ވޯލްޑް ކަޕްގެ ތާރީހުގައި މިހާތަނަށް، 40 އިން މައްޗަށް ދިޔަފަހުން އައުޓްފީލްޑް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ކެމަރޫންގެ ފޯވަޑް ރޯޖާ މިލާއެވެ. 1994 ވަނަ އަހަރުގައި މިލާ ވަނީ 42 އަހަރުގައި ވޯލްޑް ކަޕްގައި ގޯލް ޖަހައި ރެކޯޑު ހަދައިފައެވެ. އަދިވެސް އެ ރެކޯޑު އޮތީ އޭނާ އަތުގައެވެ.
ދެން 40 އިން މައްޗަށް ދިޔަފަހުން ވޯލްޑް ކަޕްގައި ކުޅުނުތަން ފެނިގެން ގޮސްފައި ވަނީ ކީޕަރުންނެވެ. އެގޮތުން ޖުމުލަ ހަ ކީޕަރަކު ވަނީ 40 އަހަރުން މަތިވިފަހުން ވޯލްޑް ކަޕުގައި ކުޅެފައެވެ. އެއީ މިސްރަށް ކުޅުނު 45 އަހަރުގެ އެސާމް އަލް ހާދަރީއާއު ކޮލަމްބިއާގެ ކީޕަރު ފަރީދު މޮންޑްރަގޮންގެ އިތުރުން ނޮދާން އަޔަލޭންޑްގެ ޕެޓް ޖެނިންސް، އިންގްލެންޑްގެ ޕީޓާ ޝިލްޓަން އަދި އިޓަލީގެ ޑީނޯ ޒޮފާއި ޓިއުނީޝިއާގެ އަލީ ބޯންމިޖޭލްއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި 40 އަހަރުން މަތީގެ އިތުރު އައުޓްފީލްޑް ކުޅުންތެރިންތަކެއްވެސް ފެންނާނެ ކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން ޕޯޗުގަލްގެ ކެޕްޓަން، އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އުމުރުން 40 އަހަރުގެ ލޫކާ މޮޑްރިޗްގެ އިތުރުން ކޭޕް ވޭޑްގެ ވޮޒީނިއާއާއެކު ބޮސްނިއާގެ ކެޕްޓަން، ލީޑަރު އެޑިން ޖެކޯވެސް އެ ލިސްޓުގައި ހިމެނެއެވެ.
އޭގެ އިތުރުން މިފަހަރުވެސް 40 އިން މަތީގެ ކީޕަރުން ފާހަގަވެއެވެ. މެކްސިކޯއިން ރޭ ކުޅުނު މެޗުގައި ގުއިލާމޯ އޮޗޮއާއަށް ފުރުސަތު ނުލިބުނު އިރު، އޭނާއަކީ 40 މަތީގެ ކީޕަރެކެވެ. އޭނާ މަސައްކަތް ކުރަނީ ހަ ވޯލްޑް ކަޕްގައި ކުޅުމުގެ ޝަރަފަށެވެ. އޭގެ އިތުރުން މި ވޯލްޑް ކަޕްގެ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ ސްކޮޓްލޭންޑްގެ ކްރެއިގް ގޯޑަން އާއި ޖަރުމަނު ކީޕަރު މެނުއަލް ނޯޔާއަކީވެސް 40 މަތީގެ ކުޅުންތެރިންނެވެ.
މިއީ ނިސްބަތުންވެސް 40 މަތީ ކުޅުންތެރިން ގިނަ ވޯލްޑް ކަޕެކެވެ. ހާއްސަކޮށް އައުޓްފީލްޑް ކުޅުންތެރިންނެވެ. މެސީއާއި ރޮނާލްޑޯ ހަވަނަ ވޯލްޑް ކަޕަކަށް ނުކުތްއިރު މޮޑްރިޑް ނުކުތީ ފަސްވަނަ ވޯލްޑް ކަޕަށެވެ. އެ ކުޅުންތެރިންނަކީ ގައުމީ ޓީމުތަކަށް މުހިއްމު، ޒިންމާ ވެސް ބޮޑު ކުޅުންތެރިންނެވެ. ހަމަ އެ ބީދައިން ދެވަނަ ވޯލްޑް ކަޕަކަށް މިރޭ ނުކުންނަ ބޮސްނިއާގެ ޖެކޯއަކީވެސް ޓީމުގެ އެންމެ މުހިއްމު ތަރިއެވެ.
"އެޑިންއަކީ އަހަރެމެންގެ ކެޕްޓަން. އަދި ލީޑަރުގެ އިތުރުން އަހަރެމެންގެ ނަމޫނާ ކުޅުންތެރިޔާ. މިޓީމުގެ ޒުވާން ތަރިންނަށް އެއީ މުހިއްމުވާނެ ތަޖުރިބާއެއް. ޓީމު ލީޑު ކުރާނީ އޭނާ،" ބޮސްނިއާގެ ކޯޗު ސަރްގޭޖް ބާބަރޭޒް ބުންޏެވެ.
ޖެކޯ މިދިޔަ ސީޒަނުގައި ހޭދަކުރީ ޝާލްކޭގައެވެ. އެޓީމުން ތިން އަހަރުފަހުން އެނބުރި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާ އިރު، ޖެކޯ ވަނީ ސީޒަނުގައި ހަ ގޯލް ޖަހައިދީފައެވެ. އެއީ 11 މެޗުންނެވެ.
ގައުމީ ޓީމަށް މިހާތަނަށް 73 ގޯލް ޖަހައިދީފައިވާ ޖެކޯ ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް ސެމީ ފައިނަލުގައި ވޭލްސް ކޮޅަށް ގޯލް ޖަހަދީ، ފައިނަލްގައި އިޓަލީ ކަޓުވާލަން އެއްވަރު ކުރަން އެސިސްޓް ކޮށްދީފައެވެ. އެމެޗުގައި ޖެކޯގެ ކޮނޑަށް ލިބުނު އަނިޔާއާއެކު، މިރޭގެ މެޗަށް އޭނާއާ ދޭތެރޭ ސުވާލު އުފެދުން އެއީ މާޔޫސްކަމެކެވެ. އެހެން ނަމަވެސް ބޮޑަށް ބެލެވެނީ މިރޭ ފެންނާނެ ކަމަށެވެ.
ޖެކޯގެ ނަޒަރުގައި 40 އިން މައްޗަށް ދާފަހުން ކުޅުން އެއީ ކުރިން ވިސްނާފައި ނުވާ ކަމެކެވެ.
"އަހަރެން ދުވަހަކުވެސް ހީއެއް ނުކުރަން 40 އަހަރު ވަންދެން ކުޅެވޭނެ ކަމަކަށް. އުމުރުން 17 އަހަރުވެސް މީހުން ބުނާނެ ތަޖުރިބާ މުހިއްމުވާނޭ ފުޓުބޯޅަ ކުޅެން. އެކަމަކު އޭރު އަހަންނަށްވެސް އެކަން މާބޮޑަކަށް ގަބޫލެއް ނުކުރެވޭ. ވެދާނެ ދެން އުމުރުގެ ގޮތުން ކަމަށް. އަސްލު މިހާރު އެކަންކަން ވިސްނޭ. މިހާރު އަހަންނަށް އެނގޭ އަހަރެންގެ ހަށިގަނޑު މެނޭޖުކުރަން. އޭރު ނުވިސްނަން 35 މިނެޓް ކުރިން ޓްރެއިނިންއަށް އަންނާކަށް. ނޫނީ ނިންމާފަ އަދި މަޑުކުރާކަށް. އެ އަންނަނީ ތަޖުރިބާއިން ލިބޭ ފިލާވަޅު،" ޖެކޯ ބުންޏެވެ. ޖެކޯވަނީ ކެރިއަރުގައި މެންޗެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގާއި ވުލްވްސްބާގާއެކު ޖަރުމަނު ލީގުވެސް ހޯދައިފައެވެ. އޭގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް އިންޓަ މިލާނާއެކު ކުޅެފައިވެއެވެ.
ކެރިއަރުގައި އެންމެ ފުރަތަމަ ކުޅުނު ޒެލްޖެންޒްނިކާރުން ބޭނުން ނެތިގެން، ޗެކް ރިޕަބްލިކްގެ ޓެޕްލީސްއަށް ކުޑަ އަގެއްގައި ވިއްކާލި ޖެކޯއަކީ ތަރިއަކަށްވާނެ ކަމަކަށް މާގިނަ ބަޔަކު ގަބޫލުނުކުރިޔަސް، މިއަދު އޭނާއަކީ އެގައުމުގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ.
ބޮސްނިއާއިން 2014 ވަނަ އަހަރު ފަހުން ވޯލްޑް ކަޕަށް ނުކުންނަ މެޗުގައި މިރޭ ކެނެޑާއާ ވާދަކުރާ އިރު، ޓާގެޓަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔުން ކަމަށް ކޯޗު ފާހަގަކޮށްފައިވެއެވެ. 2014 ވަނަ އަހަރު އިރާން ބަލިކޮށް މޮޅެއް ހޯދި ނަމަވެސް، ގްރޫޕް ސްޓޭޖުން ސަލާމަތެއް ނުވެވުނެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026