އީރާނުން ރަސްމީގޮތެއްގައި އެމެރިކާއަށް ކިޔަނީ ކޮންނަމެއްކަން އެނގޭ ހެއްޔެވެ. އެމެރިކާއަށް އީރާނުން ދީފައިވާ ނަމަކީ ޝޭތާން ބޮޒްރޮގެވެ. ފާރިސީބަހުންނެވެ. މާނަޔަކީ އެންމެ ބޮޑު ޝައިތާނެވެ. މި ނަން ދެއްވީ އީރާނުގެ އިސްލާމީ އިންގިލާބުގެ ބާނީ އާޔަތު ﷲ ރޫހު ﷲ ޚުމައިނީއެވެ. މި ނަން އޭނާ އެންމެ ފުރަތަމަ ބޭނުން ކުރެއްވީ މީގެ 47 އަހަރު ކުރިންނެވެ. ރައްޔިތުންނާ މުޚާތަބު ކުރައްވައި 5 ނޮވެމްބަރު 1979 ގައި ދެއްވި ރޭޑިއޯ ތަގުރީރެއްގައެވެ. އެ ތަގުރީރަކީ އީރާނާއި އެމެރިކާގެ ގުޅުން އޮންނާންވީ ގޮތުގެ މައްޗަށް އޭނާ އަލިއަޅުވައިލެއްވި ތަގުރީރެވެ. ވިދާޅުވިއެވެ. އެމެރިކާއާއި އީރާނާ ދެމެދު އެހައިތަނަށް އޮތް ގުޅުމެއްވިއްޔާ ކެނޑުނީއެވެ. ނިމުނީއެވެ. އެމެރިކާއަކީ ޝޭތާން ބޮޒްރޮގެވެ. ބޮޑު ޝައިތާނެވެ. އެމެރިކާއަކީ ދުނިޔެ އަޅުވެތިކުރާން އުޅޭ ގައުމެކެވެ. މީހުންނަށް ވަސްވާސްދީ ހައްލާން އުޅޭ ބައެކެވެ. އެކަހަލަ ބަޔަކާއެކު އީރާނުން ދަމަހައްޓަންވީ ގުޅުމެއް ނެތެވެ.
މި ތަގުރީރު އޭނާ ދެއްވީ އީރާނުގެ އިސްލާމީ އިންގިލާބަށް ނުވަމަސް ފަހުންނެވެ. ޝާހު ރިޒާ ޕަހެލަވީގެ ރަސްކަން ވައްޓާލައި އިސްލާމީ ޖުމްހޫރިއްޔަތެއް އިއުލާންކުރިތާ އަހަރެއްވެސް ނުވަނީހެވެ. އޭރު މި އިންގިލާބު ނާކާމިޔާބުކޮށްލައި އީރާނުގައި އަލުން އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކުރެވޭތޯ އެމެރިކާގެ ރައީސް ޖިމީ ކާޓަރު ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. ޖިމީ ކާޓަރާއި އިޒްރޭލުގެ ބޮޑުވަޒީރު މެނާޚިމް ބޭގިންއާއި އިނގިރޭސި ބޮޑުވަޒީރު މާގްރެޓް ތެޗަރ ގުޅިގެން މަސައްކަތް ފެށީ އީރާނުގެ އިސްލާމީ އިންގިލާބުގެ އެންމެ ޅަފަތުގައި އެ އިންގިލާބުގެ ކަރުގައި ހިފައި ނޭވާހާސްކޮށްގެން މަރައިލުމަށެވެ. މި މަސައްކަތްތަކުގެ ރައްދު ޖަވާބު ދިނީ އީރާނުގެ ރައްޔިތުންނެވެ. ކިޔަވާކުދިން އިސްކޮށް ތިބެގެންނެވެ. އެމީހުން ކުރިކަމަކީ ވެރިރަށް ތެހެރާނުގައި ހުންނަ އެމެރިކާގެ އެމްބަސީއަށްވަދެ އެތަން ހިފީއެވެ. އެމްބަސީގައި އެވަގުތު ތިބި ހުރިހާ މުވައްޒަފުން ރަހީނު ކުރީއެވެ. މިކަމެއް ހިނގީ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މިލިޔުން ފަށަމުން އަޅުގަޑު އިޝާރާތްކުރި ތަގުރީރު އާޔަތު ﷲ ޚުމައިނީ ދެއްވީ އޭގެ އެއްދުވަސް ފަހުންނެވެ. ތެހެރާނުގައި ހުރި އެމްބަސީގައި އެންމެ ފުރަތަމަ ރަހީނު ކުރެވުނީ އެމެރިކާގެ ފަސްދޮޅަސް މީހުންނެވެ. އެމްބެސެޑަރުވެސް ހިމެނޭ ގޮތުންނެވެ. އޭގެތެރޭގައި ހިމެނުނު އަންހެނުންނާއި ކަޅު ނަސްލުގެ މީހުން ދާދިއަވަހަށް މިނިވަންކޮށް ދޫކޮށްލުމަށްފަހު ދެން ހިފެހެއްޓީ ބާކީތިބި 52 މީހުންނެވެ. ކޮންމެއަކަސް މިދެންނެވި ރަހީނުންގެ މައްސަލަ 444 ދުވަހަށް ދެމިގެން ދިޔައެވެ. އެ މުއްދަތުގެ ތެރޭގައި ރަހީނުން މިނިވަން ކުރުމަށް ޖިމީ ކާޓަރުގެ ސަރުކާރުން ކޮށްފައި ނުކުރާކަށް ވަކި ކަމެެއް ނުބާއްވައެވެ. އަސްކަރީ އޮޕަރޭޝަންތަކެއްވެސް ހިންގިއެވެ. އެމެރިކާގައި 1980 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައީސް ޖިމީ ކާޓަރު ބޮޑު ތަފާތަކުން ބަލިވުމުގެ ސިއްރަކީވެސް ރަހީނުން މިނިވަންކުރުމުގައި ނާކާމިޔާބު ވުމެވެ. ރަހީނުން މިނިވަންކުރީ އީރާނުން އަމިއްލައަށެވެ.
އެކަންކުރީ އައު ރައީސް ރޮނަލްޑް ރޭގަން 20 ޖެނުއަރީ 1981 ގައި ހުވައި ކުރެެއްވުމާ ދިމާކޮށް އައުރައީސަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ. ރަހީނުން މިނިވަން ކުރުމަށް ޖިމީ ކާޓަރުގެ އަމުރަށް ހިންގުނު އަސްކަރީ އެއް އޮޮަޕަރޭޝަނަކީ "ބާޒުގެ ވަކި" މިނަމުގައި ހިންގުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެމެރިކާގެ ހެލިކޮޕްޓަރުތައް އީރާނުގެ ތެރޭގައި އެކަތި އަނެކައްޗާ ޖެހި ވެއްޓި އެތައް ބަޔަކު މަރުވެގެން ނިމުނީއެވެ. ނާކާމިޔާބުވީއެވެ. މި އޮޕަރޭޝަނެއް ހިންގީ 24 އެޕްރީލް 1980 ގައެވެ. މި އޮޕަރޭޝަން ނާކާމިޔާބުވީ އީރާނުގެ ސިފައިން ދިން ރައްދު ހަމަލާތަކުގެ ސަބަބަކުން ނޫނެވެ. ކުއްލިއަކަށް ކުރިމަތިވި ވެލީގެ ވަރުގަދަ ތޫފާނެއްގެ ސަބަބުންނެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ ޚުމައިނީ ވިދާޅުވިއެވެ. އެއްކައުވަންތަ އިލާހު ވޮޑިގެންވަނީ ހައްގުގޮތުގައި ތިބި މީހުންނާއެކީގައެވެ. ހައްގު ގޮތުގައި ތިބީ ކޮންބައެއްކަން އަދިވެސް ނޭނގެނީ ހެއްޔެވެ. އީރާނުގެ އިސްލާމީ އިންގިލާބާއި އީރާނުގެ ރައްޔިތުންނަށް ކުޅަދުންވަންތަ އިލާހުގެ ރައްކާތެރިކަން ލިބިގެންވާކަން ނުފެނޭ ހެއްޔެވެ.
ޚުމައިނީގެ އެ ވިދާޅުވުމަކީ ތެދެއްކަމަށް ޚުދު ޖިމީ ކާޓަރުވެސް އެންމެފަހުން އެއްބަސްވެ ވަޑައިގެންނެވިއެވެ. ހަމަ އެއަހަރުގެ ތެރޭގައި ޖިމީ ކާޓަރު ވިދާޅުވިއެވެ. "އެވްރިތިންގ ވޯޒް އިން އަވަރ ފޭވަރ، ބަޓް ގޯޑް ސްޓޫޑް ވިތް ޚުމައިނީ" އެވެ. މާނަޔަކީ ހުރިހާ ކަމެއްވެސް އޮތީ އަހަރެމެންނަށް ފަހިވާ ގޮތަށެވެ. އެކަމަކު ޚުމައިނީއާއެކު އެހެން ފަރާތެއްވެއެވެ. ކޮންމެއަކަސް ހައްގު ގޮތުގައި ތިބީ ކޮންބައެއް ކަމާއި ބޮޑު ޝައިތާނަކީ ކޮބައިކަން ޖިމީ ކާޓަރުގެ އިއުތިރާފުންވެސް އެއޮތީ ސާފުވެފައެވެ. އެމެރިކާގައި ހުރި އީރާނުގެ މުދަލާއި ފައިސާ އެންމެ ފުރަތަމަ ގަނޑުކޮށް ހިފެހެއްޓީވެސް ޖިމީ ކާޓަރެވެ. އެއީ އެތައް ސަތޭކަ ބިލިޔަން ޑޮލަރެކެވެ. އެމެރިކާއަކީ ޝޭތާން ބޮޒްރޮގުގެ ގޮތުގައި ޚުމައިނީ ސިފަކުރެއްވުމުގެ އެއްސަބަބަކީވެސް އެއީއެވެ. ޖިމީ ކާޓަރު އެހިސާބުން އަދި ނިންމައިލެއްވީއެއް ނޫނެވެ. އިރާގުގެ ރައީސް ސައްދާމު ހުސައިނަށް ހަތިޔާރާއި ފައިސާ ދީގެން 22 ސެޕްޓެމްބަރު 1980 ގައި އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެއްޓީވެސް އެމެރިކާއިންނެވެ.
އެމެރިކާގެ މަގުސަދަކީ އީރާން ބަލިކުރުމެވެ. މި ހަނގުރާމަ 8 އަހަރު ދުވަހަަށް ދެމިގެންދިޔައިރުވެސް އެކަމެއް ނުކުރެވުނެވެ. ދެން ފުދިއްޖެއޭ، މިހިސާބުން ހުއްޓާލަމާހޭ ވިދާޅުވެފައި 20 އޮގަސްޓް 1988 ގައި ހަގުރާމައަށް ނިމުން ގެންނެވީވެސް ސައްދާމެވެ. އެމެރިކާއަކީ ޝޭތާން ބޮޒްރޮގުކަން ފާއިތުވި 47 އަހަރުގެ ތެރޭގައި ތަކުރާރުކޮށް އެމެރިކާއިން އެދަނީ ސާބިތުކޮށްދެމުން ދައްކަމުންނެވެ. ރައީސް ޓްރަމްޕުވެސް ކުރަނީ އެކަންތަކެވެ. އެހެންވީމާ އެމެރިކާއަށް އީރާނުން އިތުބާރު ކުރާނޭ ބާވައެވެ. ކުރެވޭނެ ބާވައެވެ ނޫނެކެވެ. ނުކުރެވޭނެއެވެ. ކުރަން ހެޔޮވެސް ނުވާނެއެވެ. އެހެންވީމާ ދެން ޓްރަމްޕަށް އޮތީ ޖިމީ ކާޓަރަށްވެސް ދިމާވި ގޮތެވެ. ހޮސްޓެޖުންގެ ކަންތައްވެސް ނިމުނީ 444 ދުވަހުންނެވެ. އެކަން ނިންމައިދިނީ އެމެރިކާގެ ރައްޔިތުން ވޯޓުންނެވެ. ވޯޓާ ހިސާބަށް އީރާނުން ހިފަހައްޓަފާނެއެވެ. ހިފެހެއްޓޭނެއެވެ. މިއަހަރުގެ ނޮވެމްބަރު ތިނެއްގައި އެމެރިކާގެ ރައްޔިތުން މިޑް ޓާރމް އިލެކްޝަނުގައި ވޯޓުލާން ނުކުންނާނެއެވެ. ފެންނަ ފެނުމުގައި އެއީ ޓްރަމްޕުގެ ތަރި އޮއްސޭނެ ދުވަހެވެ. އޭނާގެ ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް ގާނޫނުހަދާ މަޖިލީހުގައި ގެއްލޭނެ ދުވަހެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ