ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މާލޭ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރު ކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީއާއި ބިސް ބުރު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ކޮލިފިކޭޝަނުގެ ފުރަތަމަ ތިން މެޗު ނިމިގެންދިޔަ އިރު، މޮޅެއް ހޯދި ހަމައެކަނި ޓީމަކީ ހއ. ދިއްދޫ ފުޓްބޯޅަ ޓީމެވެ. ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ކ. ހުރާގެ ކޮމިއުނިޓީ ކްލަބްގެ މެޗު 1-1 އިން އެއްވަރުވި އިރު، ގދ. ގައްދޫ އަތުން ދިއްދޫ މޮޅުވީ 1-0 އިންނެވެ.
މިރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ލީޑު ނެގީ ޓީސީންނެވެ. އެ ގޯލް ޖަހައިދިނީ ހުސައިން ޝަރީފް މުހައްމަދެވެ. މެދުތެރެއިން ޕްރިންސް ބޯޑޫ ދުއްވާލި ބޯޅަ ހުސައިން ޝަރީފް ގޯލަށް ވައްދާލީ ބިސް ބުރުގެ ކީޕަރު އިބްރާހީމް ސިޔާދު ބޯމަތިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
އޭގެފަހުން ޓީސީން ކުރި ނުރައްކަލުން ބިސް ބުރު ސަލާމަތް ކޮށްދިނުމުގައި ސިޔާދުގެ މުހިއްމު ސޭވްތަކެއް ފެނުނު އިރު، ބިސް ބުރު މެޗު އެއްވަރުކުރީ ހާފު ނިމެން ދަނިކޮށެވެ. 43 ވަނަ މިނެޓުގައި އެ ގޯލް ޖެހީ އާމިރު ޝޮއައިބު އެލް ސަޑެކް މުހައްމަދެވެ. އެއީ އޭރިއާ ތެރެއިން ޓީސީގެ މުހައްމަދު އަޖުފާން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީގައި ޖެހި ގޯލެކެވެ.
ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގޯލަކަށް ކުރި މަސައްކަތް ކާމިޔާބު ނުވެ، މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިއީ ރާއްޖޭގެ އާ ފޯމެޓްގެ ދަށުން ކޮލިފިކޭޝަން ކުޅޭ ފުރަތަމަ ފަހަރެވެ. ފުޓުބޯޅަ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށް އެފްއޭއެމްއިން އިއުލާނު ކޮށްފައިވާ އާ ފޯމެޓްގެ ދަށުން އަތޮޅު މުބާރާތްތަކުގެ އިތުރުން ޒޯން އަދި ރީޖަނަލް މުބާރާތްތައް ވަނީ ކުޅެފައެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރާނީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން ލީގުތަކުގެ ޗެމްޕިއަނުންނާއި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައާއި އަށްވަނަ އަށް ދިޔަ ޓީމުތަކެވެ.
ރީޖަން ލީގުތަކަށް ބަލާ އިރު، މާލެ ރީޖަނުގެ ޗެމްޕިއަންކަން ބިސް ބުރު ސްޕޯޓްސްއިން ހޯދި އިރު، ނޯތު ރީޖަންގެ ޗެމްޕިއަނަކީ ހއ. ދިއްދުއެވެ. ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަންކަން ހުރާ ހޯދި އިރު، ސައުތު ލީގުގެ ޗެމްޕިއަންކަން ހޯދީ ގދ. ގައްދުއެވެ. ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސްވެސް ކޮލިފިކޭޝަންގައި ވާދަކުރާ އިރު، އޭގެ ތެރެއިން ޕްރިމިއާ ލީގަށް ދާނީ ހަތަރު ޓީމުންނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު