ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ސައުތު އެފްރިކާގެ މައްޗަށް މެކްސިކޯއިން މޮޅެއް ހޯދައި އަމިއްލަ ގައުމުގައި ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗު ކުޅެވިގެންދިޔަ މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ހާއްސަ ސްޓޭޑިއަމެކެވެ. ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ބްރެޒިލްގެ ލެޖެންޑް ޕެލޭ އާއި އާޖެންޓީނާ ލެޖެންޑް ޑިއޭގޯ މަރަޑޯނާ، ވޯލްޑް ކަޕްގެ ތަށި އުފުލާލި ސްޓޭޑިއަމަކީ ވެސް އަޒްޓެކާ ސްޓޭޑިއަމެވެ. މަރަޑޯނާގެ މަޝްހޫރު، އަތުން ޖެހި ގޯލު ވެސް ފެނިގެންދިޔައީ އެ ސްޓޭޑިއަމްގައެވެ. އަދި ތިން ވޯލްޑް ކަޕެއްގެ މެޗެއް ކުޅުނު ހަމައެކަނި ސްޓޭޑިއަމަކީ ވެސް އަޒްޓެކާ ސްޓޭޑިއަމެވެ.
މިރޭގެ މެޗަށް ނުކުތް އިރުވެސް، މެޗުގެ ފޭވަރިޓުގެ ގޮތުގައި ފާހަގަކޮށްލެވިފައިވަނީ މެކްސިކޯއެވެ. އަމިއްލަ ގައުމުގައި ކުޅެމުންދިޔަ މެކްސިކޯ އިން ސައުތު އެފްރިކާގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި މެކްސިކޯ ނުރައްކާތެރިކޮށް ފެނިގެންދިޔަ އިރު، ބޯޅަ ގެއްލުމާއެކު އެޓީމުން ކުޅެމުންދިޔައީ ވެސް ޕްރެސިން ގޭމެކެވެ. މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ވެސް މެކްސިކޯ އިން ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރިއެވެ. އިސްރާއެލް ރޭޔެސް ދިން ބޯޅައަކުން މެކްސިކޯގެ ނުރައްކާތެރި ފޯވަޑް ރައުލް ހިމެނޭޒް ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ، ސައުތު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި މެކްސިކޯ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސްފެފެލޯ ސިތޯލޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެކްސިކޯއަށް ލީޑު ހޯދައިދީ، މި ވޯލްޑް ކަޕްގެ ފުރަތަމަ ގޯލު ޖެހުމުގެ ޝަރަފު ހޯދީ ހޫލިއަން ކިނިއޮނޭސްއެވެ. އެ ބޯޅަ، ސައުތު އެފްރިކާގެ ކީޕަރު ވިލިއަމްސްއާ ދިމާއަށް ދިޔަ ނަމަވެސް އޭނާއަށް އެ ބޯޅަ ދިފާއުކުރެވިފައެއް ނުވެއެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ވޯލްޑް ކަޕް 2026 ގެ ފުރަތަމަ ރީނދޫ ފެނިގެންދިޔައެވެ. މެކްސިކޯގެ އަލްވާރޯ ފިޑަލްގޯއަށް ކުރި ފައުލަކާ ގުޅިގެން އެ ކާޑު ދައްކާފައިވަނީ ސައުތު އެފްރިކާގެ ޓެބޯހޯ މޮކޮއެނާއަށެވެ.
މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި މެކްސިކޯއަށް ލީޑު ފުޅާކޮށްލުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ހިމެނޭޒް ފޮނުވާލި ހަމަލާއެއް ސައުތު އެފްރިކާ ކީޕަރު ވިލިއަމްސް މަތަކުރި އިރު، ސިތޯލޭ ފޮނުވާލި ހަމަލާ އަމާޒުވީ ސައުތު އެފްރިކާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ގުޓިއެރޭޒަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާގައި ބާރެއް ނެތެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސައުތު އެފްރިކާއަށް ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ އިރު، މެކްސިކޯގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެކްސިކޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ 49 ވަނަ މިނެޓުގައި ގުޓިއެރޭޒަށް ޕެނަލްޓީ އޭރިއާ ބޭރުން ކުރި ފައުލަކާ ގުޅިގެން ސިތޯލޭއަށް ސީދާ ރަތް ކާޑެއް ދެއްކުމާއެކު ސައުތު އެފްރިކާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. މުބާރާތުގައި ދެއްކި ފުރަތަމަ ރަތް ކާޑާއެކު، މެކްސިކޯއަށް ލިބުނު ހިލޭ ޖެހުމުން، ހިމެނޭޒް ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ސައުތު އެފްރިކާއިން ވަނީ މެކްސިކޯގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލައިފައެވެ. އޯބްރޭ މޮޑީބާ ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މެކްސިކޯ ކީޕަރު ރައުލް ރޭންހެލްއާ ދިމާއަށެވެ.
މެޗުގެ 66 ވަނަ މިނެޓުގައި 17 އަހަރުގެ ޖިލްބާޓޯ މޯރާ ވަނީ ކުޅެން އަރައިފައެވެ. އޭނާއަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. މިރޭގެ މެޗަށް ނުކުތްއިރު މޯރާގެ އުމުރަކީ 17 އަހަރާއި 240 ދުވަހެވެ.
މެޗުގެ 67 ވަނަ މިނެޓުގައި މެކްސިކޯއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ރޮބާޓޯ އަލްވަރާޑޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މެކްސިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހިމެނޭޒެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ސައުތު އެފްރިކާގެ ތެމްބާ ޒްވާންއަށް ސީދާ ރަތް ކާޑެއް ދެއްކުމުން، އެޓީމުން މެޗު ފުރިހަމަކުރަން ޖެހުނީ ދެ ކުޅުންތެރިޔަކު މަދުކޮށެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މެކްސިކޯގެ އަލްވަރާޑޯއަށް ބޯޅަ ނެތީސް، ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ނިންމުން ރެފްރީ ނިންމާފައިވަނީ ވީއޭއާރްގެ އެހީގައެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ބޭރުން ސައުތު އެފްރިކާގެ ކުލިސޯ މުޑައުއަށް ކުރި ފައުލަކާ ގުޅިގެން މެކްސިކޯގެ ސީސާ މޮންޓޭޒަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.
ގްރޫޕު އޭގެ މެޗެއް މިއަދު ހެނދުނު ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭގަޑިން ހެނދުނު 7:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ސައުތު ކޮރެއާ އާއި ޗެކް ރިޕަބްލިކެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026