އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޯޒިކޯޑް ޑިސްޓްރިކްޓަށް ނިސްބަތްވާ 43 އަހަރުގެ ވިޔަފާރިވެރިޔަކު ނިޕާ ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.
ކޯޒިކޯޑް ގަވަރންމަންޓް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ހެދި ފުރަތަމަ ޓެސްޓުތަކުން އޭނާ ނިޕާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ކެރެލާގެ ހެލްތު މިނިސްޓަރު ކޭ މުރަލީދަރަން ވިދާޅުވި ގޮތުގައި، ބަލިމީހާއަށް ދެވެން އޮތް ހުރިހާ ފަރުވާއެއް އަންނަނީ ދެމުންނެވެ. އަދި ބަލި ޔަގީންކުރުމަށްޓަކައި އޭނާގެ ސާމްޕަލްތައް ވަނީ ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (އެންއައިވީ) އަށް ފޮނުވާފައެވެ.
މި ކޭހާ ގުޅިގެން ކެރެލާގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން، ބަލިމީހާއާ ކޮންޓެކްޓުވި 72 މީހެއްގެ ލިސްޓެއް އެކުލަވާލާފައިވާއިރު، އޭގެ ތެރޭގައި 58 ސިއްހީ އެހީތެރިންނާއި އާއިލާގެ 14 މެންބަރަކު ހިމެނެއެވެ. މީގެ ތެރެއިން ހައި-ރިސްކް ކަމަށް ބެލެވޭ މީހުން ކަރަންޓީނުވުމަށް ވަނީ އަންގާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ވަގުތު އާންމުން ހާސްވެ ކަންބޮޑުވާންޖެހޭ ސަބަބެއް ނެތެވެ.
ފެރޯކް ސަރަހައްދަށް ނިސްބަތްވާ މި މީހާއަށް ބަލި ޖެހުނު ކަމަށް ލަފާކުރެވެނީ އޭނާ ކުއްޔަށް ހިފައިގެން އުޅުނު ގުދަނެއް ސާފުކުރުމުގެ ތެރޭގައެވެ. ސިއްހީ އޮފިޝަލުން ލަފާކުރާ ގޮތުގައި އެ ގުދަނުގައި ވާލުގެ ނަޖިސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނިޕާ ވައިރަހަކީ ވާލުގެ ޒަރީއާއިން އިންސާނުންނަށް ފެތުރޭ، ނުރައްކާތެރި ބައްޔެކެވެ. ނިޕާ ވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުމާއި، ކަރުގައި ރިއްސުމުގެ އިތުރުން ހޮޑުލެވުން ހިމެނެއެވެ. މިއީ މަރުވުމުގެ ނިސްބަތް 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގައި ހުންނަ ނުރައްކާތެރި ބައްޔެކެވެ.
ހަބަރުތައް ބުނާ ގޮތުގައި މި މީހާ އެންމެ ފުރަތަމަ ފަރުވާ ހޯދާފައިވަނީ އަމިއްލަ ދެ ހޮސްޕިޓަލަކުންނެވެ. އެތަންތަނުން އޭނާ ވަނީ އެމްއާރްއައި އަދި އެކޯ ޓެސްޓުތަކެއް ހަދާފައެވެ. ކެރެލާގައި 2018 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ނިޕާ ވައިރަސް ފެތުރިފައިވާއިރު، މިއީ މިއަހަރުގެ ތެރޭގައި އެ ސްޓޭޓުން މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކޮންޓެކްޓް ޓްރޭސިން އާއި އައިސޮލޭޝަންގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ