އެޗްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ އުރުގުއާއީއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން 3:00 ގައެވެ.