ޖަޕާނުގެ ކެޕްޓަން ވަޓަރު އެންޑޯއަށް އަނިޔާވެ ވޯލްޑް ކަޕް ގެއްލުމާއެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފިއެވެ.

މިރޭ ފެށި ވޯލްޑް ކަޕްގައި ޖަޕާނަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެންޑޯއަށް ވޯލްޑް ކަޕް ގެއްލުނީ ސީޒަން ތެރޭގައިވެސް އޭނާގެ ކުޑަހުޅަށް އަދި ވާތު ފަޔަށް ލިބުނު އަނިޔާއިން އެއްކޮށް ރަނގަޅު ނުވުމުންނެވެ. ލިވަޕޫލަށް ކުޅެމުންދާ އެންޑޯއަށް މިދިޔަ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައިވެއެވެ.

ޖަޕާނުން އެންޑޯގެ ބަދަލުގައި ސްކޮޑަށް ނަގާފައި ވަނީ ބްރޫޝިއާ ޑޯޓްމުންޑަށް ކުޅޭ ފޯވަޑް، ޝޫޓޯ މަޗީނޯއެވެ.

"އަހަންނަށް އަނިޔާވި އިރުން ފެށިގެންވެސް މި ވޯލްޑް ކަޕަށް ފިޓްވާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރިން. އެހެންވީމަ ވޯލްޑް ކަޕް ގެއްލުނު ނަމަވެސް އެކަމުގައި އަހަރެން ހިތާމަކުރާކަށް ނެތިން. މިއީ މިފަހަރު މިކަން އޮތް ގޮތް. މިފަހަރު ވޯލްޑް ކަޕް ގެއްލުމަކީ އަހަންނަށް ދިމާވި ބޮޑު ކަމެއް ކަމަށްވުމާއެކު ދެން މިހިސާބުން މި ނިންމީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން." އެންޑޯ ބުންޏެވެ.

އުމުރުން 33 އަހަރުގެ އެންޑޯ ރިޓަޔާކުރި އިރު، ވޯލްޑް ކަޕްގެ ކުރިންވެސް ޖަޕާނަށް ވަނީ ބައެއް މުހިއްމު ކުޅުންތެރިން ގެއްލިފައެވެ. ޖަޕާން ހިމެނެނީ ވޯލްޑް ކަޕް ގްރޫޕް އެފްގައެވެ. އެއީ ނެދަލޭންޑްސްއާއި ޓިއުނީޝިއާ އަދި ސްވިޑެންއާއެކުގައެވެ.