ރާއްޖެއަށް "ޖަމްޕް"އެއް ޖެހޭނީ އެމްޑީޕީގެ ބުރަކަށީގައި ފައިވިއްދައިގެން ކަމަށާއި އެނޫން ގޮތަކަށް ރާއްޖެއަށް ފުންމައެއް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕޭންގެ ތެރެއިން ނ. ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ބަދަލުތައް ގެނެވޭނީ އެމްޑީޕީ ވަރުގަދަކޮށްގެން ކަމަށެވެ.

"ދިވެހިރާއްޖެއަށް ޖަމްޕެއް ޖެހޭނީ އެމްޑީޕީގެ ބުރަކަށީގައި ފައިވިއްދާ އަރައިގެން. އެނޫން ގޮތަކަށް މި ދިވެހިރާއްޖެއަކަށް ފުންމައެއް ނުގަނެވޭނެ. އަޅުގަނޑު މި ފުރުސަތަށް މި އެދެނީ ތިބޭފުޅުންގެ ކިބައިން އެ ޖަމްޕު ޖަހައިދިނުމުގައި އެހީތެރިވެވިދާނެ ކަމަށް އަޅުގަނޑުގެ ހިތަށް ގަބޫލުކުރެވޭތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޖުމުލަކޮށް ބަލާއިރު ދިވެހިރާއްޖެ މިއޮތީ ޖަމްޕެއް ޖަހަން ތައްޔާރުވެފައި، ނުވަތަ މިއޮތީ އަނދަވަޅަކަށް ވެއްޓެން ތައްޔާރަށް ކަމަށާއި ދިވެހިރާއްޖެ މިއޮތީ ހަތަރުއަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. ސަލާމަތުގެ އައްސޭރިއަކަށް އަދި ހަރާބުގެ މަގަށް ވެސް ދެވެން އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެ ސަލާމަތްކުރަން އޮތް މުއައްސަސާއަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީއަކީ ދިވެހިރާއްޖެ ބަދަލުވެސް ކުރި ޕާޓީ، ދެންވެސް ދިވެހިރާއްޖެ ބަދަލުކުރާނެ ޕާޓީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ޕާޓީގައި ހުރި ވަރެއް ހަގީގަތުގައި އަޅުގަނޑުމެން އެކެއް ގައިގައި ވެސް ހުރީ. ވަކިވަކި ފަރުދުންގެ ގޮތުގައި އަޅުގަނޑުމެން ތިބެ ސަރުކާރަށް ޖަވާބުދާރީކުރުމަށް ނުވަތަ ވެރިންގެ ކުރިމަތީގައި ހުއްޓި ބަސްބުނުމަށް އުޅެން ފެށުމުން އަޅުގަނޑުމެންނަށް ވަމުންދިޔަ ގޮތްތައް އަޅުގަނޑަށް ޔަގީން މި ރަށުގެ އެތައް ބައެއްގެ ހަނދާނުގައި ހުންނާނެ. ޖަލު ގޮޅި އޭގެ ނަތީޖާއަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް، އެއްވެއުޅުމުގެ މިނިވަންކަން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުތަކާއެކުގައި ނުކުތީމާ، މީގެ ކުރިން ވެސް ސަލާމަތްތެރިކަން އިންތިހާއަށް ރަނގަޅުވެގެންދިޔަ ކަމަށާއި ތަރައްގީއާއި ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތުތައް އިންތިހާއަށް ބޮޑަށް ލިބުނު ކަމަށެވެ.