ވޯލްޑްކަޕުގެ ތާރީޚުން މިހާތަނަށް ފާހަގަކުރެވިފައިވާ އެންމެ ވިޔާނުދާ، އެންމެ ބޭއިންސާފު، އަދި އެންމެ ގިނަބައެއްގެ ރުޅިޔާއި ނަފުރަތު އަމާޒުވި ރެފްރީއަކީ ކާކުބާވައެވެ. އެއީ ކާކުކަން ނިންމުމުގައި ބަލަންޖެހެނީ މި ގިންތިއަށް އެންމެ ބޮޑަށް ފެތޭ ރެފްރީންނަކީ ކޮބައިތޯއެވެ. އެންމެ ވިޔާނުދާ އަދި އެންމެ ބޭއިންސާފު ރެފްރީ ނަގަން ޖެހޭނީ މި ގިންތިއަށް ފެތޭ ރެފްރީންގެ ތެރެއިންނެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މި ގިންތިއަށް ފެތޭ ތިބީ ހަތަރު މީހެކެވެ. ފުރަތަމަ މީހަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ދެވަނަ ބުރުގައި އިޓަލީއާއި ދެކުނު ކޮރެޔާ ބައްދަލުކުރި މެޗުގެ ރެފްރީ އިކުއެޑޯގެ ބައިރޮން މޮރޭނޯއެވެ. ކްރޮއޭޝިޔާއާއި އޮސްޓްރޭލިއާ 2006 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުގެ ރެފްރީކަންކުރި އިންގްލެންޑުގެ ގްރެހަމް ޕޯލްއަކީވެސް އެންމެ ވިޔާނުދާ ގިންތީގެ ކެންޑިޑޭޓެކެވެ. ކްރޮއޭޝިއާގެ ޑިފެންޑަރު ޔޮސިޕް ސިމުނިޗްއަށް ރަތްކާޑު ދެއްކުމުގެ ބަދަލުގައި ތިންވަނަ ރީނދޫ ކާޑެއް ދައްކައިފައި އިރުކޮޅަކު ކުޅުމުގެ ތެރޭގައި ބެހެއްޓި ރެފްރީއަކީ މީނާއެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގެ ފުރަތަމަ ބުރުގައި ކެނެޑާއާއި ބެލްޖިއަމް ކުޅުނު މެޗުގެ ރެފްރީ ޒެމްބިއާގެ ޖެނީ ސިކާޒްވީއަކީވެސް މި ގިންތީގެ ކެންޑިޑޭޓެކެވެ. މި މެޗުގައި ޕެނަލްޓީ އޭރިޔާގެ ތެރެއިން ބެލްޖިއަމްގެ ކުޅުންތެރިއަކު ގަސްތުގައި ބޯޅައިގައި އަތްލުމުންވެސް އޭނާ ފެންނަ ކަމަކަށް ނުހެދިއެވެ. ކެނެޑާއަށް ޕެނަލްޓީއެއް ދޭން އިންކާރު ކުރިއެވެ. މި ގޯސް އެކަންޏެއް ނޫނެވެ. މެޗުގެ ވަގުތު ހަމަނުވަނީސް ދެ މެޗެއް އޭނާ ވަނީ ނިންމައިފައެވެ. އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ 1986 ގެ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް އަތުން ޖަހައި ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ހޯދި މޮޅުގެ ރެފްރީ ޓިއުނީޝިއާގެ އަލީ ބިންނާސިރަކީ ވެސް މި ގިންތީގެ ކެންޑިޑޭޓެކެވެ. ކޮންމެއަކަސް މި ލިސްޓު މިއަށްވުރެވެސް ދިގު ކުރެވިދާނެއެވެ. އެކަމަކު މަތީގައި ބަޔާންކުރެވުނު ހަތަރު މީހުންނަކީ އެންމެ ގިނަބައެއްގެ ނަޒަރުގައި ވޯލްޑްކަޕުގެ ތާރީހުން ފެނިފައިވާ އެންމެ ބޭއިންސާފު ހަތަރު ރެފްރީންނެވެ.

ދެން އޮތީ ލިސްޓް ކުރެވުނު ހަތަރު ރެފްރީންގެ ތެރެއިންވެސް އެންމެ އަރައިހުރި ރެފްރީއަކު ނިންމުމެވެ. މިކަމުގައި އަނެއްކާވެސް ބުރަވާން ޖެހެނީ ތަޖުރިބާކާރުންގެ ރައުޔަށެވެ. ގިނަ ބަޔަކު ބުނާގޮތުގައި މި ގިންތީގެ އެއްވަނަ ލިބޭ މީހަކީ އިކުއެޑޯގެ ރެފްރީ ބައިރޮން މޮރޭނޯއެވެ. ދެކުނު ކޮރެޔާއާއި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަކީ މޮރޭނޯ ރެފްރީކަން ކުރި ހަމައެކަނި ވޯލްޑްކަޕެވެ. ފީފާގެ ބެޖް ލިބިފައިވާ ބައިނަލްއަގުވާމީ ރެފްރީއެއްގެ ގޮތުގައި 1996 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް އޭނާ ހަރަކާތްތެރި ވިޔަސް ވޯލްޑްކަޕެއްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުނީ 2002 ގެ ވޯލްޑްކަޕް އެކަންޏެވެ. އެ ވޯލްޑްކަޕުގައި އޭނާއަށް ރެފްރީކަން ކުރަން ލިބުނީވެސް އެންމެ މެޗެކެވެ. އެއީ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީއާއި ދެކުނު ކޮރެޔާ ބައްދަލުކުރި މެޗެވެ. އިޓަލީއަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަބަޔަކު ގަބޫލުކޮށްގެން ތިބި ފެވަރިޓް ޓީމެވެ. އެކަމަކު އިތުރު ވަގުތު ކުޅެގެން ދެކުނުކޮރެޔާ އަތުން ދޭއް އެކަކުން ބަލިވެ މުބާރާތުން ކެޓީއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އޭނާ ދެކުނުކޮރެޔާއަށް ދިން ޕެނަލްޓީއަކީ ވެސް ގިނަ ބައެއްގެ ނަޒަރުގައި ސައްހަ ޕެނަލްޓީއެއް ނޫނެވެ. ދެކުނުކޮރެޔާގެ ޕެނަލްޓީ އޭރިޔާގެ ތެރޭގައި އެޓީމުގެ ޑިފެންޑަރަކު އިޓަލީގެ ފޯވާޑް އަލެސަންދްރޯ ޑެލްޕިއޭރޯގެ މޫނުމަތީގައި އުޅަނބޮށިން ޖަހައި ވައްޓާލި ވައްޓާލުންވެސް ރެފްރީއަށް ފެނުނުކަމަކަށް ނުވިއެވެ. އިޓަލީގެ ފޯވާޑް ފްރަންޗެސްކޯ ޓޮޓީއަށް ފައުލްކޮށް އޭރިއާތެރެއަށް ފަހުހާފުގައި ވައްޓައިލުމުން ރެފްރީ ނިންމީ އެއީ ޑައިވެއް ކަމަށެވެ. ކާޑުދެއްކީ ޓޮޓީއަށެވެ. އެއީ މެޗުގައި އޭނާގެ ދެވަނަ ރީނދޫ ކާޑެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްކޮޅުގެ ތެރޭގައި އިޓަލީގެ ދަމިއާނޯ ތޮމާސީ ޖެހި ސައްހަ ގޯލްވެސް ރެފްރީ ނިންމީ ސައްހަނޫން ގޯލެއް ކަމުގައެވެ. ކޮންމެއަކަސް އެ ވޯލްޑްކަޕުގެ އިތުރު މެޗެއްގައި ރެފްރީކަން ކުރާކަށް އޭނާއަށް ފުރުސަތެއް ނުލިބުނެވެ. ދެން އެ ހިސާބުން ފެށުނީ އެކިކަހަލަ ސަސްޕެންޝަންތަކާ އޭނާއަށް ކުރިމަތިލާން ޖެހުމެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި 2003 ވަނަ އަހަރު އޭނާ ވަނީ ރެފްރީކަމުން ރިޓަޔާކޮށްފައެވެ.

މޮރޭނޯގެ ވޯލްޑްކަޕް ހާދިސާއަށް 8 އަހަރު ފަހުން 2010 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކުގެ އެއާޕޯޓުން އޭނާ ހައްޔަރު ކުރިއެވެ. ޑްރަގް ސްމަގްލް ކުރުމުގެ ކުށުގައެވެ. އެމެރިކާގެ ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ 2011 ވަނަ އަހަރު އޭނާ ދެ އަހަރާއި ހަމަސް ދުވަހަށް އެމެރިކާގެ ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ. މޮރޭނޯ މިނިވަންވީ ހުކުމް ތަންފީޒުކޮށް ނިމެން ހަތަރު މަހަށް ވެފައިވަނިކޮށް 2013 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެނބުރި އިކުއެޑޯރަށް ރުޖޫއަވުމަށްފަހު އުމުރުން 56 އަހަރުގެ މޮރޭނޯ މިހާރު ކުރާ މަސައްކަތަކީ ފުޓްބޯޅަ މެޗުތައް ދިރާސާކުރުމާއި ޓީވީގައި ފުޓްބޯޅައިގެ މައްޗަށް ވާހަކަ ދެއްކުމެވެ. ހާއްސަކޮށް ރެފްރީންގެ ނިންމުންތަކާ މެދުގައެވެ. އެގޮތުން އޭނާއަކީ މިހާރުވެސް އިކުއެޑޯރުގައި ވަރަށް މަޝްހޫރު މީހެކެވެ. އޭނާގެ މާޒީ ކޮންމެ ގޮތަކަށް އޮތަސް ފުޓްބޯޅައޭ ކިޔައިގެން ޓީވީތަކަށް އަރައި ވާހަކަ ދައްކައިގެން އާމްދަނީ އެބަހޯދައެވެ.