މިއަހަރު ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި ދެކުނު ކޮރެެއާއާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގައި ފެނުނު ހުސް ސީޓުތަކަކީ ސަޕޯޓަރުންނަށް ނުވިކި، ނޫނީ ސަޕޯޓަރުން ނުވަދެގެން ހުސްކޮށް ހުރި ސީޓުތަކެއް ނޫން ކަމަށާއި، އެ ސީޓްތައް ހުސް ކަމަށް ފެންނަނީ ސަޕޯޓަރުން ގޮސް ކޮޅަށް ތިބޭތީ ކަމަށް ފީފާއިން ބުނެފިއެވެ.
މިފަހަރުގެ ޓިކެޓު ކަންތަކުގައި ފީފާ އޮތީ ވަރަށް ބޮޑު ޕްރެޝަރެއްގައެވެ. ޑައިނަމިކް ޕްރައިސިންގައި ޓިކެޓް ވިއްކުމުން އަގު އަރައިގެން ގޮސްފައިވާ އިރު، ސަޕޯޓަރުންނަށް އެމެރިކާގެ ދަތުރުފަތުރު އަގު ބޮޑުވުންވެސް އެއީ ބޮޑު މާޔޫސްކަމެކެވެ. އަދި އޭގެ އިތުރުން އެމެރިކާގެ އިމިގްރޭޝަން އުސޫލުތަކާ ހެދި ގިނަ ބަޔަކަށް ވަނީ ވިސާގެ މައްސަލަވެސް ކުރިމަތިވެފައެވެ.
އެކަންކަމުގައި ފީފާއިން ވަނީ ދިފާއުގައި ވާހަކަވެސް ދައްކައިފައެވެ. ފީފާއިން ބުނީ މެޗުތައް އެއްކޮށް ވިކިފައިވާ ކަމަށެވެ. ދެކުނު ކޮރެއާއާއި ޗެކް ވާދަކުރި މެޗު ކުޅުނީ މެކްސިކޯގެ ގުއަޑަލަހާރާގެ އެސްޓާޑިއޯ އަކްރޮންގައި ކަމަށްވީ އިރު، އެއީ 46،000 މީހުންނަށް ވަދެވޭ ސްޓޭޑިއަމެކެވެ. ފީފާއިން އެރޭ އިއުލާނުކުރީ މެޗަށް 44،985 މީހުން ވަން ކަމަށެވެ. އެކަމާ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.
"ދަނޑުގެ އެޓެންޑެންސް އިއުލާނުކުރަނީ ޓިކެޓް ސްކޭން ކުރާ އަދަދަށް ބަލާފައި. އެއީ ސީޓްތަކަށް ބަލައިގެން އިއުލާނުކުރާ އަދަދެއް ނޫން. ފީފާއިން އެކަމުގައި ރަނގަޅު އަދަދު އިއުލާނުކުރުމުގައި ދަނޑުގައި މަސައްކަތް ކުރާ ސްޓާފުންނާއެކު ވަރަށް ރަނގަޅަށް މުއާސަލާތު ކުރަމުންދާނެ،" ފީފާއިން ބުންޏެވެ.
ފީފާއިން އިތުރަށް ބުނީ ހުސް ސީޓުތައް އެއީ މުޅިން އެހެން ގޮތަކުން ފެނުނު ހުސް ސީޓިތަކެއް ކަމަށެވެ.
"ގުއަޑަލަހާރާގައި ކުރިއަށްދިޔަ މެޗުގައި ޓިކެޓް ނަގައިގެން ވަން ސަޕޯޓަރުން ގޮނޑި ދޫކޮށް، ވަރަށް ބޮޑަށް ކައިރިން ބަލަން ވެގެން ތެދުވެ، ކުރީގައި ހުރި ދަގަނޑު ފެންސް ކައިރީގައި ތިބި. އެއީ އެ ސީޓުތައް،" ފީފާއިން ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026