ބްރެޒިލާއި މޮރޮކޯ ވާދަކުރި މެޗު ބެލި ކޮންމެ މީހަކަށް ވެސް އެއް ކުޅުންތެރިޔަކު ފާހަގަވާނެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފީފާއިން ދިނީ ބްރެޒިލްގެ ގޯލް ޖެހި، އެޓީމުގެ ތަރި ވިނީޝިއަސް ޖޫނިއާއަށް ނަމަވެސް، ގިނަ ބައެއްގެ ނަޒަރުގައި މޮޅު ކުޅުންތެރިޔަކީ މޮރޮކޯގެ މެދުތެރެއިން ފެނުނު އައްޔޫބް ބިވައުދީއެވެ.

އެއީ ވިނީޝިއަސްއަށް ބުނެވޭ ބަދު ބަހަކަށް ނުވާނެއެވެ. ހުދު ބްރެޒިލް ސަޕޯޓަރުންނަށް ވެސް އެކަން ސާފުވާނެއެވެ. ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑް ލައިން ކައިރިން އުމުރުން އެންމެ 18 އަހަރުގެ ބިވައުދީ ކޮންޓްރޯލް ހޯދިއެވެ. މުޅި މެޗުގައި ވެސް އެކަން ހިނގީ އެހެންނެވެ. އެކަން ފާހަގަވެ، ފުރަތަމަ ހާފަށް ފަހުވެސް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ ވަނީ މެދުތެރެއަށް ބަދަލު ގެނެސްފައެވެ. ފުރަތަމަ ހާފަށްފަހު ކަސަމީރޯގެ ބަދަލުގައި ފަބީނިއޯ ކުޅެން ނެރުނެވެ. އޭގެފަހުންވެސް ބިވައުދީ ފަނޑުވެގެން ނުދިޔައެވެ. މެޗު ކޮންޓްރޯލް ކުރުމުގައި މުހިއްމު ރޯލެއް އަދާކުރިއެވެ.

ކުއްލިއަކަށް ވޯލްޑް ކަޕަށް ނުކުމެ، އެ ތަފާތު ދެއްކި ބިވައުދީއަކީ ކާކުތޯ، އެތައް ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. އޭނާގެ ފަތިފުށް ބަލައިލާ އިރު، ދެއްކި ތަފާތު އަދި މާ ހާއްސަ ވެގެން ދެއެވެ.

ފްރާންސްގެ ލިލްއަށް ކުޅެމުންދާ ބިވައުދީއަށް ރޭގެ މެޗަކީ މޮރޮކޯ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާގެ ކެރިއަރުގެ ފެށުމަކީ ފްރާންސެވެ. ބިވައުދީ ވަނީ ކުރިން ފްރާންސްގެ 16 އަހަރުން ދަށުން ފެށިގެން 21 އަހަރު ދަށު ޓީމަށް ކުޅެފައެވެ. މާޗު މަހުވެސް އޭނާ އެޓީމުން ފެނިގެން ދިޔައެވެ. ބިވައުދީ މޮރޮކޯއަށް ގައުމު ބަދަލުކުރީ ވޯލްޑް ކަޕް ސްކޮޑު އިއުލާނު ކުރުމުގެ ދުވަސް ކޮޅެއް ކުރިންނެވެ. އެހެންކަމުން ބިވައުދީ މެޗުގައި ބޭނުން ކުރުމަކީ މޮރޮކޯ ކޯޗު، މުހައްމަދު ވަހްބީ ނެގި ބޮޑު "ރިސްކް" އެކެވެ.

"އަހަންނަށް އެއީ ރިސްކެއް ނޫން. އުމުރަކަށް އަހަރެން ނުބަލާނަން. 35 ނޫނީ 18 އަކަސް ރަނގަޅަށް ކުޅެންޏާ މައްސަލައެއް ނެތް. އަހަންނަކީ ޒުވާން ކުޅުންތެރިން ލައްވާ ކުޅުވަން ނުކުރޭނެ ކޯދެއް ނޫން. ބޮޑު މެޗަކަށް ނެރުނީ އެ އިތުބާރު އޮތީމަ. ރިސްކެއް ނަމަ ބްރެޒިލާ ދެކޮލަށް ނުކުޅުވާނަން،" ވަހްބީ މެޗަށްފަހު ބުންޏެވެ.

ވަހްބީ ބުނީ ބިވައުދީއަކީ މޮރޮކޯއަށް އާ ކުޅުންތެރިއަކަށްވުމާ އެކު އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ނަމަވެސް، އެ އިތުބާރު ކުރިން ވެސް އޮތް ކަމަށެވެ. އަދި ކުރިން ނުވާ ވަރަށް ބިވައުދީ "އިމްޕްރެސް" ނުކުރާ ކަމަށް ވަހްބީ ބުންޏެވެ. އެއީ ކުރިން ވެސް އެ ހުނަރު އެނގޭތީ ކަމަށް ވެސް އޭނާ ބިންޏެވެ.

މޮރޮކޯގެ ތަޖުރިބާކާރު މިޑްފީލްޑަރު ސުފިޔާން އަމްރަބަތު ވެސް ބެންޗުގައި އިންދައި ބިވައުދީ މެޗަށް އެރުވުން އެއީ ވަހްބީ ވިސްނާފައި ނިންމި ނިންމުމެއްކަން މެޗުން ސާފުވިއެވެ. ބިވައުދީގެ ތަޖުރިބާއަކީ ފްރާންސް ލީގުގެ ތަޖުރިބާއެވެ. ޒުވާން ނަމަވެސް އެ ލީގުގައި އޭނާއަކީ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ.

ބިވައުދީ ވަނީ ލިލްއަށް މިހާތަނަަށް 63 މެޗު ކުޅެފައެވެ. އޭނާ އެ ކްލަބަށް ކުޅެން ފެށީ 2023-24 ވަނަ އަހަރުގެ ސީޒަނުގައެވެ.

ފްރާންސްގެ ސެންލީސްއަށް އުފަން ބިވައުދީއަކީ ރޭގެ މެޗުގައި އެންމެ ގިނައިން ބޯޅައިގައި ޖެއްސި ކުޅުންތެރިޔާއެވެ. އެއީ 86 ޓަޗެވެ. އެންމެ ގިނަ ރަނގަޅު ޕާސް ދިނީވެސް އޭނާއެވެ. އެއީ 60 ޕާހެވެ. ފައިނަލް ތާޑުގައި ބިވައުދީ ދިން 16 ޕާސްވެސް ކާމިޔާބެވެ. ފަސް އިންޓަސެޕްޝަން ހަދާފައިވެއެވެ.

ދެން އޮތީ ބިވައުދީއަށް ކްލަބުތަކުން ލޯ އަޅާތޯ ކުރެވޭ ސުވާލެވެ. ޔަގީންތާއެވެ. ޔޫރަޕްގެ ގަދަ އެތައް ކްލަބަކުން މިހާރު ވެސް ދަނީ އޭނާ ހޯދަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އާސެނަލާއި ޗެލްސީގެ އިތުރުން ލިވަޕޫލް ވެސް ހިމެނެއެވެ. އެ ދެ ކްލަބުން ވެސް އޭނާއަށް 45 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރުވާ ކަމަށް ނޫސްތައް ބުނެއެވެ. އަދި ރޭގެ ކުޅުމާއެކު، އެ އަގަކީ ބޮޑު އަގެއް ނޫން ކަމަށް އެ ކްލަބުތަކުން ބަލާނެކަން ވެސް ޔަގީނެވެ. ޓްރާންސްފާ އަގު ކުރާ ފަރާތްތަކުން އޭނާ އަގު ކުރަނީ 130 މިލިއަން ޔޫރޯ ވަރަށެވެ.