ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ޗެމްޕިއަން ހއ. ދިއްދޫން ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދިއްދޫން ގައްދޫގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ކޮލިފިކޭޝަންގައި ފެނުނު ފުރަތަމަ މޮޅެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ކ. ހުރާ ކައިރިން އެއްވަރުވީ 1-1 އިންނެވެ.
މިއީ ރާއްޖޭގެ އާ ފޯމެޓްގެ ދަށުން ކޮލިފިކޭޝަން ކުޅޭ ފުރަތަމަ ފަހަރެވެ. ފުޓުބޯޅަ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށް އެފްއޭއެމްއިން އިއުލާނު ކޮށްފައިވާ އާ ފޯމެޓްގެ ދަށުން އަތޮޅު މުބާރާތްތަކުގެ އިތުރުން ޒޯން އަދި ރީޖަނަލް މުބާރާތްތައް ވަނީ ކުޅެފައެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރާނީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން ލީގުތަކުގެ ޗެމްޕިއަނުންނާއި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައާއި އަށްވަނަ އަށް ދިޔަ ޓީމުތަކެވެ.
ރީޖަން ލީގުތަކަށް ބަލާ އިރު، މާލެ ރީޖަނުގެ ޗެމްޕިއަންކަން ބިސް ބުރު ސްޕޯޓްސްއިން ހޯދި އިރު، ނޯތު ރީޖަންގެ ޗެމްޕިއަނަކީ ހއ. ދިއްދުއެވެ. ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަންކަން ހުރާ ހޯދި އިރު، ސައުތު ލީގުގެ ޗެމްޕިއަންކަން ހޯދީ ގދ. ގައްދުއެވެ. ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސްވެސް ކޮލިފިކޭޝަންގައި ވާދަކުރާ އިރު، އޭގެ ތެރެއިން ޕްރިމިއާ ލީގަށް ދާނީ ހަތަރު ޓީމުންނެވެ.
ވާދަވެރިކޮށް މިރޭ ފެނިގެން ދިޔަ މެޗުގައި ދިއްދޫގެ ގޯލް ފެނުނީ ދެވަނަ ހާފުގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެ ގޯލް ޖަހައިދިނީ ގާނާގެ ޔުސިފް އަފުލްއެވެ. އެއީ ދިއްދޫގެ ހުސެއިން ސިފާހު ނަގައިދިން ބޯޅައެއްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ކޮލިފިކޭޝަންގައި ދެން މެޗެއް އޮންނާނީ މާދަމާ ރޭގައެވެ. އެމެޗުގައި މާލޭ ރީޖަންގެ ޗެމްޕިއަން ބިސް ބުރުން ކުޅޭނީ ޓީސީ އާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު