ވޯލްޑް ކަޕް 2026 ގެ ފެށުމުގެ ރައްމިއްޔާތަށް މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީގެ ސްކޫލްތަކާއި ކޮލެޖު ޔުނިވާސިޓީތައްވެސް އެއް ދުވަހަށް ބަންދުކުރަން ނިންމާ، އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ގޭގައި ތިބެ މަސައްކަތް ކުރަން ޖެހޭ ގޮތަށް ނިންމައިފިއެވެ.

ވޯލްޑް ކަޕާ ދިމާކޮށް، ސްކޫލްތައް އަވަހަށް ނިންމާލައި، ބަންދު ކުރަން މެކްސިކޯއިން ފުރަތަމަ ނިންމި ނަމަވެސް، އެކަމަށް ފާޑުކިޔުން ބޮޑުވެ، ފަހުން ނިންމުން ބަދަލުކުރިއެވެ. އެ ނިންމުން ފުރަތަމަ ނިންމީ، ވޯލްޑް ކަޕަށް ބެލުމުގެ އިތުރުން އެ ދުވަސްވަރު އާދަޔާހިލާފަށް ހޫނު ގަދަވެ، ހީޓް ވޭވްގެ އަސަރުވެސް ކުރާނެތީއެވެ.

އެ ނިންމުން ބަދަލުކޮށް، ވޯލްޑް ކަޕް ތެރޭގައިވެސް ސްކޫލްތައް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރައީސާ ކްލައުޑިއާ ޝެއިންބަމް ނެރުއްވި ގަރާރެއްގައި ބަޔާން ކޮށްފައި ވަނީ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށް، މަގުމަތީގެ ރައްކާތެރިކަމާ ސަލާމަތްތެރިކަމަށް އޮފީސްތަކަށް ނުކުންނަން ނުޖެހޭ ގޮތް ހަދައި، ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އެ ގަރާރުގައި ބުނީ ސަރުކާރު ހުރިހާ އިދާރާތަކުންވެސް 11 ވަނަ ދުވަހު މުއައްޒަފުން ގޭގައި މަސައްކަތް ކުރެވޭނެ މާހައުލެއް ތަނަވަސް ކޮށްދިނުމަށެވެ.

މިއީ މެކްސިކޯއިން ވޯލްޑް ކަޕް ހޯސްޓް ކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވޯލްޑް ކަޕް ހޯސްޓް ކުރީ އެކަންޏެވެ. އެއީ 1970 ގެ އިތުރުން 1986 ވަނަ އަހަރުއެވެ.

އެންމެ ފުރަތަމަ މެޗުގައި މެކްސިކޯއާއި ދެކުނު އެފްރިކާ ނުކުންނަ އިރު، އެ މެޗުގެ ކުރިއަށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އޭގެ އިތުރުން ވޯލްޑް ކަޕް ބާއްވާ އަނެއް ދެ ގައުމުގައިވެސް އަދި ހުޅުވުމުގެ ރަސްމިއްޔާތުތައް ބާއްވާނެއެވެ.