މުބާރާތެއް ނިމުމުގެ ކުރިން ތަށި ގެންދާނެ ބަޔަކު އެއްވެސް މީހަކަށް ނޭނގޭނެއެވެ. ހީވެސް ނުކުރެވޭ ބަޔަކު ތަށި ނަގައިފާނެއެވެ. އެންމެ ގަދަކަމަށް ހީކުރެވޭ ޓީމު އެންމެ ފުރަތަމަ ބުރުން އެންމެ އަވަހަށް ކަޓައިވެސްފާނެއެވެ. ވޯލްޑްކަޕަކީ މިހުރިހާ އަޖައިބަކާއި ހައިރާންކަމެއް ތަމްސީލުވާ ތިއޭޓަރެކެވެ. އެކަމަކުވެސް ހީކުރެވޭ ހީކުރުންތަކެއް ހުންނާނެއެވެ. ކުރެވޭ އުންމީދުތަކެއްވެސް ހުންނާނެއެވެ. ތަށިނެގުން އެންމެ ކައިރި ޓީމުތަކެވެ. އެއްވެސްކަމެއް ނުކުރެވި އެންމެ އަވަހަށް ކަޓައިގެން ރަށަށް ދާން ޖެހޭނެ ކަމަށް ބެލެވޭ ޓީމުތަކެވެ. މިޒާތުގެ ލަފާކުރުންތަކަށް އެހީތެރިވެދެނީ ޓީމުތަކުގެ ރޭންކިންއެވެ. އެންމެފަހުގެ ނަތީޖާތަކެވެ. ޓީމުތަކުގެ ފޯމެވެ. ކުޅުންތެރިންގެ ފޯމާއި ހުނަރާއި މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ. މިހުރިހާ ތިލަފަތަކުން ކިރައި، ހިސާބުޖަހައި، އެއްކޮށް ކަނޑައި ގުނަކޮށް ގެއްލީމާ މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރުން އެންމެގާތް ކަމަށް ބެލެވޭ ޓީމަކީ ނުވަތަ ޓީމުތަކަކީ ކޮބައިހެއްޔެވެ.

ކުރިއަށްމިދާ 2026 ވަނަ އަހަރު ޓީމުތަކުގެ ފޯމާއި ޕްރޮޖެކްޝަންތަކަށް ރިއާޔަތްކުރީމާ ތަށި ނެގުން އެންމެ އެކަށީގެންވާ ކަމަށް ބެލެވޭ ޓީމަކީ ސްޕޭނެވެ. ގާތްގަނޑަކަށް ސަތާރަ ޕަސަންޓާއި އަށާރަ ޕަސަންޓުގެ ޕްރޮބެބިލިޓީއެއް އެބައޮތެވެ. ސްޕޭނަކީ އެންމެފަހުން 2024 ވަނަ އަހަރު ކުޅެވުނު ޔޫރޯގެ ޗެމްޕިއަނެވެ. ސްޕޭނާމެދު ކުރެވޭ އުންމީދުތައް ބޮޑުވުމުގެ މައިގަނޑު ސިއްރަކީ ކުޅުންތެރިންގެ ޒުވާންކަމާއި ކޮލިޓީގެ މަތިކަމެވެ. ލަމީން ޔަމާލް ކަހަލަ ޒުވާން ތަރިން ތިބުމެވެ. ސްޕޭން ނެގުމަށްފަހު ދެން ފުރުސަތު އެންމެ ބޮޑުކަމަށް ބެލެވޭ ޓީމަކީ ފްރާންސެވެ. ފަނަރަ ޕަސަންޓާއި ސޯޅަ ޕަސަންޓާ ދެމެދުގެ ޕްރޮބެބިލިޓީއަކާ އެކުގައެވެ. ފްރާންސަކީ އެންމެފަހުން ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގެ ރަނަރއަޕެވެ. މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ހުރިހާ ޓީމުތަކެއްގެ ތެރެއިންވެސް އެންމެ ފުން ޓެލެންޓް ޕޫލެއް އޮތީ ފްރާންސްގައި ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ފްރާންސްގެ އުންމީދުތަކާ ގުޅިފައިވާ އެންމެ މުހިންމު ކުޅުންތެރިޔަކީ ކީލިއަން އެމްބާޕޭ އެވެ. ފްރާންސަށްފަހު ލިސްޓުގެ ތިންވަނައަށް އަންނަނީ އަނެއްކާވެސް ޔޫރަޕުގެ ޓީމެކެވެ. އިންގްލެންޑެވެ. އިންގްލެންޑަކީ ކޮންމެ ޔޫރޯއަކާއި ކޮންމެ ވޯލްޑްކަަޕެއް ފެށުމުގެ ކުރިންވެސް އެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަބަޔަކު ގަބޫލުކުރާ ޓީމުތަކުގެ ތެރެއިން ޓީމެކެވެ. އެކަމަކު ހަމަކޮންމެފަހަރަކުވެސް ނިމިގެންދަނީ ނާކާމިޔާބުވެގެންނެވެ. މިފަހަރުގެ ޓޮޕް ފަސް ޓީމުގެ ތެރޭގައި އިންގްލެންޑު ހިމެނުމުގެ ސިއްރަކީ ސްކޮޑުގެ ސްޓްރެންތާއި ކޮންސިސްޓެންސީއެވެ. ޖަރުމަންވިލާތަށް ނިސްބަތްވާ ކޯޗެއް ކަމަށްވާ ތޯމަސް ޓުޝެލްގެ އިރުޝާދުގެ ދަށުން ފަހަކަށްއައިސް އިންގްލެންޑް ކުޅެމުން އަންނަނީ ވަރަށް ބަރާބަރު ގޭމެކެވެ. ނަތީޖާތައްވެސް އަންނަނީ ރަނގަޅުވަމުންނެވެ. އެހެންވީމާ އިންގްލެންޑުގެ ޕްރޮބެބިލިޓީ އޮތީ ސާދަ ޕަސަންޓާއި ފަނަރަ ޕަސަންޓާ ދެމެދުގައެވެ.

ޔޫރަޕުގެ ތިން ޓީމަކަށްފަހު ދެން ޓޮޕް ފަހެއްގައި ހިމެނެނީ ދެކުނު އެމެރިކާ ބައްރުގެ ދެ ޓީމެވެ. އެއީ ބްރެޒިލްއާއި އާޖެންޓީނާއެވެ. މުބާރާތް ކާމިޔާބުކުރާނޭ ކަމަށް އެންމެބޮޑަށް ބެލެވޭ ފެވަރިޓުންގެ ތެރޭގައި އަބަދުވެސް މި ދެ ޓީމު ހިމެނޭނެއެވެ. އެކަމަކު ތަރުތީބުކުރާއިރު ވަނަ ތަފާތުވެދާނެއެވެ. މިފަހަރު ނުވަ ޕަސަންޓާއި އެގާރަ ޕަސަންޓުގެ ޕްރޮބެބިލިޓީއަކާއެކު ބްރެޒިލް ހިމެނެނީ ފަސްވަނައިގައެވެ. ޖުމްލަ ސައުވީސް އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ތަށި ނަގަން ނުކުންނަ ބްރެޒިލްގެ ކޯޗަކީ މުޅިން އަލަށް ޔޫރަޕުގެ މީހެކެވެ. މީގެ ކުރިން ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަން ދުވަހަކުވެސް ބޭރު މީހަކު ނުކުރެއެވެ. އެކަމަކު އެ މަގާމުގައި މިހާރު އެހެރީ އިޓަލީއަށް ނިސްބަތްވާ ކާރްލޯ އަންޗެލޯޓީއެވެ. ކުލަބް ފުޓްބޯޅައިގައި އެއީ ދުނިޔޭގެ އެއްވަނައެވެ. އެކަމަކު ގައުމީ ޓީމެއްގައި އޭނާ މިހާތަނަށް މާގިނަ ތަޖުރިބާތަކެއް ނުކުރެއެވެ. އެހެންވީމާ ގިނަބަޔަކު ތިބީ އަންޗެލޯޓީގެ މާލިމީކަމުގައި ކިހާ ދުރުމިނަކަށް ބްރެޒިލް ދަތުރުކުރާނެކަން ބެލުމުގެ އިންތިޒާރެއްގައެވެ.

ދެންއޮތީ އާޖެންޓީނާއެވެ. އެއީ ދުނިޔޭގެ އެންމެފަހުގެ ޗެމްޕިއަނެވެ. ދެކުނު އެމެރިކާ ބައްރުގެ ސަރަހައްދީ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ އެންމެފަހުގެ ޗެމްޕިއަން ވެސްމެއެވެ. މިވަގުތު ފީފާ ރޭންކިންގައި އާޖެންޓީނާއަށް ލިބިފައިވަނީ ތިންވަނައެވެ. ޓީމުގެ ލީޑަރަކީ އަދިވެސް އުމުރުން 38 އަހަރުގެ ލިއޯ މެސީއެވެ. ހަމަކަށަވަރުންވެސް މި ވޯލްޑްކަޕް ވާނީ މެސީގެ އެންމެފަހު ވޯލްޑްކަޕް ކަމުގައެވެ. އާޖެންޓީނާގެ ޕްރޮބެބިލިޓީ އުޅެނީ ބާރަ ޕަސަންޓާއި ތޭރަ ޕަސަންޓާ ދޭތެރޭގައެވެ. މަތީގައި ބަޔާންކުރެވުނު ޓީމުތަކަށްފަހު ދެން އެންމެ ގަދަވާނޭ ކަމަށް އެންމެ ގިނަބަޔަކު ދެކޭ ތިން ޓީމަކީ ޕޯޗުގަލްއާއި ނެދަރލެންޑްސް އަދި ޖާރމަނީއެވެ. ޕޯޗުގަލްގެ ތަރިއަކީ އަދިވެސް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އުމުރުން 41 އަހަރު ވިޔަސް އަދިވެސް ރިޓަޔަރ ކުރުމުގެ ޚިޔާލެއް ވިސްނުމެއް ނެތެވެ. ފަހަރުގައި ވޯލްޑްކަޕްގެ ޓްރޮފީ އުފުލާލައިފައި ނޫނީ ހުއްޓައިލުމުގެ ފިކުރު ނެތީކަމަށް ވެދާނެއެވެ.