ވޯލްޑް ކަޕް 2026 ގައި ފަހުވަގުތު އަމަދް ޑިއާލޯ ޖެހި ގޯލާއެކު އައިވަރީ ކޯސްޓުން އެކުއެޑޯގެ މައްޗަށް ކުރި ހޯދައިފިއެވެ.

ފުޓުބޯޅައިގައި އެކުއެޑޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 1959 ވަނަ އަހަރާއި 1993 ވަނަ އަހަރު ކޮޕާ އެމެރިކާގެ ސެމީ ފައިނަލް ކުޅުމެވެ. އެ ދެ މުބާރާތަކީވެސް އެކުއެޑޯގައި ހޯސްޓް ކުރި ދެ މުބާރާތެވެ.

އުރުގުއޭގެ އިފްތިތާހީ ވޯލްޑް ކަޕު މުބާރާތަށް އެކުއެޑޯއަށް ދައުވަތު ލިބުނު ނަމަވެސް ހަރަދު ބޮޑުކަމުން ނުދާން ނިންމިއެވެ. އެކުއެޑޯ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔައެވެ. އެއީ ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. 2022 ވަނަ އަހަރު ވޯލްޑް ކަޕާއެކު، ޖުމުލަ ހަތަރު ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރި އެކުއެޑޯ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައިވެސް ކުޅުނެވެ.

އައިވޮރީ ކޯސްޓަށް މިފަހަރުގެ ވޯލްޑް ކަޕަކީ އެގައުމުގެ ހަތަރުވަނަ ވޯލްޑް ކަޕެވެ. 1974 ވަނަ އަހަރުން ފެށިގެން އެފްރިކާގެ ކޮލިފިކޭޝަންގައި ކުޅެމުން އަންނަ އައިވޮރީ ކޯސްޓުން ފުރަތަމަ ވޯލްޑް ކަޕަކަށް ނުކުތީ 2006 ވަނަ އަހަރުއެވެ. އެއީ އެގައުމުގެ ރަން ޖީލަކާއެކުގައެވެ. އޭގެފަހުން ޖެހިގެން އައި ތިން ވޯލްޑް ކަޕުގައިވެސް އައިވޮރީ ކޯސްޓް ފެނިގެން ދިޔުމުން ދޭހަކޮށްދެނީ އެ ޖީލުގެ ކާމިޔާބީއެވެ.

އާ ޖީލެއްގެ ކުރިއެރުން ނުފެނި އެންމެފަހު ދެ ވޯލްޑް ކަޕް ގެއްލުނު އިރު، އައިވޮރީ ކޯސްޓުން ވަނީ ތިން ފަހަރު އެފްރިކާގެ ތަށި ހޯދައިފައެވެ. އެއީ 1992، 2015 އަދި 2023 އެވެ. ފަހުން ހޯދި ކާމިޔާބީން ދައްކައިދެނީ އެގައުމުގެ ފުޓުބޯޅަ އަނެއްކާވެސް ރަނގަޅު މިސްރާބަކަށް ހުރިކަމެވެ.

އެމެރިކާގެ ލިންކޮން ފައިނޭންޝަލް ފީލްޑްގައި މިރޭ ކުޅުނު ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އީ"ގެ މެޗަކީ ފުޓުބޯޅަ ތާރީހުގައި އައިވަރީ ކޯސްޓާއި އެކުއެޑޯ ބައްދަލުކުރި ފުރަތަމަ މެޗެވެ. މިރޭގެ މެޗުގައި އެކުއެޑޯގެ މައްޗަށް އައިވަރީ ކޯސްޓުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް އެކުއެޑޯއިން ވަނީ އެޓީމުގެ ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ. އެގޮތުން ކެޕްޓަން އެނާ ވެލެންސިއާއެކު ޗެލްސީއަށް ކުޅޭ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ އާއި ޕީއެސްޖީއަށް ކުޅޭ ޑިފެންޑަރު ވިލިއަން ޕަޗޯ އަދި އާސެނަލަށް ކުޅޭ ޑިފެންޑަރު ޕިއެރޯ ހިންކެޕިއޭ ވަނީ ހިމަނައިފައެވެ.

އައިވަރީ ކޯސްޓުން ކެޕްޓަން ފްރޭންކް ކެސީއާއެކު ވިލަރެއާލަށް ކުޅޭ ފޯވަޑް ނިކޮލަސް ޕެޕޭ އާއި އާރްބީ ލައިލްޒިގަށް ކުޅޭ ފޯވަޑް ޔޭން ޑިއޮމަންޑޭ އަދި ފްރާންސް ތަރި ޑިސައިރޭ ޑުއޭގެ ބޭބެ ގުއޭލާ ޑުއޭ ވަނީ ފުރަތަމަ 11 ގައި ހިމަނައިފައެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ފޯވަޑް އަމަދް ޑިއާލޯ މެޗު ފެށީ ބެންޗުންނެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ އެކުއެޑޯ އިންނެވެ. ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ކައިސޭޑޯ ފޮނުވާލި ހަމަލާ، އައިވަރީ ކޯސްޓުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މުޅި ޓީމު ކުރިއަށްޖެހި ވަރުގަދަ ޕްރެސިން ގޭމެއް ކުޅެމުންދިޔަ އިކުއެޑޯއަށް މެޗުގެ ދިހަވަނަ މިނެޓުގައި ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހިންކެޕިއޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލާފައި އެނާ ވެލެންސިއާ ފޮނުވާލި ހަމަލާ ވެސް އައިވަރީ ކޯސްޓުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އައިވަރީ ކޯސްޓުން އެޓޭކު ރަނގަޅުކުރުމަށް މަސައްކަތްތަކެއްކޮށް، މެޗުގެ 17 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއެވެ. ކެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ބަޒޫމާނޭ ޓޫރޭ ފޮނުވާލި ހަމަލާ ދިޔައީ އެކުއެޑޯ ގޯލުގެ އަރިމަތީ ދަނޑިކަރިން ބޭރަށެވެ.

އައިވަރީ ކޯސްޓުން އެޓޭކު ރަނގަޅުކޮށްފައިވަނިކޮށް، މެޗުގެ 23 ވަނަ މިނެޓުގައި އެކުއެޑޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އައިވަރީ ކޯސްޓް ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ބޭރުން އެކުއެޑޯގެ ޖޯން ޔެބޮއާ ފޮނުވާލި ހަމަލާ އަމާޒުވީ އައިވަރީ ކޯސްޓް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ވެސް އެކުއެޑޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެޑްރޯ ވިޓޭ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެލަން މިންޑާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ އައިވަރީ ކޯސްޓް ގޯލުގެ ހުރަސް ދަނޑިއަށެވެ.

އައިވަރީ ކޯސްޓުގެ ޑިއޮމަންޑޭގެ ހަލުވި ކުޅުމާއެކު އޭނާ ނުރައްކާ ފާހަގަކޮށްލެވުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއަށް ރަނގަޅު ބޯޅަތަކެއް ދެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ އެކުއެޑޯގެ ނުރައްކާ ފެނިގެންދިޔައެވެ. ކުރިއަށް ޖެހި، ރީތި ކުޅުމަކާއެކު ގޮންޒާލޯ ޕްލެޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ވެލެންސިއާ ފޮނުވާލި ހަމަލާ އަމާޒުވީ އައިވަރީ ކޯސްޓް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 50 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުން ކައުންޓާ އެޓޭކެއްގައި ނުރައްކާކުރިއެވެ. ފްރޭންކް ކެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑިއޮމަންޑޭ ފޮނުވާލި ހަމަލާ، އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އޭގެ ދެ މިނެޓު ފަހުން ވެސް އައިވަރީ ކޯސްޓަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އައިވަރީ ކޯސްޓުގެ އެލްޔޭ ވާހީ ފޮނުވާލި ހަމަލާ އަމާޒުވީ އެކުއެޑޯ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފުގައި އައިވަރީ ކޯސްޓުގެ އެޓޭކު ވަރުގަދަކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުން ގޮސް، މެޗުގެ 59 ވަނަ މިނެޓުގައި ވެސް ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޑިއޮމަންޑޭ ފޮނުވާލި ހަމަލާ، އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ މާގިނަރުތަކެއް ނުވެ، ޕެނަލްޓީ އޭރިއާ ބޭރުން އައިވަރީ ކޯސްޓްގެ ސެކޯ ފޮފާނާ ފޮނުވާލި ހަމަލާ، އަމާޒުވީ އެކުއެޑޯގެ ކީޕަރު ހެރްނާން ގަލިންޑޭޒްއާ ދިމާއަށެވެ.

މެޗުގެ 68 މިނެޓުގައި އެކުއެޑޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ކެވިން ރޮޑްރިގޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޕްލެޓާ ފޮނުވާލި ބާރު ހަމަލާ، އައިވަރީ ކޯސްޓުގެ ކީޕަރު ޔަހިއާ ފޮފާނާ ވަނީ މަތަކޮށްފައެވެ.

ހަމަހަމަ ކުޅުމަކަށްފަހު މެޗުގެ ފަހު މިނެޓުގައި އައިވަރީ ކޯސްޓުން ވަނީ ގޯލެއް ޖަހައި ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެކުއެޑޯ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން އައިވަރީ ކޯސްޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަމަދް ޑިއާލޯއެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ވަނީ 7-1 ގެ ނަތީޖާއަކުން ކިއުރަސާއޯ ބަލިކޮށްފައެވެ. ކިއުރަސާއޯ އަކީ މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ޓީމެކެވެ.