ހެއިޓީ، 1974 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވުން އެއީ އެތައް ގޮތަކުން ހާއްސަ ވާހަކައެކެވެ. 52 އަހަރަށްފަހު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް އެގައުމުން ނުކުންނަނީ އެތައް ބަޔަކަށް ގަބޫލުކުރަން އުނދަގޫވި ކަންތައްތަކެއް ސާބިތުކޮށްދީފައެވެ. ގައުމުގެ ކޮންޓްރޯލް އޮތީ ގޭންގްތައް އަތް މަތީގައެވެ. ދިރިއުޅެވޭ ވަރަށްވުރެ މާ ބޮޑަށްވެސް ނުރައްކަލެވެ. ގައުމެއްގެ އުސޫލާއި ހަމައެއް ނެތެވެ. ތަކެތި ލިބުމުގެ ދައްޗާއި ތަކެތީގެ އަގު އުފުލުމުގެ ދަތިތައް އިންތިހާއަށް އޮތުމާއެކު، ރައްޔިތުންގެ މޮޓޯއަކީ "ސަވައިވް" ވުމެވެ.
އެއީ ގައުމު އޮތް ހާލަތެވެ. ފުޓުބޯޅައަށް އޮތީ އަދި މާ ހާލަތު ގޯސްކޮށެވެ. ކޮލިފިކޭޝަންގައި ހޯމް މެޗެއް ކުޅެލަން ނުލިބެއެވެ. އެއީ އެގައުމުގެ ގައުމީ ޓީމު ކުޅޭ ސްޓޭޑިއަމް، ސްޓޭޑް ސިލްވިއޯ ކާޓޯ، ހަތިޔާރު އެޅި ގޭންގްގެ އަތްދަށަށް ދިޔުމާއެކުގައެވެ. ވެރިރަށް ޕޯޓް އޯ ޕްރިންސްގެ ބޮޑު ބައެއްވެސް ކޮންޓްރޯލް ކުރަނީ ގޭންގްތަކުންނެވެ.
ހެއިޓީން އަމިއްލަ ގައުމުގައި އެންމެފަހުން މެޗެއް ކުޅެފައި ވަނީ 2021 ވަނަ އަހަރުއެވެ. އެއީ ކެނެޑާއާ ދެކޮލަށް ކުޅުނު މެޗެވެ. އޭގެފަހުން ގައުމުގެ ހާލަތު ނުރައްކާވަމުން ދިޔަ އިރު، 2024 ވަނަ އަހަރު ހަނގުރާމަވެރި ޖަމާއަތުން ވަނީ ސްޓޭޑިއަމަށް ވަދެގަނެ، އެތަނުގެ ކޮންޓްރޯލް ނަގައިފައެވެ. އެހިސާބުން ހެއިޓީ ނިސްބަތްވާ ކޮންކަކާފްގެ އިތުރުން ފީފާއިންވެސް ނިންމީ އެގައުމުގެ މެޗުތައް ކުޅުނު ބުންދިވެރި ނޫން ކަމަށެވެ. އެކަން މަނާކުރިއެވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.
އަރުވާލެވިގެން ތިބެ، ހެއިޓީ ގައުމީ ޓީމުން ކޮލިފިކޭޝަން ހޯމް މެޗުތައް ކުޅުނީ ކެރިބިއަން ގައުމުތަކުގައެވެ. ނިއުޓްރަލް ދަނޑުތަކުގައެވެ. އޭގެ ތެރޭގައި ޑޮމިނިކަން ރިޕަބްލިކާއި ކިއުރަސާއޯވެސް ހިމެނެއެވެ. އަދި ބާބަޑޯސްގައިވެސް ބައެއް މެޗުތައް ކުޅެފައެވެ.
އެހިސާބުން ހެއިޓީގެ ވާހަކަ ނިމުނީކީ ނޫނެވެ. އެގައުމުން ނެގި، 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑުގައި އެގައުމަށް އުފަން ތިބީ އެންމެ 10 ކުޅުންތެރިންނެވެ. ހެއިޓީގައި މީގެ ކުރިން ކުޅެފައި ވަނީވެސް އެންމެ ކުޅުންތެރިއެކެވެ. އެއީ ވޫޑެންސްކީ ޕިއޭއެވެ. ހެއިޓީ ސްކޮޑުގެ 12 ކުޅުންތެރިޔަކު އުފަންވީ ފްރާންސަށެވެ. އެއީ ހެއިޓީގެ އާއިލާތަކަށެވެ. އޭގެ އިތުރުން އެއް ކުޅުންތެރިޔަކު ކެނެޑާއަށް، ސްވިޒަލޭންޑަށްވެސް އުފަންވެފައިވެއެވެ. އަދި ދެ ކުޅުންތެރިޔަކު އެމެރިކާގައި އުފަންވެ، އުޅެ ބޮޑުވިއެވެ.
އެގައުމުން ދެކޭ ގޮތުގައި ހެއިޓީގެ ޓީމުން ދައްކައިދެނީ ހަމައެކަނި ގައުމީ ރޫހެއް ނޫނެވެ. އެގައުމުގެ ދިރިއުޅުމުގެ ހާލަތާއި ހިޖުރަކުރުމުގެ މިންވަރެވެ. ކޮންމެ ދުވަހަކު ގައުމުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި ކަމެވެ.
ހެއިޓީން މިފަހަރު ޖާޒީ ޑިޒައިން ކުރީވެސް ފްރާންސް ކައިރިން މިނިވަން ވާން ޖޯން-ޖެގޭސް ޑެސަލީންސް ކުރި ހަނގުރާމަ ރަމްޒުކޮށްދޭ ކުރެހުމަކާއެކުގައި ނަމަވެސް، ފީފާއިން އަންގައިގެން މިހާރު އެ ކުރެހުން ނަގަން ޖެހިއްޖެއެވެ. މިރޭ ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ ޖާޒީގައި އެ މަންޒަރެއް ނުހިމެނޭނެއެވެ.
ހެއިޓީ ބޭނުންވަނީ ސަޕްރައިޒަކަށް ވާން
ކޯޗު ސެބެސްޓިއަން މިންޔޭގެ ވިސްނުމަކީ 52 އަހަރުފަހުން ވޯލްޑް ކަޕަށް ނުކުމެ، ކުޅެލާފައި ދިޔުމެއް ނޫނެވެ. ނަތީޖާ ނެރުން އެއީ ޓާގެޓެކެވެ. ހެއިޓީގެ ކުޅުންތެރިންނަކީ އެހެން ލީގުތަކުން ފުރުސަތުތައް ލިބިފައިވާ ކުޅުންތެރިންނަށްވުން އެއީ އޭނާއަށް ފައިދާއެއްވެސް މެއެވެ.
"އަހަރެން އުންމީދުކުރަނީ ހެއިޓީއަކީ ސަޕްރައިޒަކަށް ވާނެ ކަމަށް. 54 އަހަރުކުރިން މިހިސާބަށް އައި ނަމަވެސް، މިއަދު މިއައީ ތަފާތު ވާހަކައަކާއެކު. އޭރު ނުވި ކަންތައްތަކެއް ކުރަން މިހާރު އެބަ ޖެހޭ،" މިންޔޭ ބުންޏެވެ.
މިންޔޭ ބުނީ ގްރޫޕް ސްޓޭޖުގައި އިދިކޮޅަށް ނުކުންނަ ޓީމުތަކަށް ބަލާ އިރު، ތާރީހީ ފުރަތަމަ މޮޅަކަށް ޓީމު އެކުގައި ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026