މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ މެޗަކީ މުބާރާތުގެ ފުރަތަމަ ބުރުގެ އެންމެ ޝައުގުވެރި އެއް ކުރިމަތިލުމަށް ވާނެއެވެ. ގްރޫޕް އޭގައި ދެކުނުު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މި މެޗަކީ ދެ ޓީމަށް ވެސް ނުހަނު މުހިންމު މެޗެކެވެ.

އޭޝިއާ ބައްރުން ވޯލްޑް ކަޕްގައި އެންމެ ގަވާއިދުން ފެންނަ ދެކުނު ކޮރެއާއަށް މިއީ އެ ޓީމުގެ މަގާމު އިތުރަށް ވަރުގަދަކުރުމަށް ލިބޭ ފުރުސަތެކެވެ. މިއީ ޖެހިޖެހިގެން ވޯލްޑް ކަޕްގައި އެ ޓީމު ވާދަކުރާ 11 ވަނަ ފަހަރެވެ. ކޯޗު ހޮންގް މިޔުންގް-ބޯގެ އިރުޝާދުގެ ދަށުން ނުކުންނަ ކޮރެއާ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި އުއްމީދީ ޒުވާން ކުޅުންތެރިންގެ ވަރުގަދަ ގުޅުމެއް އެކުލެވިގެންވެއެވެ. އެހެންކަމުން، ކޮންމެ އިދިކޮޅު ޓީމަކަށް ވެސް ނުރައްކާކުރުމުގެ ގާބިލުކަން އެ ޓީމުގައި އެބަހުއްޓެވެ.

ކޮރެއާ ޓީމުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނީ އެ ގައުމުގެ އެންމެ މަގުބޫލު ފުޓުބޯޅަ ތަރި އަދި ކެޕްޓަން ސޮން ހެއުން-މިން އަށެވެ. މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، ތަޖުރިބާކާރު ފޯވާޑް ވަނީ ރިޓަޔާކުރުމުގެ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާގެ އަމާޒަކީ ކޮރެއާ ޓީމު ގޮވައިގެން މުބާރާތުގެ ކުރިއަށް ދިއުމެވެ. ސޮންގެ އިތުރުން، އުފެއްދުންތެރި މިޑްފީލްޑަރު ލީ ކަންގް-އިން އާއި ބާރުގަދަ ވިންގަރ ހްވާންގް ހީ-ޗަންގެ ފަރާތުން އެޓޭކިންގައި މޮޅު ކުޅުމެއް ފެންނާނެއެވެ. އަދި ޑިފެންސް ލައިން ބަލަހައްޓާނީ ކިމް މިން-ޖޭ އެވެ. ކޮރެއާގެ އެންމެ ބޮޑު ބާރަކީ އެ ޓީމުގެ ދުވެއްޔާއި، ޓެކްނިކަލް ހުނަރުގެ އިތުރުން ޑިފެންސުން އެޓޭކަށް ބަދަލުވާ ހަލުވިކަމެވެ.

އަނެއްކޮޅުން، ޗެކް ރިޕަބްލިކް ވޯލްޑް ކަޕަށް އެނބުރި އައުމަކީ މި މުބާރާތުގެ އެންމެ ހާއްސަ އެއް ވާހަކައެވެ. އެ ޓީމު އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 2006 ވަނަ އަހަރު ޖަރުމަނުގައެވެ. 20 އަހަރުގެ މެދުކެނޑުމަކަށްފަހު ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަށް އެ ގައުމު ގެނެސްދިނީ ކޯޗު މިރޮސްލާވް ކޫބެކް އެވެ. ޗެކް ޓީމުގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ތަރިން ނެތް ނަމަވެސް، އެއީ ޖިސްމާނީ ގޮތުން ވަރުގަދަ އަދި ޓެކްޓިކަލް ގޮތުން ރޭވުންތެރި ޓީމެކެވެ.

ޗެކް ރިޕަބްލިކްގެ އެޓޭކް ބިނާވެފައިވަނީ ހުނަރުވެރި ސްޓްރައިކަރު ޕަޓްރިކް ޝިކް އަށެވެ. މީގެ އިތުރުން، ޓޮމާޝް ސޯޗެކްގެ ލީޑާޝިޕާއި ވައިގެ ތެރެއިން ބޯޅަ ހޯދުމުގެ ގާބިލުކަމަކީ ވެސް އެ ޓީމަށް އޮތް ބޮޑު ފައިދާއެކެވެ. ހާއްސަކޮށް ސެޓް-ޕީސްތަކުގައި އޭނާގެ ފަރާތުން ނުރައްކާ ބޮޑުވާނެއެވެ. ޗެކް ރިޕަބްލިކްގެ އެންމެ ބޮޑު އެއް ހަތިޔާރަކީ ޑެޑް-ބޯލް ހާލަތްތަކުގައި އެ ޓީމުން ދައްކާ ނުރައްކާތެރިކަމެވެ. ކޮލިފައިންގައި އެ ޓީމުން ޖެހި ގޯލުތަކުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ގޯލު ޖަހާފައިވަނީ ސެޓް-ޕީސްތަކުންނެވެ. އެހެންކަމުން، ކޯނަރުތަކާއި ހިލޭ ޖެހުންތަކަކީ މި މެޗުގެ ނަތީޖާ ބަދަލުކޮށްލާނެ ފަދަ މުހިންމު ފުރުސަތުތަކަކަށް ވުން އެކަށީގެންވެއެވެ. އެޑަމް ހްލޯޒެކް އާއި ޕެޓްރިކް ޝިކް ފަދަ ކުޅުންތެރިންގެ ދައުރު ވެސް މިކަމުގައި ބޮޑުވާނެއެވެ.

މި މެޗުގެ ނަތީޖާ ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ މިޑްފީލްޑްގެ ކުޅުމެވެ. ދެކުނު ކޮރެއާއިން މަސައްކަތްކުރާނީ އެ ޓީމުގެ ހަލުވިކަމާއި ޓެކްނިކަލް ފެންވަރު ބޭނުންކޮށްގެން ސޮން އާއި ލީ ކަންގް-އިން މެދުވެރިކޮށް ފުރުސަތުތައް ތަނަވަސްކުރުމަށެވެ. ޗެކް ރިޕަބްލިކުން ބޮޑަށް ބެލެވެނީ ޑިފެންސް ވަރުގަދަކޮށް، އެ ޓީމުގެ ބާރުވެރިކަމާއި ސެޓް-ޕީސްތަކުގެ ފައިދާ ނެގުމަށް މަސައްކަތްކުރާނެ ކަމަށެވެ. ކޯޗު ކޫބެކް ވަނީ، ފުރަތަމަ މެޗުގައި އެ ޓީމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޮރެއާގެ ކެޕްޓަން ސޮން ކަމަށް ފާހަގަކޮށްފައެވެ. އެހެންކަމުން، އޭނާ ހުއްޓުވުމަކީ ޗެކް ޑިފެންސްގެ އެންމެ ބޮޑު އަމާޒަށް ވާނެއެވެ.

ގްރޫޕް އޭގައި ދެން ހިމެނެނީ މެކްސިކޯ އާއި ދެކުނުު އެފްރިކާ ކަމަށްވުމުން، މުބާރާތުގެ ފެށުން ގޯސްކުރުމުގެ ފުރުސަތެއް ކޮރެއާ އަދި ޗެކް ރިޕަބްލިކަށް ވެސް ނެތެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދު ބޮޑުވާނެއެވެ. މިއީ ހަމަހަމަ ގްރޫޕަކަށް ވުމާއެކު، ކޮންމެ ޕޮއިންޓަކީ ވެސް މުހިންމު ޕޮއިންޓެކެވެ. މެޗު އެއްވަރުވެއްޖެނަމަ ދެ ޓީމަށް ވެސް ފުރުސަތު އޮންނާނެއެވެ. ނަމަވެސް ތިން ޕޮއިންޓް ހޯދިއްޖެނަމަ، ދެވަނަ މެޗަށް ނުކުންނައިރު އެ ޓީމަކަށް ބޮޑު އިތުބާރެއް ލިބިގެންދާނެއެވެ.

މިއީ ފުރަތަމަ ބުރުގައި ކުޅޭ އެންމެ ހަމަހަމަ އެއް މެޗަށް ވުން ގާތެވެ. ދެކުނު ކޮރެއާގައި ވަކިވަކި ކުޅުންތެރިންގެ ހުނަރާއި މުބާރާތުގެ ތަޖުރިބާ ބޮޑުއިރު، ޗެކް ރިޕަބްލިކްގެ ފަރާތުން ފެންނާނީ ފިޒިކަލް ވަރުގަދަކަމާއި ރޭވުންތެރިކަމުގެ އިތުރުން ސެޓް-ޕީސްތަކުގެ ނުރައްކަލެވެ. އޭޝިއާގެ ގަދަބާރުން މުބާރާތް ފެށުމަށް ނުކުންނައިރު، މި މެޗުގެ ނަތީޖާ ކަނޑައެޅުމުގައި ކެޕްޓަން ސޮން ހެއުން-މިންގެ މޮޅު ހުނަރެއް ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 7:00 ގައެވެ.