ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ އިގުތިސާދަށް އަމާޒުކޮށް ވިލާތުގެ އިއްތިހާދު (އީޔޫ) އިން އަޅާ ދަތިކުރުމުގެ 21 ވަނަ ފިޔަވަޅުތަކުގެ ޕެކޭޖު މިއަދު ހާމަކޮށްފިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލޭޔަން އިއުލާނުކުރެއްވި މި ޕެކޭޖުގައި ހަކަތަ އާއި މާލީ ދާއިރާ އާއި ކްރިޕްޓޯ އަދި ފުރަތަމަ ފަހަރަށް ރަޝިޔާގެ މަސްވެރިކަމުގެ ސިނާއަތަށް ވަނީ ފިޔަވަޅު އަޅަން ނިންމައިފައެވެ.

އީޔޫއިން ހާމަކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ތެޔޮ އެކްސްޕޯޓުކުރުމަށް ބޭނުންކުރާ ސިއްރު ބޯޓުފަހަރު ނުވަތަ "ޝެޑޯ ފްލީޓް" ގެ ތެރެއިން އިތުރު 30 ބޯޓެއް ވަނީ ބްލެކްލިސްޓުކޮށްފައެވެ. މީގެ ކުރިންވެސް 632 ބޯޓަކަށް ފިޔަވަޅު އަޅާފައިވާ އިރު، އަލަށް ގެނައި ބަދަލާއެކު މި ބޯޓުފަހަރަށް ތެޔޮ އެޅުމާއި އެހެނިހެން ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް ދަތިކުރުމުގެ ފިޔަވަޅު އެޅޭނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ރަޝިޔާއަށް މަންފާވިޔަ ނުދިނުމަށްޓަކައި، ރަޝިޔާގެ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑު 2027 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ބަދަލުނުކޮށް ހިފެހެއްޓުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.

މި ޕެކޭޖުގެ ދަށުން ފުރަތަމަ ފަހަރަށް ރަޝިޔާގެ މަސްވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް، ކޮޑް ފަދަ ބައެއް ބާވަތްތަކުގެ މަސް އެތެރެކުރުން އެއްކޮށް މަނާކުރުމަށް ވަނީ ނިންމައިފައެވެ. ރަޝިޔާގެ މަސްވެރިކަމުގެ އެކްސްޕޯޓުން އަހަރަކު ގާތްގަނޑަކަށް 6 ބިލިއަނާއި 7 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭއިރު، މިއީ ރަޝިޔާގެ އިގުތިސާދަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އީޔޫގެ އޮފިޝަލުން ވިދާޅުވެއެވެ.

އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޔާ ކަލާސް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ރަޝިޔާގެ ހަނގުރާމައިގެ އިގުތިސޯދުގެ ބިންގާ ފުނޑުފުނޑުކޮށްލުމެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި، ރަޝިޔާގެ އިތުރު 31 ބޭންކަކާއި ތިންވަނަ ގައުމުތަކުގައި ހަރަކާތްތެރިވާ 20 މާލީ އިދާރާއަކާ ދެމެދު މުއާމަލާތްކުރުން މަނާކުރުމަށް ވެސް ވަނީ ހިމަނައިފައެވެ. އީޔޫއިން އަމާޒު ހިފާފައިވަނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި ޕެކޭޖު ފާސްކޮށް، އަމަލުކުރަން ފެށުމަށެވެ.