މ. ވޭވަށު ކައުންސިލް އިންތިހާބުގައި ބޭނުންކުރި ތިން ވޯޓު ކަރުދާސްކޮޅެއްގައި ހުރި ތިކިތަކަކާއި ފާހަގަތަކެއްގެ ސަބަބުންކަމަށް، ބުނެ އެ ވޯޓު ކަރުދާސްތައް ބާތިލުކަމަށް ހައިކޯޓުން ކުރި ހުކުމް ބާތިލުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، ޕީއެންސީއަށް ލިބުނު ގޮނޑި އަލުން އެމްޑީޕީއަށް ލިބިއްޖެއެވެ.
މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޭވަށު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއްގައި ހިމެނޭ ވޯޓު ކަރުދާސްތަކުގެ ތެރެއިން ތިން ވޯޓު ކަރުދާސްކޮޅެއްގައި ތިކި ތަކަކާއި ފާހަގަތަކެއް ހުރިކަމަށް ބުނެ މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ވޭވަށު ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހުއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް އޭނާ މި މައްސަލަ ހުށަހެޅީ، ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލިއިރު، ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ވޯޓުގެ ގޮތުގައި އީސީން ބަލައިގަތް ކަމަށްބުނެއެވެ.
މި އިންތިހާބުގައި ދެ ވޯޓުގެ ތަފާތުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމަށް ކުރި ލިބިފައިއޮތް ނަމަވެސް، ނަޒީހު ވަނީ އެ ކަރުދާސްތަކަކީ ވަކިކޮށް ދެނެގަނެވޭނެ ފަދަ ފާހަގަތަކެއް ހުރި ބާތިލު އެއްޗެއް ކަމަށް ބުނެފައެވެ.
އެ މައްސަަ ބެލުމަށްފަހު މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތު ރައުޔުން ނިންމީ ވޯޓު ކަރުދާހެއްގައި ހުންނަ ފާހަގައަކީ މަތިމަތިން ބަލައިލުމުންވެސް ދެނެގަނެވޭ ފަދަ ފާހަގައެއް ނަމަ، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެ ތިން ވޯޓަކީ ބާތިލު ވޯޓުތަކެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތުވިއެވެ. އެ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ކަރުދާހުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވެއެވެ.
ނަމަވެސް، ކޯޓުގެ އަގުލަބިއްޔަތު ނިންމުމުގައިވާ ގޮތަށް، އެ ތިން ވޯޓު އުނިކުރުމަށްފަހު އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަން އީސީއަށް އަމުރުކުރިއެވެ. އެގޮތަށް އަމަލު ކުރުމުން، އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ކައުންސިލަށް ހޮވުނީ ޕީއެންސީގެ ނަޒީހެވެ.
ނަމަވެސް ހައިކޯޓުގެ އެ ނިންމުން އެމްޑީޕީގެ އަހުޝަމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ހުކުމް ބާތިލުކަމަށް ވަނީ ހުކުމްކޮށްފައެވެ.
އެ ހުކުމް ބާތިލް ކުރުމާ ގުޅިގެން، ޕީއެންސީ ކެނޑިޑޭޓަށް ލިބުނު ކައުންސިލް ގޮނޑި އަނެއްކާ މިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައެވެ.
އިބްރާހިމް ޒަކީ
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު