މުނިފޫހިފިލުވުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެމެރިކާގެ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ވޯނާ ބްރަދާސް ޑިސްކަވަރީ އާއި ޕެރަމައުންޓް ސްކައިޑާންސް އެއްކޮށްލުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ރަސްމީކޮށް ހުއްދަދީފިއެވެ.
މިއީ 111 ބިލިއަން ޑޮލަރުގެ އަގުބޮޑު މުއާމަލާތެކެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، 8 މަސްދުވަހުގެ ތަހުގީގަކަށްފަހު މި މުއާމަލާތަށް ހުއްދަދޭން ނިންމީ، މީގެ ސަބަބުން ވާދަވެރިކަމަށް ނުވަތަ އާންމު ރައްޔިތުންނަށް ގެއްލުމެއް ލިބޭނެކަމަށް ނުބެލެވޭތީއެވެ. އަދި މީގެ ސަބަބުން މީޑިއާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ވާދަވެރިކަން އިތުރުވެ، އާންމުންނަށް އޭގެ ފައިދާ ކުރާނެކަމަށް އެ ޑިޕާޓްމަންޓުން ފާހަގަކުރިއެވެ.
މި އެއްބަސްވުމުގެ ދަށުން، ހޮލީވުޑްގެ ބޮޑެތި ފިލްމު ސްޓޫޑިއޯތަކާއި، ސްޓްރީމިން ހިދުމަތްތައް ކަމަށްވާ އެޗްބީއޯ މެކްސް އަދި ޕެރަމައުންޓް ޕްލަސްގެ އިތުރުން، އެމެރިކާގެ ބޮޑެތި ނޫސް އިދާރާތައް ކަމަށްވާ ސީއެންއެން އާއި ސީބީއެސް ނިއުސް ހިންގާނީ އެއް ކުންފުންޏެއްގެ ދަށުންނެވެ.
ޕެރަމައުންޓްގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މިއީ ވާދަވެރިކަން އިތުރުކޮށްދޭނެ ނިންމުމެކެވެ. އަދި މީގެ ސަބަބުން ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާ ވާދަކުރުމުގެ ގާބިލުކަން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ހޮލީވުޑްގެ ގިނަ ފަންނާނުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، މީޑިއާގެ ބާރު އެއް ކުންފުންޏެއްގެ އަތްމައްޗަށް ދިއުމަކީ ވަޒީފާތައް ގެއްލި، ހަބަރު ފެތުރުމުގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެކެވެ.
އެމެރިކާ ސަރުކާރުން މި މުއާމަލާތަށް ހުއްދަދިން ނަމަވެސް، މިއީ އަދި މުޅީން ނިމިފައިވާ ކަމެއް ނޫނެވެ. ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ރޮބް ބޮންޓާ ވިދާޅުވި ގޮތުގައި، އެ ސްޓޭޓުން އަދިވެސް އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުގެ ކަމާބެހޭ އިދާރާތަކުން ވެސް ދަނީ މި އެއްބަސްވުން މުރާޖައާކުރަމުންނެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ