ވޯލްޑް ކަޕްގެ ތަށްޓަކީ ޝައުގުވެރި ތާރީހެއް އޮތް އެއްޗެކެވެ. އެ ތާރީޚު، 1930 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ވޯލްޑް ކަޕާ އެކު ފެށުނު އިރު، ތަށްޓަށް ފުރަތަމަ ދެވުނު ނަމަކީ "ވިކްޓްރީ" އެވެ. ފުރަތަމަ ތިން ވޯލްޑް ކަޕް ބޭއްވުނު ފަހުން، 1946 ވަނަ އަހަރުގެ ތެރޭގައި ފީފާއިން ތަށީގެ ނަން "ޖޫލްސް ރީމޭ ޓްރޮފީ" އަށް ބަދަލު ކުރިއެވެ. ޖޫލްސް ރީމޭ އަކީ ފީފާގެ ރައީސެއްގެ ގޮތުގައި ހުރެ، ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ޚިޔާލު ހުށައަޅައި މުބާރާތް ފެށުމުގެ އެންމެ މުހިއްމު މަސައްކަތްތައް ކުރި، ވޯލްޑް ކަޕްގެ ބާނީއެވެ.
1930 ވަނަ އަހަރު، ވޯލްޑް ކަޕްގެ ތަށި އެންމެ ފުރަތަމަ ފަހަރަށް ފަރުމާ ކުރީ ފަރަންސޭސި ތިމްސާލުވެރިޔެއް ކަމަށްވާ އެއިބެލް ލެފްލިޔަރއެވެ. ތަށީގެ ދިގުމިނަކީ 14 އިންޗިއެވެ. ބަރުދަނުގައި ހުންނަނީ 3.8 ކިލޯގުރާމެވެ. ތަށި ހެދިފައި ވަނީ ސްޓާރލިންގ ރިހީގައި ރަން ޕްލޭޓު އަޅައިގެންނެވެ. ތަށީގެ ބުޑު ހެދީ ލާޒަވަރުދު ހިލައިންނެވެ.
ވޯލްޑް ކަޕްގެ ޕްލޭންތައް އެކަށައެޅުނު އިރު، ކަނޑައެޅިފައި އޮތީ، މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް ތަށި ދިނުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ފަހު، ރަސްމިއްޔާތު ނިމުމުން ތަށި އަނބުރާ ހޯދައި ފީފާގެ ބެލުމުގެ ދަށުގައި ތަށި ބެހެއްޓުމަށެވެ. ތިން ފަހަރު އެއް ޓީމެއް ތަށި ކާމިޔާބު ކޮށްފިއްޔާ، އެ ޓީމަކަށް ތަށި ދާއިމީކޮށް ދިނުމަށެވެ. އެގޮތުގެ މަތީން، ފުރަތަމަ ފަހަރަށް ތިން މުބާރާތް ކާމިޔާބު ކޮށްގެން ވޯލްޑް ކަޕް ތަށި މިލްކު ކުރި ޓީމަކީ ބްރެޒިލެވެ. އެއީ 1970 ގައެވެ.
1939 ގައި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށި، އެ ހަނގުރާމަ މުޅި ޔޫރަޕަށް ފެތުރިގެން ދިޔުމުން، ފީފާގެ ނާއިބު ރައީސްކަމުގައި އަދި އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސްގެ ގޮތުގައި ހުރި އޮޓޮރީނޯ ބަރާސީ ގަސްތު ކުރީ ޖަރުމަނުގެ ނާޒީންގެ އަތްދަށަށް ތަށި ދިޔަނުދީ ރައްކައު ކުރުމަށެވެ. އޭނާ ބައު ބޫޓުފޮށްޓަކަށް ތަށި ލައި، އެ ފޮށި އޭނާ ނިދާ އެނދު ތަންދޮށުގައި ބެހެއްޓިއެވެ. ހަނގުރާމަ ނިމޭންދެން ތަށި ރައްކައުތެރި ކުރެވިފައި އޮތީ އެގޮތުގައެވެ.
ދެ ފަހަރަކު ތަށި ވަގަށް ނަގައިފައި ވެސް ވެއެވެ. ފުރަތަމަ ފަހަރު ތަށި ވަގަށް ނެގީ 1966 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އޮތް ވޯލްޑް ކަޕްގެ ދުވަސްކޮޅެއް ކުރީން، 20 މާރިޗު 1966 ގައެވެ. ލަންޑަނުގެ ވެސްޓްމިންސްޓަރ ސެންޓްރަލް ހޯލުގައި އާއްމުކޮށް ދައްކައިލުމަށް ޓަކައި ބަހައްޓައިފައި ހުއްޓައެވެ. އޭގެ ހަފުތާއެއް ފަހުން ތަށި ފެނުނީ ބައު ނޫސް ކަރުދާސްގަނޑެއް ތަށީގެ ވަށައިގެން އޮޅައިފައި، ދެކުނު ލަންޑަނުގެ މަގެއްގައި ހުރި ގަސްބޮނޑިތަކެއްގެ ތެރޭގައި ބާއްވައިފައި އޮއްވައެވެ. އެތަނުން ތަށި ފެނިގެން ތުނބުލައިގެން ހިފައިގެން ނުކުތީ ޑޭވިޑް ކޯރބެޓް ނަމަކަށް ކިޔާ މީހެއްގެ ކުއްތާއެވެ. އެ ކުއްތާގެ ނަމަކީ "ޕިކްލްސް" އެވެ. މިއީ ދުނިޔޭގެ ތާރީހުގައި އެންމެ މަޝްހޫރު އެއް ކުއްތާ ކަމުގައި ބެލެވިދާނެއެވެ! ތަށި ފެނުމުން، އިނާމެއްގެ ގޮތުގައި ޑޭވިޑް ކޯރބެޓަށް 3000 އިނގިރޭސި ޕައުންޑު ދެވުނެވެ.
ދެވަނަ ފަހަރަށް ޖޫލްސް ރީމޭ ތަށި ވަގަށް ނަގައިފައި ވަނީ، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލަށް ތަށި މިލްކު ވެގެން، ބްރެޒިލުގައި ހުއްޓައެވެ. ވެރިރަށް ރިއޯ ޑި ޖެނީރޯގައި ހުންނަ ބްރެޒިލުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ މައި މަރުކަޒުގެ މައުރަޒު މާލަމުގައި، ވަޒަން ނާރާ ޒާތުގެ ބިއްލޫރި ކޭހެއްގައި ބަހައްޓައިފައި ހުއްޓައި ވަގުން ތަށި ގެންދިޔައީއެވެ. ތަށި ވަގަށް ނެގިކަމުގެ ކުށުގައި ހަތަރު މީހެއްގެ މައްޗަށް ބްރެޒިލުގެ ކޯޓެއްގައި ޝަރީއަތް ކުރެވި، އެމީހުން ޖަލަށް ވެސް ލެވުނެވެ. ނަމަވެސް ތަށި ފެންނަ ގޮތެއް ނުވެއެވެ. ދިރާސާވެރީން ދެކޭ ގޮތުގައި ތަށި ވަނީ އޭގައި ހުރި ރަނާއި ރިހީގެ ބޭނުމުގައި ވިރުވައިލެވިފައެވެ. މިހެން ވުމުން، 1984 ގައި ބްރެޒިލުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ އިސް ނެގުމަށް 1984 ވަނަ އަހަރު ޖޫލްސް ރީމޭ ތަށީގެ ނަކަލެއް ތައްޔާރު ކުރެވުނެވެ. ބްރެޒިލުގައި މިހާރު ހުރީ އެ ނަކަލެވެ.
1970 ގެ އަހަރުތައް ފެށުމަށް ފަހު، އައު ފަރުމާއަކަށް ވޯލްޑް ކަޕްގެ ތަށި ހެދުމަށް ފީފާއިން ގަސްދު ކުރިއެވެ. މި މަސައްކަތުގައި، ހަތް ގައުމެއްގެ ފަންސާސް ތިން ތިމްސާލުވެރީންގެ ފަރުމާތައް ބެލި، އޭގެ ތެރެއިން އިޚްތިޔާރު ކުރެވުނު ފަރުމާ އަކީ އިޓަލީގެ ފަންނުވެރިޔާ ސިލްވިއޯ ގެޒަނިގާގެ ފަރުމާއެވެ. އެ ފަރުމާއަށް ތަށި ތައްޔާރު ކުރީ އިޓަލީގެ މިލާނުގެ ކުންފުންޏެއް ކަމުގައިވާ ބެރްތޯނީ މިލާނޯއިންނެވެ. އެއީ މެޑެއްޔާއި އިނާމު ތަށި އުފެއްދުމުގައި ތަޖުރިބާކާރު އަދި މަޝްހޫރު ކުންފުންޏެކެވެ.
މިއަދާ ހަމަޔަށް ވެސް ވޯލްޑް ކަޕްގައި ދެވޭ ތަށްޓަކީ ގެޒަނިގާގެ ފަރުމާއަށް ބެރްތޯނީން ހެދި ތަށްޓެވެ. އޭގެ ދިގުމިނުގައި ހުންނަނީ 14.4 އިންޗިއެވެ. ހަދައިފައި ހުންނަނީ 6.175 ކިލޯގުރާމުގެ ބަރުދަނުގައި، 18 ކެރެޓު ރަނުންނެވެ. އެތެރެ އޮންނަނީ ހޮއިކޮށެވެ. ބުޑުގައި މާލާކީތު ހިލައިގެ ދެ ފަށް ހުރެއެވެ. ބުޑުގެ ޑައިމީޓަރަކީ 13 ސެންޓިމީޓަރެވެ. ބުޑުގައި "ފީފާ ވޯލްޑް ކަޕް" މިހެން ލިޔެފައި އޮވެއެވެ. ކޮންމެ މުބާރާތަކަށް ފަހު، ތަށީގެ ބުޑުގައި އެ އަހަރަކު މުބާރާތް ކާމިޔާބު ކުރި ޓީމެއްގެ ނަން ވެސް ކަނޑައިނަގައިގެން ލިޔެވެއެވެ.
ފީފާގެ ފަހުގެ ގަވާއިދު ބުނާ ގޮތުން، ވޯލްޑް ކަޕް ތަށި ދާއިމީ ސިފައެއްގައި އެއްވެސް ޓީމަކަށް ނުދެވޭނެއެވެ. މުބާރާތުގެ ފައިނަލަށް ފަހު، މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް އަސްލު ތަށި ރަސްމިއްޔާތުގައި ހަވާލު ކުރިޔަސް، ފަހުން ފީފާއިން ތަށި އަތުލައެވެ. އަދި ދާއިމީ ސިފައެއްގައި ދޭނީ ލޮއިން ހަދައި ރަން ޕްލޭޓް ކޮށްފައި ހުންނަ ނަކަލެކެވެ. އަސްލު ތަށި ހުންނާނީ ފީފާގެ މައި މަރުކަޒުގައެވެ.
އަލް އުސްތާޛް އަޙްމަދު މާޖިދު
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް