ޖަރުމަނު ކައިރިންވި ބޮޑު ބައްޔަކީ ކިއުރަސާއޯއަށް ހިތާމަވެރި ބައްޔެއް ނޫން ކަމަށާއި އެ މެޗުން ލިބުނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ކުޅުމުގެ އުފާވެރިކަން ކަމަށް ކޯޗު ޑިކް އެޑްވޮކާޓް ބުނެފިއެވެ.

ކިއުރަސާއޯއަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެނިގެންދާނެ އެންމެ ކުޑަ ގައުމެވެ. 156،000 އެއްހާ މީހުން ދިރިއުޅޭ ކިއުރަސާއޯ ވޯލްޑް ކަޕަށް ކުރި ދަތުރަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ތާރީހީ ދަތުރެކެވެ. އެތައް ތަކުލީފުތަކާ އެކު އެ ޓީމުން ވޯލްޑް ކަޕަށް ނުކުމެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ކައިރިން ބަލިވީ 7-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗަށްފަހު ކިއުރަސާއޯގެ ކޯޗު، އުމުރުން 78 އަހަރުގެ އެޑްވޮކާޓް ބުނީ ނަތީޖާއަކީ ރަނގަޅު ނަތީޖާއެއް ނޫން ނަމަވެސް، ރޭގެ މެޗަކީ ހިތްގައިމު ތަފާތު އުފާވެރިކަމެއް ގެނުވި މެޗެއް ކަމަށެވެ.

"އަހަރެމެންނަށް މިއީ ތަފާތު، ހިތްގައިމު އުފާވެރިކަމެއް ލިބުނު މެޗެއް. މިއީ ތާރީހީ ކަމެއް،" ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ޓީމަކަށް އިރުޝާދު ދިން އެންމެ ދުވަސްވީ ކޯޗު ބުންޏެވެ.

މެޗުގައި ޖަރުމަނުން ފުރަތަމަ ގޯލް ޖަހާފައި އޮއްވައި، އެއްވެސް މީހަކު ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ކިއުރަސާއޯއިން އެއްވަރު ވެސް ކުރިއެވެ. އެ ގޯލް ޖަހައިދިނީ ލިވާނޮ ކޮމެނެންސިއާއެވެ. އެ ވަގުތު އެޑްވޮކާޓް ފެނުނީ އުފަލުން ކަރުނު އައިސްފައި އިންތަނެވެ.

"އަހަރެމެންނަށް އަދި އުންމީދެއް ނުގެއްލޭ. ދެން އޮތް ދެ މެޗުގައި ސަޕްރައިޒެއް ދެވިދާނެ. އަހަރެމެންނަށް ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓުން ލިބުނު ފުރުސަތަކީވެސް އުފަލެއް،" ކިއުރަސާއޯ ވޯލްޑް ކަޕަށް ގެންދިޔުމުގެ ފަހަތުގައި އެންމެ މުހިއްމު މަސައްކަތްތަކެއް ކުރި އެޑްވޮކާޓް ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ކިއުރަސާއޯއިން ދެން ކުޅެން ޖެހޭނީ އައިވޮރީ ކޯސްޓާއި އެކުއެޑޯއާ ދެކޮޅަށެވެ.