ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން ރެފްރީގެ ވިސާ މައްސަލަތައް ހައްލު ނުކުރެވި ދިޔަ ދިޔުން ދިފާއުކޮށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވާހަކަ ދައްކަވައިފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕް މިރޭ ފަށާ އިރު، ވޯލްޑް ކަޕް އޮންނާނީ ތިން ގައުމެއްގައެވެ. އެއީ އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯގައެވެ. 48 ގައުމާއެކު މިރޭ ފަށާ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ ތާރީހުގައި ވެސް ފެނިގެންދާ އެންމެ ބޮޑު ވޯލްޑް ކަޕަކަށެވެ. ވޯލްޑް ކަޕްގެ ކުރިން މިހާރު ވެސް އެތައް މައްސަލައެއް ދިމާވަމުން އަންނަ އިރު، އެ މައްސަލަތައް ގުޅެނީ އެންމެ ބޮޑު ހޯސްޓް އެމެރިކާއާއެވެ.

އެމެރިކާއިން މިހާރު ވެސް އިރާނާ ހަނގުރާމަ ކުރަމުންދާ އިރު، އެގައުމަށް ވަކިން ދަތިކުރުންތައް ކުރުވާފައިވެއެވެ. އެގޮތުން އިރާނަށް ވަނީ ބޭސް ކޭމްޕް ވެސް މެކްސިކޯއަށް ބަދަލުކުރަން ޖެހިފައެވެ. އަދިވެސް ބައެއް އޮފިޝަލުންނަށް އެމެރިކާ ވިސާ ދީފައެއް ނުވެއެވެ. ކުޅުންތެރިންނަށް ވިސާ ދިނީވެސް ޝަރުތައް ކޮށްފައެވެ. އެއާއެކު އިރާން ސަޕޯޓަރުންނަށް ހައްގުވާ ޓިކެޓްތައްވެސް ފީފާއިން ވަނީ އެމެރިކާގެ ބަހަށް ހިފަހައްޓައިފައެވެ.

އޭގެ އިތުރުން ސޯމާލިއާގެ ރެފްރީ އޮމަރް އަބްދުލްކާދިރު އަރްތަން، ހުރިހާ ލިޔެކިޔުމެއް ހަމަކޮށް ޑިޕްލޮމެޓިކް ޕާސްޕޯޓަކާ އެކު ދިޔުމުންވެސް އެމެރިކާއަށް ވައްދާފައެއް ނުވެއެވެ. އެ ހުރިހާ ކަމެއްގައި ފީފާއިން އަމަލުކުރި ގޮތަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، އެ އިދާރާގެ ރައީސް ވަނީ އެކަން ދިފާއުކޮށް ވާހަކަ ދައްކަވައިފައެވެ.

"ސޯމާލިއާ ރެފްރީއަށް ދިމާވި ކަންތައް އެއީ ވަރަށް ދެރަ ކަމެއް. އެކަމަކު އަހަރެމެން ފީފާއަކީ ދުނިޔޭގެ ކިންގުންނެއް ނޫން. އަހަރެމެންނަކަށް ސަރުކާރުތަކާއި ފުލުހުންގެ އިދާރާތަކުގެ މައްޗަށް ބަހެއް ނުކިޔޭނެ. އަހަރެމެންނަކީ ކުޅިވަރު ޖަމިއްޔާއެއް،" އިންފަންޓީނޯ ޕްރެސްގައި ބުންޏެވެ.

އިންފަންޓީނޯ ބުނީ މިހާރުވެސް އިތުރު މައްސަލަތައް އެބަހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް ފަރުދާގެ ފުރަގަހުން ފީފާއިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެހެން ނަމަވެސް އިމިގްރޭޝަނުގެ ކަންކަމަކީ ހޯސްޓް ގައުމާއި އެ މައްސަލަތައް ދިމާވާ ގައުމުގެ ސަރުކާރާ ދެމެދު ހިނގާ ކަންކަން ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ ވިދާޅުވީ ކަންކަން ގޯސްވާ އިރަށް ވީ އެންމެ ބާރަކަށް އެކަމާ ދެކޮޅަށް ވާހަކަ ދެއްކިޔަސް ކަންކަން ހައްލު ނުވާނެ ކަމަށާއި ބޮޑެތި އިވެންޓްތަކުގައި މައްސަލަތައް ދިމާވާނެ ކަމަށެވެ. އެއާއެކު އިންފަންޓީނޯ ވިދާޅުވީ އިރާން މުބާރާތުގައި ކުޅޭތީ، އެކަމުން އެ ދައްކައިދިނީ ފީފާއިން ކަންކަން ހައްލު ކުރުމަށް ކުރި މަސައްކަތް ކަމަށެވެ.