ވޯލްޑް ކަޕް 2026 އަށް ދާން އެމެރިކާއަށް ދިޔުމުންވެސް އެއާޕޯޓުން ހިފަހައްޓައި، އެތައް އިރެއް ވަންދެން ސުވާލުކުރުމަށްފަހު އަނބުރާ ފޮނުވާލި ސޯމާލިއާގެ ރެފްރީ އޮމަރް އަބްދުލްކާދިރު އަރްތަންއަށް ވޯލްޑް ކަޕް ރެފްރީންގެ ފުލް މުސާރަ ދޭން ފީފާއިން ނިންމައިފިއެވެ.

އަރްތަންއަކީ މިވަގުތު ދުނިޔޭގެ ސަމާލުކަން ބޮޑުވެފައިވާ ރެފްރީއެކެވެ. އެގޮތުން ވޯލްޑް ކަޕް 2026 ގައި ރެފްރީކަން ކުރުމަށް އޭނާ ދިޔުމުން އެމެރިކާގެ މިޔާމީ އެއާޕޯޓުގައި ހިފަހައްޓައި، 11 ގަޑިއިރެއްހާއިރު ވަންދެން ސުވާލުކުރުމަށް އެެމެރިކާއަށް އޭނާ ވައްދާފައެއް ނުވެއެވެ. އެމެރިކާއިން ބުނީ އެއީ ނިރުބަވެރި ޖަމާއަތަކާ ގުޅުން އޮތީތީ ކަމަށެވެ.

އަރްތަންއަކީ ސޯމާލިއާއިން ވޯލްޑް ކަޕަށް ދިޔަ ފުރަތަމަ ރެފްރީއެވެ. އޭނާ ތައްޔާރުވީ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރި ފުރަތަމަ ސޯމަލިއާ ރެފްރީއަށް ވުމަށެވެ. 2025 ވަނަ އަހަރު އެފްރިކާ ފުޓުބޯޅައިގެ މައި އިދާރާ ކޮންފެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ހޮވި އެންމެ މޮޅު ރެފްރީއަކީ އަރްތަން ކަމަށްވާ އިރު، އޭނާއަށް އެމެރިކާއަށް އެތެރެ ނުވެވުން ވީ ފީފާއާއި އެމެރިކާއިން ފާޑުކިޔުން ބޮޑުވި ކަމަކަށެވެ.

އަރްތަންގެ އާއިލީ މީހަކާ ހަވާލާދީ ރޮއިޓާސްއިން ބުނީ ވޯލްޑް ކަޕް ރެފްރީންގެ ފުލް މުސާރަ އޭނާއަށް ދޭން ފީފާއިން ނިންމައި، އެކަން އަންގާފައިވާ ކަމަށެވެ.

އަރްތަން އެމެރިކާއަށް ނޭރުވުމާ ގުޅިގެން، އޭނާ އަނބުރާ ގައުމަށް ދިޔުމުން ބޮޑު މަރުހަބާއެއް ކިޔާފައިވެއެވެ. ދާދިފަހުން ޔޫއެފާއިން އިއުލާނު ކޮށްފައިވާ ގޮތުގައި އޮގަސްޓް މަހު އޮންނަ ސުޕަ ކަޕް މެޗުގައި ރެފްރީކަން ކުރާނީ އަރްތަން އެވެ. މިފަހަރު ސުޕަ ކަޕް އޮގަސްޓް 12 ވަނަ ދުވަހުގެ ރޭ އޮންނަ އިރު، ވާދަކުރާނީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާއެވެ. އެއީ ޔޫރަޕްގެ މުބާރާތްތައް ފަށަން ކޮންމެ ސީޒަނެއްގައި ކުޅޭ ޝަރަފުވެރި މެޗެކެވެ.