އީރާނުން ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކުވައިތުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށް، ކޮމާޝަލް ފްލައިޓުތައް އެހެން މަންޒިލްތަކަށް ޑައިވާޓުކުރަން އެ ގައުމުން މިއަދު ނިންމައިފިއެވެ.
ކުވައިތުގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހާމަކުރި ގޮތުގައި، މިއަދު ފަތިހު 4:50 އިން ފެށިގެން ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. މި ފިޔަވަޅު އެޅީ ކުވައިތަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ހާލަތު ރަނގަޅުވެ، ނުރައްކާ އެއްކޮށް ފިލައިދިއުމުން އާންމު ހާލަތަށް ވައިގެ ދަތުރުފަތުރު އިއާދަކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ނިންމުމާ ގުޅިގެން ކުވައިތު އެއާވޭސް އާއި ޖަޒީރާ އެއާވޭސްގެ އިތުރުން ބައިނަލްއަގުވާމީ އެހެން އެއާލައިންތަކުގެ ފްލައިޓުތައް ވަނީ ސަރަހައްދުގެ އެހެން އެއާޕޯޓުތަކަށް ޑައިވާޓުކޮށްފައެވެ.
ބައިނަލްއަގުވާމީ އޭވިއޭޝަން ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި، މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް މިކަމުގެ ސަބަބުން ބޮޑެތި ލަސްވުންތަކެއް ކުރިމަތިވެ، އެތައް ހާސް ފަސިންޖަރުންނެއް ވަނީ ތާށިވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ވައިގެ ސަރަހައްދު ބަންދުކުރުމުގެ ކުރިން ގިނަ އަދަދެއްގެ ފްލައިޓުތައް ކުވައިތަށް ތިރިނުކުރެވި މަތީގައި އުދުހެން ޖެހުނެވެ. ދަތުރުވެރިންނާއި އެއާލައިންތަކުން ޑީޖީސީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިން ވަނީ އަންގައިފައެވެ.
މި ހަމަލާތަކުގެ ތެރޭގައި ކުވައިތުގައި ހުންނަ އެމެރިކާގެ އަލް ސާލިމް އަސްކަރީ މަރުކަޒަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ޑްރޯން އަދި މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ދާދި ފަހުން ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓަށް އީރާނުގެ ހަމަލާއެއް އަމާޒުވެ، އެކަކު މަރުވެ އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ކުވައިތުގެ އަސްކަރިއްޔާއިން މިހާރު ދަނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ހަމަލާތައް ނާކާމިޔާބު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކުވެއިތު
ކުވެއިތު
ކުވެއިތު
ކުވެއިތު