ހަގުރާމައެއް ކުރަމުންދާ ގައުމެއްގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް މީގެކުރިން ބޭއްވިފައިވޭ ބާވައެވެ. ޖަވާބަކީ އާނއެކޭއެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނުއިރު ރަޝިޔާއޮތީ ހަގުރާމައިގެ ހާލަތުގައެވެ. ނުވަތަ ހަގުރާމައެއްގެ ތެެރޭގައެވެ. ޔުކްރޭނާއި ރަޝިޔާގެ މެދުގައި އޭރު ރަސްމީކޮށް އަދި ހަގުރާމަ ފެށިފައި ނުވިޔަސް 2014 ވަނަ އަހަރު ރަޝިޔާ ސިފައިން ކްރައިމިއާ ހިފައި ރަޝިޔާއާ އެއްކޮށްލުމުން ޔުކްރޭނާއި ރަޝިޔާއާ ދެމެދު ވޯލްޑްކަޕް ދުވަސްވަރުވެސް އަސްކަރީ ކުރިމަތިލުންތައް ދޭތެރެދޭތެރެއިން ދިޔައީ ހިގަމުންނެވެ. ހުޅުވިފައިވާ ބޮޑު ހަގުރާމައެއްގެ ހުޅުގަޑު ފަޅައިގެންދިޔައީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން ރަޝިޔާ މިއަދު އެއޮތީ ފީފާއިން ސަސްޕެންޑު ކުރެވިފައެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިންވެސް އެކަހެރި ކުރެވިފައެވެ.
ދާޚިލީ ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ގައުމެއްގައި އަދި އަސްކަރީ ޚުދުމުޚުތާރު ވެރިކަމެއް ހިގަމުންދިޔަ ގައުމެއްގައިވެސް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެއްފަހަރު ވަނީ ބޭއްވިފައެވެ. އާޖެންޓީނާގައި 1978 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުނުއިރު އާޖެންޓީނާ އޮތީ ކުރިން ދެންނެވި ހާލަތުގައެވެ. އެއްވެސް ގައުމަކުން އެ ވޯލްޑްކަޕް ބައިކޯޓު ނުކުރިއަސް ބޮޑެތި ބައެއް ޓީމުތަކުގެ ނަން މަޝްހޫރު ތަރިން އެ މުބާރާތް ބައިކޯޓު ކުރިއެވެ. ނެދަލެންޑްސްގެ ކެޕްޓަން ޔޯހަން ކްރައިފަކީ އެފަހަރުގެ ވޯލްޑްކަޕް ބައިކޯޓުކުރި ކުޅުންތެރިއެކެވެ. އާޖެންޓީނާއަށް ފުރަތަމަ ފަހަރަށް ތަށި ލިބުނީވެސް އެފަހަރު ކްރައިފްމެންނާ ނުލައި ފައިނަލްގައި ކުޅުނު ނެދަލެންޑްސް ބަލިކޮށްފައެވެ. ހަގުރާމައެއްކޮށްފައި ރުޅިވެރިކަމާއި ހަސަދަވެރިކަމުގެ އުދާސްތައް މުޅިން ފިލައިނުދަނީސް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ދެ ގައުމެއް ބައްދަލުކޮށްފައިވޭ ބާވައެވެ. ޖަވާބަކީ އާނއެކޭއެވެ. މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަކީ މިސާލެކެވެ.
އާޖެންޓީނާ އާއި އިންގްލެންޑް އެ މެޗުގައި ބައްދަލުކުރީ ފޯކްލެންޑުގެ މިލްކުވެރިކަމުގެ މައްސަލައިގައި އިނގިރޭސިވިލާތާއި އާޖެންޓީނާ ހަގުރާމަކުރިތާ ބަރާބަރު ހަތަރު އަހަރު ފަހުންނެވެ. އެ ހަގުރާމަޔަކީ 1982 ވަނަ އަހަރުގެ އެޕްރީލް ދޭކުން ޖޫން ސާދައަށް ކުރެވުނު ހަގުރާމައެކެވެ. ޖުމްލަ 74 ދުވަހަށް ދިގުދެމިގެންދިޔަ ހަގުރާމައިގައި ދެފަރާތުން 900 އަށްވުރެ ގިނަ މީހުން މަރުވިއެވެ. ގިނައިން މަރުވީ އާޖެންޓީނާ މީހުންނެވެ. ހަގުރާމަ ނިމުނީވެސް އާޖެންޓީނާ ބަލިވެގެންނެވެ. އޭގެ ހަތަރު އަހަރު ފަހުން ވޯލްޑްކަޕުގައި އާޖެންޓީނާ ވަނީ އެބަލިވުމުގެ ބަދަލު ހިފައިފައެވެ. އެއީ މަރަޑޯނާ ވިދާލި ވޯލްޑްކަޕެވެ. އާޖެންޓީނާ ސެމީ ފައިނަލަށް ދިޔައީ އިންގްލެންޑް ބަލިކޮށްފައެވެ. އެފަހަރު ފައިނަލްގައި ޖަރުމަންވިލާތް ބަލިކޮށް ތަށި ނެގީވެސް އާޖެންޓީނާއެވެ. ސްޕޭނުގައި 1982 ވަނަ އަހަރުގެ ވޯލްޑްކަޕް ފެށުނީ އާޖެންޓީނާ އާއި އިނގިރޭސިވިލާތުގެ ހަގުރާމަ އަދި ނުނިމެނީހެވެ. ހަގުރާމަ ނިމުނީ ވޯލްޑްކަޕް ފެށުނުތާ އެއްދުވަސް ފަހުންނެވެ.
އެފަހަރު އާޖެންޓީނާ އާއި އިންގްލެންޑް ހިމެނުނީ ތަފާތު ދެ ގްރޫޕެއްގައެވެ. އާޖެންޓީނާ އެމުބާރާތަށް ދިޔައީ އެންމެފަހުގެ ޗެމްޕިއަނުގެ ގޮތުގައެވެ. ދެވަނަ ބުރުގައި ބްރެޒިލްއާއި އިޓަލީއަތުން ބަލިވެ އާޖެންޓީނާ ކެޓީއެވެ. އިންގްލެންޑް ކެޓީ ދެވަނަ ބުރުގައި ޖަރުމަންވިލާތާއި ސްޕޭނު އަތުންވެސް މޮޅުނުވެވި ދެވަނައަށް ގޮސްގެންނެވެ. އިންގްލެންޑު ހިމެނުނީ ވޯލްޑްކަޕްގެ އެއްވެސް މެޗަކުން ބަލިނުވެ ކަޓައިގެން ދިޔަ ޓީމެއް ކަމުގައެވެ. ކޮންމެއަކަސް 1982 ގެ ވޯލްޑްކަޕް ބޭއްވުނީ ފޯކްލެންޑް ހަގުރާމައިގެ ދުވަސްވަރު ކަމަށްވާތީ އެ ވޯލްޑްކަޕުން އާޖެންޓީނާ ބޭރުކޮށްލެވޭތޯ އިނގިރޭސިވިލާތުން ލައްކަ ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެކަން ކާމިޔާބުނުވީ ފީފާއިން އެއްބަސް ނުވުމުންނެވެ. ފީފާއިން އެކަމަށް އެއްބަސްނުވުމުގެ މައިގަޑު ސަބަބަކީ އާޖެންޓީނާއަކީ އެންމެފަހުގެ ޗެމްޕިއަން ކަމަށް ވުމެވެ. އަނެއް ސަބަބަކީ ފީފާގެ ރައީސަކަށް އޭރު ހުންނެވި ބްރެޒިލްގެ ޖޮއާއޯ ހަވެލާންޖަކީ އާޖެންޓީނާ ކޮޅަށް ހުންނެވި ބޭފުޅަކަށް ވުމެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ޓީމުތަކުގެ އަދަދު ސައުވީހަށް އިތުރުކޮށްގެން ކުޅޭ ފުރަތަމަ ވޯލްޑްކަޕުން އެންމެފަހުގެ ޗެމްޕިއަން ބޭރުކޮަށްނުލެވޭނެ ކަމުގައެވެ.
ވޯލްޑްކަޕްގެ ތާރީޚުގައިވެސް މިހާތަނަށް ކުޅެވުނު ސިޔާސީގޮތުން އެންމެ ޓެންޝަން ބޮޑު މެޗަކީ 1998 ގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާނާއި އެމެރިކާ ބައްދަލުކުރި މެޗެވެ. ޖޫން އެކާވީސްވަނަ ދުވަހު ލިޔޯނުގައި ކުޅެވުނު އެ މެޗު ދޭއް އެކަކުން ކާމިޔާބުކުރީ އީރާނެވެ. އެއީ ވޯލްޑްކަޕުގައި އީރާނަށް ހޯދުނު ފުރަތަމަ މޮޅެވެ. ލަނޑު ޖަހައިދިނީ ހާމިދު އެސްތިލީ އާއި މަހުދީ މަހުދަވީކިއާއެވެ. އެ މެޗުން ބަލިވުމުން އެމެރިކާ މުބާރާތުން ކެޓީއެވެ. މުޅި އީރާނުގައި މިކަމުގެ އުފާފާޅުކުރުންތައް އެތައް ދުވަހަކަށް ދެމިގެންދިޔައެވެ. އީރާނާއި އެމެރިކާ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑްކަޕުގައިވެސް ބައްދަލުކޮށްފައެވެ. އެއީވެސް ގްރޫޕް ސްޓޭޖުގެ މެޗެކެވެ. ނޮވެމްބަރު ތިރީހުގައި ކުޅެވުނު އެ މެޗު އެކެއް ސުމަކުން ކާމިޔާބުކުރީ އެމެރިކާއެވެ. ކްރިސްޓިއަން ޕުލިސިޗް ޖަހައިދިން ގޯލަކުންނެވެ. މިއީވެސް ވަރުގަދަ ޓެންޝަނެއްގެ ތެރޭގައި ކުޅެވުނު މެޗެކެވެ. އެކަމަކު 1998 ގެ ވޯލްޑްކަޕުގައި މި ދެޓީމު ކުޅުނު މެޗުވަރެެއް ނުވިއެވެ.
މިއަހަރުގެ ވޯލްޑްކަޕް ފެށެން ދެންއޮތީ ހަފުތާއަކަށްވުރެވެސް ކުޑަ ދުވަސްކޮޅެކެވެ. ވޯލްޑްކަޕް މިފެށެނީ އެމެރިކާޔާއި އީރާނުގެ މެދުގައި ހަމަލާތަކެއް ބަދަލުކުރެވި ހަގުރާމައެއް ހިގަމުން ދަނިކޮށެވެ. އެމެރިކާއަކީ ވޯލްޑްކަޕް ބޭއްވޭ ގައުމެވެ. އީރާނަކީ ވޯލްޑްކަޕުގައި ކުޅޭ 48 ގައުމުގެ ތެރެއިން ގައުމެކެވެ. ގްރޫޕް ސްޓޭޖުގައި އީރާނު ކުޅެންޖެހޭ ތިން މެޗުވެސް އޮތީ އެމެރިކާގައެވެ. އެކަމަކު އީރާނުގެ ޓީމު ކޭމްޕު ކުރަނީ މެކްސިކޯގެ ޓިޚުއާނާގައެވެ. އީރާނުގެ ކުޅުންތެރިންނަށް އެމެރިކާއިން ވިސާ ދީފައިވަނީ މެޗު ކުޅޭ ދުވަހު އެމެރިކާއަށް ގޮސްފައި ހަމައެދުވަހު އެމެރިކާއިން ބޭރުވާންޖެހޭ ގޮތަށެވެ. މިއީ އަދިދުވަހަކުވެސް ވޯލްޑްކަޕް ހޯސްޓްކުރާ ގައުމަކުން ވޯލްޑްކަޕުގައި ކުޅޭ އެހެން ޓީމަކަށް ވިސާ ހަމަޖައްސައިދިން އުސޫލެއް ނޫނެވެ. އީރާނުގެ އޮފިޝަލުންގެ ތެރެއިން ފަނަރަ މީހަކަށް އެއްވެސް ގޮތަކަށް ވިސާއެއް ނުވެސްދިނެވެ. އެކަމަކުވެސް ފީފާ އެއޮތީ ރުހިގެންނެވެ. ކޮންމެއަކަސް އީރާނާއި އެމެރިކާ މިފަހަރު ބައްދަލުކުރަން ޖެހޭނެކަން އަދި ނޭގެއެވެ. ދެ ޓީމުވެސް މުބާރާތުގެ ފަހުގެ ސްޓޭޖުތަކަށް ކޮލިފައިވެއްޖެނަމަ ބައްދަލުކުރަން ޖެހިދާނެއެވެ. އެގޮތަށް ދިމާވެއްޖެނަމަ ހަމަޔަގީނުންވެސް ވޯލްޑްކަޕްގެ ތާރީޚުގައިވެސް މިހާތަނަށް ކުޅެވިފައިނުވާ ކަހަލަ ވަރުގަދަ މެޗަކަށް ވާނެއެވެ.
އިމާދު ލަތީފު
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026