އެމްޑީޕީއަށް އެނބުރި ގެންދިއުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ގާނާގައި ދިހަ ދުވަހު ކޭމްޕްކޮށްގެން ބައްދަލުކުރެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ގުޅުވައިގެން، ސަންގު ޓީވީން މިރޭ ގެނެސްދިން "ހެލޯ އަންނި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ގާނާގައި އެ މަނިކުފާނު ހުންނަވަނިކޮށް ފައްޔާޒް އިސްވެ ހުންނަވައި ހަސަން ލަތީފާއި އަލީ އާޒިމް އަދި މުހައްމަދު ޝިފާޒް އެ ގައުމަށް ވަޑައިގެންނެވި ކަމަށެވެ.

"ދެން މި ބޭފުޅުން ކޮންމެ ދުވަހު މި ވާހަކައެއް އެބަ ދައްކާ، ރައީސްއޭ މިހެންނޭ ވަނީ، އެހެންނޭ ވަނީ، ޕާޓީއަށް މިހެންނޭ ވަނީ، ތިހެން ނުހައްދަވާށޭ. ހާއްސަކޮށް އިނގޭތޯ ފަޔާ. ރައީސް ސޯލިހު ވެސް އެބަ ފާހަގަކުރައްވާތާ އަޅުގަނޑާއި ފަޔާއާ ވެސް މައްސަލަ ޖެހިފައޭ ކުރީގައި އޮތީ. އަޅުގަނޑުމެންނަކީ ތަސައްރަފު ފުދިފައި ތިބި ސިޔާސީ ހަންބޯ މީހުން. އެހެންވީމާ އަޅުގަނޑުމެން ނޫޅޭ ތާއަބަދަކަށް ހަސަދަވެރިކަމެއް ހިތު އަޅައިގެންނެއް، އެއްވެސް މީހަކާ ދޭތެރެއަކު،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒް ބައްދަލުކުރައްވައި އެމްޑީޕީއަށް އެނބުރި ގުޅިވަޑައިގެންނެވުމަށް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމަށާއި އެހެންކަމުން ރާއްޖެ އައިސް ވަޑައިގެން ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު އަލުން އަނބުރާ ގާނާއަށް ވަޑައިގެންނެވި ކަމަށެވެ.

ގާނާގައި ހުންނެވި އިރުވެސް އެތައް ބަޔަކު ރާއްޖެއިން ގުޅައި އެނބުރި އައުމަށް އެދުނު ކަމަށާއި މައްސަލަތަކުގެ ވާހަކަތައް ވަރަށް ދިގުކޮށް ކޮންމެ ދުވަހަކު ވެސް ދައްކަމުންދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވެގެން ދެން އަޅުގަނޑު ވެސް ހިތަށް އެރީ އޯކޭއޭ، އެބައޮތޭ އުމުރުގައި ވެސް ދުވަސްކޮޅެއް. އެހެންވީމާ ދެން ކީއްކުރަންހޭ ގެބޯންގެ މައްސަލަތަކެއް ހައްލުކުރަން، އެބޭފުޅުން ވެސް ވިދާޅުވަނީ އެހެން. ނަން ނޭނގޭ ވާހަކައޭ ރައީސް ތި ދައްކަވަނީ ވެސް. އެޓްލަސް އިން ވެސް ނުދެކޭ ތަންތަނޭ، މިސާލަކަށް ނައުރޫ. ކީއްކުރަންހޭ އެ ވާހަކަތަކެއްގައި ތި އުޅުއްވަނީ، ދިވެހިރާއްޖޭގެ ކަންކަމާ އުޅެން އަންނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެ މަނިކުފާނު އެންމެ އުފާވަނީ އަދި ހިތްހަމަޖެހެނީ ވެސް އެމްޑީޕީގެ ހަރުގެއެއްގައި އިނދެވުނީމަ ކަމަށާއި މާބޮޑު އެއާ ކޮންޑިޝަން އޮފީހެއް، އިންޓަ ގަވަމަންޓަލް އޯގަނައިޒޭޝަނެއް ބޭނުން ނުވާ ކަމަށެވެ. އަދި ގާނާ އިން އެނބުރި ރާއްޖެ ވަޑައިގެންނެވީ ވެސް އެމްޑީޕީއަކީ އެ މަނިކުފާނަށް ވަރަށް ރަނގަޅު ތަނަކަށްވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށްއޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާ ދެކޮޅަށް ނުކުމެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މީކާއީލް ނުކުމެވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކުއެވެ.