ފީފާ ވޯލްޑް ކަޕް 2026 ގައި ސްކޮޓްލެންޑުން ހެއިޓީ އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
މިއީ ހެއިޓީގެ ދެވަނަ ވޯލްޑް ކަޕެވެ. ފުރަތަމަ ފަހަރަށް ހެއިޓީ ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 1974 ގައެވެ. އެފަހަރުގެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ހެއިޓީ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އެފަހަރުގެ މުބާރާތުގައި ހެއިޓީ ކޮޅަށް 14 ގޯލު ވަދެފައިވާ އިރު، އެޓީމުން ދެ ގޯލު ޖެހިއެވެ. ވޯލްޑް ކަޕްގައި ހެއިޓީން މި ވާދަކުރަނީ ބައި ގަރުނަށްވުރެ ދިގު މުއްދަތަކަށްފަހުއެވެ.
މިއީ ސްކޮޓްލެންޑްގެ ނުވަވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން ކޮންމެ ވޯލްޑް ކަޕެއް ވެސް ސްކޮޓްލެންޑް ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ. ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ގިނަވެގެން ސްކޮޓްލެންޑަށް ހޯދިފައިވަނީ އެއް މޮޅެވެ. އެންމެ ފަހުން ސްކޮޓްލެންޑް ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 1998 ގައެވެ. އެހެންކަމުން މިއީ 28 އަހަރަށްފަހު ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މިހާތަނަށް ސްކޮޓްލެންޑާއި ހެއިޓީ، މެޗެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. ހެއިޓީއަކީ ތަފާތު އެޓޭކިން ގޭމެއް ކުޅޭ ޓީމަކަށްވާ އިރު، ސްކޮޓްލެންޑް ފާހަގަކޮށްލެވެނީ ހެއިޓީއަށްވުރެ ކުޅުންތެރިންގެ ތަޖުރިބާގެ ގޮތުން ވަރުގަދަ ޓީމެއްގެ ގޮތުގައެވެ.
އެމެރިކާގެ ޖިލެޓް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު "ގްރޫޕު ސީ" ގެ މެޗުގައި ސްކޮޓްލެންޑުން ހެއިޓީގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ހެއިޓީން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔަ އިރު، ސްކޮޓްލެންޑް ފެނުނީ އެޓޭކުގައި ނުރައްކާކޮށެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ކެޕްޓަން އެންޑްރޫ ރޮބާޓްސަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްކޮޓްލެންޑްގެ ސްކޮޓް މެކްޓޮމިނޭ ބޮލުން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެ ބޯޅަ ދިިޔައީ ހެއިޓީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ފުރަތަމަ ހަތް މިނެޓަށްފަހު ހެއިޓީގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހެއިޓީގެ ޑޭންލީ ޖޯން ޖެކްސް ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލެންޑްގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ހެއިޓީން އެޓޭކުގައި ނުރައްކާކުރުމުން ދަނިކޮށް، މެޗުގެ 17 ވަނަ މިނެޓުގައި ސްކޮޓްލެންޑްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބެން ގެނޮން ޑޯކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ސްކޮޓްލެންޑްގެ މެކްޓޮމިނޭ ފޮނުވާލި ހަމަލާ އަމާޒުވީ ހެއިޓީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ސްކޮޓްލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޯޅައަކުން ސްކޮޓްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯން މެގިން އެވެ. އޭނާ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ހެއިޓީ ކުޅުންތެރިއެއް ގައިގައި ޖެހިފައެވެ.
ސްކޮޓްލެންޑުގެ ގޯލަށްފަހު ހެއިޓީން ޑޮމިނޭޓުކޮށް މުޅި ޓީމު ކުރިއަށްޖެހި އެޓޭކު އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން ހެއިޓީގެ އަވަސް އެޓޭކުތައް ހުއްޓުވުމަށް ސްކޮޓްލެންޑަށް އުނދަގޫތަކެއް ވެސް ކުރިމަތިވިއެވެ. ނަމަވެސް ހެއިޓީއަށް އެންމެ ރަނގަޅަށް ބޯޅަތައް ނިންމާލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްކޮޓްލެންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ލިބުނު ފުރުސަތުތަކަށްވުރެ ގިނައިން ފެނުނީ ފައުލްތަކެކެވެ. ނަމަވެސް މެޗުގެ 56 ވަނަ މިނެޓުގައި ސްކޮޓްލެންޑްގެ ގެނޮން ޑޯކްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ހެއިޓީގެ މާޓިން އެކްސްޕީރިއަންސް ވަނީ ބްލޮކްކޮށްފައެވެ.
އޭގެ ފަހުން ވެސް ދެ ޓީމުން ދިޔައީ ރަނގަޅު ކުޅުމެއް ދެއްކުމަށް އުނދަގޫތަކަކާ ކުރިމަތިލަމުންނެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ސްކޮޓްލެންޑްގެ މެގިން އަށް އިތުރު ގޯލެއް ޖެހުމަށް ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ހެއިޓީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ސްކޮޓްލެންޑުން ފަހަތަށް ފައިބައިގެން ޑިފެންސަށް އިސްކަންދީގެން ކުޅެމުންދަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި ހެއިޓީއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ރުބެން ޕްރޮވިޑެންސް ފޮނުވާލި ހަމަލާ، ސްކޮޓްލެންޑްގެ ނޭތަން ޕެޓާސަން ވަނީ ބްލޮކްކޮށްފައެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ހެއިޓީއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކާލެންސް އާކަސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ހެއިޓީގެ ފްރެންޓްޒީ ޕިއެރޮޓް ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ގްރޫޕު ސީގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ބްރެޒިލާއި މޮރޮކޯއެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026