މިފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށްވެސް ފީފާއިން ވަނީ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރެއިން މެޗުގެ ފްލޯ ރަނގަޅު ކުރުމާއި ޝައުގުވެރިކުރުވުމަށް ގެނެސްފައިވާ ބަދަލުތައް ފާހަގަވެއެވެ. ވޯލްޑް ކަޕްގެ އޮނިގަނޑަށް ޖުމުލަ 48 ޓީމު އައުމާއެކު، އިތުރު މެޗެއް ކުޅެން ޖެހޭތީ، ރީނދޫ ކާޑުގެ ސަސްޕެންޝަން އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެންނާން ނިންމައިފައެވެ. ވޯލްޑް ކަޕްގެ ކުރީން ކުޅުނު ކޮލިފިކޭޝަންގައި ދެ ރީނދޫ ކާޑު ހަމަވެ ސަސްޕެންޑް ކުރި ކުޅުންތެރީންނަށް ލުއި ދޭންވެސް ނިންމާފައިވެއެވެ.

ވަގުތު ބޭކާރުކުރުމަށް ހައްލު ހޯދުމުގެ ވިސްނުމެއް

  • އިތުރުވަގުތު ދެއްކުމުގެ އުސޫލު ހަރުދަނާކޮށް ގެއްލޭ ވަގުތު ބޮޑަށް ބެލުން
  • ބަދަލުކުރަން ލިބޭނީ 10 ސިކުންތު، އެކަން ނުވެއްޖެނަމަ އެޓީމަކުން ޖެހޭނީ އެއް މިނެޓް ވާންދެން ކުޅުންތެރިޔަކު މަދުން ކުޅެން. މިއީ ވަގުތު ބޭކާރު ކޮށްފާނެ ހާލަތަކަށް ބަލައި ދޭ އަދަބެއް.
  • އެއްލުމަށާއި ގޯލްކިކަށް ފަސް ސިކުންތު: އެއްލުން ލަސްކުރާނަމަ އަނެއްކޮޅަށް ދޭނެ، ގޯލްކިކް ލަސްކޮށްފިނަމަ އިދިކޮޅު ޓީމަށް ކޯނަރު ދޭނެ.
  • އަނިޔާއަކަށް ފަރުވާ ދީފިނަމަ ފައިބާފައި އެރޭނީ އެއް މިނެޓް މަޑުކޮށްފައި
  • ރެފްރީއަށް ޝަކުވާ ކުރެވޭނީ ކެޕްޓަނުންނަށް އެކަނި. އެހެން ކުޅުންތެރިން ޝަކުވާ ކުރާނަމަ ކާޑު ދެއްކުމުގެ އިހުތިޔާރު އޮންނާނެ

ކާޑުގެ އުސޫލަށް ގެނައި ބަދަލު

  • އަނގަމަތީ އަތް އަޅައިގެން ވާހަކަ ދައްކައި، ކުޅުންތެރިޔަކާ ދިމާކުރާނަމަ ރަތް ކާޑު ދައްކާނެ
  • ގްރޫޕް ސްޓޭޖު ނިމުމުން ރީނދޫ ކާޑުތައް ފުހެވޭނެ، އަދި ކުއާޓާއާ ހަމައިންވެސް އަނެއްކާ ރީނދޫ ކާޑު ފުހެވޭނެ

އޭގެ އިތުރުންވެސް މެޗުގެ ނިންމުންތަކަށް ޝަކުވާކޮށް، ދަނޑު ދޫކޮށް އެއްވެސް ކުޅުންތެރިޔަކު ގޮސްފިނަމަ، އެއީވެސް އަދަބު ދެވޭނެ ކަމެކެވެ. އެ އުސޫލު ހަރުކަށި ކުރީ އެފްކޯން ފައިނަލާ ގުޅިގެންނެވެ.