ސެޕްޓެމްބަރު 2023 ގައި ކޮންކަކާފް ނޭޝަންސް ލީގު މެޗަކަށް ކިއުރަސާއޯއިން ޓްރިނިޑާޑަށް ދިޔަ ގޮތް އެނގޭ ހެއްޔެވެ؟

ކިއުރަސާއޯއިން ޗާޓާ ފްލައިޓެއް ލިބުން ދަތިވެގެން ހަ މީހުންގެ ޖާގައިގެ ފްލައިޓެޑްގައި ޓްރިނިޑާޑަށް ކުޅުންތެރިން ގެންދަން ޖެހުނީ ދަތުރަކަށްފަހު ދަތުރެއް އަޅައިގެންނެވެ. މެޗު ފަށަންވާއިރަށް ގެންދެވުނީ ފުރަތަމަ 11 އެވެ. ބެންޗް ޓީމަށް ޓްރިނިޑާޑަށް ދެވުނީ މެޗު ފެށިފަހުންނެވެ. ލަގެޖެއް ނުގެންދެއެވެ. ކޮންމެ ކުޅުންތެރިޔަކު ގެންދިޔައީ ޖާޒީ، ބޫޓް އަދި ސްޓާކީން އެކަންޏެވެ. އެއީ ފިލްމެއް ހަދަން ޖެހޭ ވަރުގެ ކަންކަން ކަމަށް ޓީމު ކޯޑިނޭޓަރު ވޯޓާ ޖެންސަން ބުނެފައިވެއެވެ.

ކިއުރަސާއޯއަކީ ނެދަލޭންޑްސް އަންޓިލޭސްއަށް ނިސްބަތްވާ ކެރިބިއަން ގައުމެކެވެ. ގައުމުގައި މިހާރު ހިނގަނީ މިނިވަން ދައުލަތެއް ނަމަވެސް، އަދިވެސް އޮންނަނީ ނެދަލޭންޑްސްގެ ރަސްކަމުގެ ދަށުގައެވެ. 2010 ވަނަ އަހަރަކީ ކިއުރަސާއޯ ވަކި ދައުލަތެއް، ވަކި ގައުމެއްގެ ގޮތުގައި މިނިވަންވި އަހަރެވެ. ފީފާ މެންބަރުކަން ހޯދީ 2011 ވަނަ އަހަރުއެވެ. އޭގެ 15 އަހަރު ފަހުން އެގައުމު މިވަނީ ވޯލްޑް ކަޕަށް ތައްޔާރުވެފައެވެ.

ކިއުރަސާއޯއަކީ މިހާތަނަށް ވޯލްޑް ކަޕެއްގައި ކުޅޭނެ އެންމެ ކުޑަ ގައުމެވެ. އާބާދީއަކީ ގާތްގަނޑަކަށް 156،000 އެވެ. ގައުމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 171 ކިލޯމީޓަރެވެ. ކުރިން ވޯލްޑް ކަޕްގައި ކުޅުނު އެންމެ ކުޑަ ގައުމުގެ ރެކޯޑު އޮތީ އައިސްލޭންޑް އަތުގައެވެ. އައިސްލޭންޑަކީ ގާތްގަނޑަކަށް 390،00 އެވެ.

ކިއުރަސާއޯގެ ވޯލްޑް ކަޕް ދަތުރުގައި އެތައް ވާހަކައެއް އެބަހުއްޓެވެ. ކަންކަން އިންތިޒާމުކުރުމުގައި އެންމެ ފުރިހަމައަށް ކަންކަން ނުދާ އެތައް ފަހަރެއްވެސް ދިމާވެފައިވިއެވެ. ބައެއް ކުޅުންތެރިން ކިޔައިދީފައިވާ ގޮތުގައި، ޓީމުގެ ބައެއް ދަތުރުތަކުގައި ލަގެޖަށް ދައްކަން ޖެހޭ ފައިސާ، އަމިއްލަ ޖީބުންވެސް ދައްކަން ޖެހިފައިވެއެވެ. ދެން އޮތް ސުވާލަކީ، އެހާ ކުޑަ، އެހާ ބޮޑަށް އިންތިޒާމު ނުވެ އޮތް ގައުމަކަށް ވޯލްޑް ކަޕްގެ ފުރުސަތު ލިބުނު ގޮތެވެ.

ކިއުރަސާއޯއަކީ ނެދަލޭންޑްސްގެ "ބީ ޓީމް"، ކޯޗަކީ ވޯލްޑް ކަޕުން ފެންނާނެ އެންމެ ދުވަސްވީ ކޯޗު

ކިއުރަސާއޯގެ މުޅި ފުޓުބޯޅަ ގުޅެނީ ނެދަލޭންޑްސްއާއެވެ. 26 ކުޅުންތެރިންގެ ސްކޮޑުގެ ތެރެއިން އެންމެ ކުޅުންތެރިއެއް ފިޔަަވައި ދެން ތިބި ހުރިހާ ކުޅުންތެރިންނަކީވެސް ނެދަލޭންޑްސްއަށް އުފަން ކުޅުންތެރިންނެވެ. އެހެން ނަމަވެސް އެއީ މަންމަ ނޫނީ ބައްޕަ ކިއުރަސާއޯ ކުޅުންތެރިންނެވެ. ކިއުރަސާއޯއަށް އުފަން ހަމައެކަނި ކުޅުންތެރިޔަަކީ ތަހިތު ޗޮންގެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން ނުކުތް މިޑްފީލްޑަރެކެވެ.

ކިއުރަސާއޯގެ ވޯލްޑް ކަޕް ކޮލިިފިކޭޝަން އުންމީދު، އެގައުމަށް ލިބިގެން ދިޔައީ ތަޖުރިބާކާރު ކޯޗު ޑިކް އެޑްވޮކާޓް، 2024 ވަނަ އަހަރު ޓީމާ ހަވާލުވި ހިސާބުންނެވެ. ނެދަލޭންޑްސްގެ އެޑްވޮކާޓް ކިއުރަސާއޯގެ ކޯޗުކަމާ ހަވާލުވެ، ކިއުރަސާއޯއަށް ކުޅެވޭނެ، އެގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިން އަމިއްލަ ގައުމުން ހޯދިއެވެ. އެއީ ކިއުރަސާއޯގެ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ހޯދި އެންމެ ބޮޑު ކުރިއެރުމެވެ.

ކިއުރަސާއޯއިން ފުޓުބޯޅައިގެ މިނިވަންކަން ހޯދި ފަހުން އެގައުމުގައި މުޅިންވެސް މަސައްކަތް ކުރީ ޑަޗް ކޯޗުންނެވެ. އޭގެ ތެރޭގައި ޕެޓްރިކް ކްލައިވާޓްވެސް ހިމެއެވެ. ނެދަލޭންޑްސް ގައުމީ ޓީމުގައި ވިދާލި ކްލައިވާޓްގެ މަންމައަކީވެސް ކިއުރަސާއޯއަށް ނިސްބަތްވާ މީހެކެވެ.

އާ ކޯޗު އެޑްވޮކާޓް ގެނައި ބަދަލާއެކު ކިއުރަސާއޯއަކީ ކެރިބިއަންގައި ވަރުގަދަ ނަމަކަށް ވާން ޖާގަ ލިބުނެވެ. އެހިސާބުން ގައުމީ ޓީމަށް މަގުބޫލުކަން ބޮޑުވެ، ސަރުކާރަށް ސްޕޮންސާޝިޕް ހޯދަން ފުރުސަތު ލިބުމެވެ. އިންފްރާސްޓްރަކްޗާވެސް ރަނގަޅުވިއެވެ. ގައުމުގެ ފުޓުބޯޅަ ބްރޭންޑް ވިއެވެ.

ޑިކް އެޑްވޮކާޓް ---

ކުރިން ނެދަލޭންޑްސްއާއި ދެކުނު ކޮރެއާގެ ކޯޗުކަމުގައި ވޯލްޑް ކަޕަށް ނުކުތް އެޑްވޮކާޓްގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕް ކޮލިފިކޭޝަން ފައިނަލް ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ކޮޅަށް ވަނީވެސް އެންމެ ތިން ގޯލެވެ. ދުނިޔޭ ރޭންކިންގެ 85 ވަނައިގައި އޮވެ، ކިއުރަސާއޯ ވޯލްޑް ކަޕަށް ކޮލިފައިވި އިރު، އެންމެ މުހިއްމަކީ ކުޅުންތެރިއެއް ބައްޕައެއްގެ ގޮތުގައި ބަލައި، އުމުރުން 78 އަހަރުގެ އެޑްވޮކާޓެވެ.

މިއަހަރުގައި ވޯލްޑް ކަޕުން ގިނަ ދުވަސްވީ ކޯޗުން ފެނިފައިވާ އިރު، މިފަހަރުގެ ކުރިން ވޯލްޑް ކަޕްގައި ކޯޗުކަން ކޮށްދިން އެންމެ ދުވަސްވީ ކޯޗަކީ ޖަރުމަނުގެ އޮޓޯ ރެހާގެލްއެވެ. އެއީ 71 އަހަރުގައެވެ. މިފަހަރު ވޯލްޑް ކަޕުގައި މިހާތަނަށް ދެ ކޯޗުން ވަނީ އޮޓޯގެ ރެކޯޑު މުގުރާލައިފައެވެ. އެއީ ދެކުނު އެފްރިކާގެ ހޫގޯ ބްރޫސްއާއި ޗެކް ރިޕަބްލިކްގެ މިރްސްލާވް ކޫބެކެވެ. އެޑްވޮކާޓް މިރޭ އެ ރެކޯޑު މުގުރާލާނެވެ.

އެޑްވޮކާޓް، ކިއުރަސާއޯގެ ކޮލިފިކޭޝަން ފަހު ދެމެޗުގައި ބެންޗުގައި މަޑުކޮށްފައެއް ނުވެއެވެ. އެއީ އަންހެން ދަރިފުޅު ބަލިވުމުންނެވެ. އެ ދަރިފުޅުގެ ބަލި ހާލަތު ހުރި ގޮތުން ވޯލްޑް ކަޕަށް ކޮލިފައި ކޮށްދީ، ކިއުރަސާއޯގެ ކޯޗުކަމުން އެޑްވޮކާޓް ދުރަށްވެސް ޖެހިލިއެވެ. އެހެން ނަމަވެސް ވޯލްޑް ކަޕަށް ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އޭނާ އަނބުރާ އައީ، ކިއުރަސާއޯއަށް ހޯދައިދިން އުންމީދުގައި ކުރިއަށް ދާށެވެ.

ކިއުރަސާއޯ ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން ފީފާއިން ކުރި ސުވާލުތަކަކީ ހޮޓަލުގެ ކަންކަމާއި ސެކިއުރިޓީގެ ކަންކަމަށް ކުރި ސުވާލުތަކެވެ. ކުޅުންތެރިން ދިން ޖަވާބުތަކަކީ ހޮޓަލުގެ ކަންކަމަކީ ކޮންމެހެން އެހާ ފުރިހަމަ ވާން ޖެހޭ ކަންކަން ނޫން ކަމަށް ބުނެ ދިން ޖަވާބެވެ. ސެކިއުރިޓީ ބޭނުމެއްވެސް ނޫނެވެ. އެއީ އެ ހާލަތްތަކަށް ޓީމު އާއިލާއެއްގެ ގޮތުގައި ތައްޔާރުވެފައިވާތީއެވެ.