ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ކަމަށް ބުނެ ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތައް އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދޮގުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޔޫއޭއީ މެދުވެރިކޮށް އީރާނަށް 3 ބިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކެވެ. އަދި ހިފަހައްޓާފައިވާ އީރާނުގެ އެއްވެސް ފައިސާއެއް ޔޫއޭއީގެ މާލީ ނިޒާމުގެ ތެރެއިން ދޫކޮށް ނުވަތަ ޓްރާންސްފާ ކޮށްފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، މީޑިއާތަކުން ހަބަރު ފެތުރުމުގައި ރަސްމީ މަސްދަރުތަކަށް ބަރޯސާވުމަށާއި ކަށަވަރު ނުކުރެވޭ ދޮގު މައުލޫމާތު ނުފެތުރުމަށް ޔޫއޭއީން ވަނީ ގޮވާލާފައެވެ.
މި ރިޕޯޓުތައް ފެތުރިފައިވަނީ، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައުމަށް މަޝްވަރާކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ރޮއިޓާސް ފަދަ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާތައް މެދުކަނޑާލުމުގެ ބަދަލެއްގެ ގޮތުން ޔޫއޭއީގައި ހިފަހައްޓާފައިވާ އީރާނުގެ 10 ބިލިއަނާއި 20 ބިލިއަން ޑޮލަރާ ދެމެދުގެ ފައިސާ ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ. އަދި އޭގެ ތެރެއިން 3 ބިލިއަން ޑޮލަރު މިހާރު ދޫކޮށްފައިވާ ކަމަށްވެސް ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން މިކަން ދޮގުކޮށްފައިވާ އިރު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ، އެއްބަސްވުމުގައި ސޮއިކުރުމުން އީރާނަށް މާލީ މަންފާތަކެއް ލިބޭނެ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައިފައެވެ. ވެންސް ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ދަށުން އީރާނަށް އެއްވެސް ފައިސާއެއް ދޫކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ