ކުރިއަށްމިދާ ޖޫންމަހުގެ ތިންވަނަ ދުވަހު އެމެރިކާގެ ސީއެންބީސީއަށް ދިން އިންޓަރވިޔުއެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ. އިޒްރޭލާއި އެމެރިކާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ އަށާވީހުން އެޕްރީލް އަށަކަށް އީރާނާ ދެކޮޅަށް ކުރި ހަގުރާމައިން އީރާން ވަނީ ވަރަށް ބޮޑަށް ނިކަމެތި ކުރެވިފައެވެ. ބަލިކަށި ކުރެވިފައެވެ. މިހާރު މާކަބޮޑު ހަގީގީ ބާރެއް ނެތެވެ. އަދި އެއްބުރު ހިންގައިލަނިކޮށް އީރާނުގެ ވެރިކަން މުޅިން ލުހިގެން ވެއްޓިދާނޭ ކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ. އީރާން ބޮޑުތަނުން ބަލިކަށިވެއްޖެޔޭ، ބަލިކަށިވެއްޖެޔޭ ބުނެ ވާހަކަ ދެއްކުމަކީ ނަތަންޔާހޫ އަލަށް ކުރިކަމެެއް ނޫނެވެ. މިއީ ފަހަކަށްއައިސް ކޮންމެތާކު ކޮންމެ ވާހަކައެއް ދެއްކިއަސް އޭނާ ތަކުރާރު ކުރަމުން އަންނަ ވާހަކައެކެވެ. ކޮންމެވެސް ބައްޔެއްގެ ސަބަބުން އެއްވާހަކައެއް އަބަދު އެއްގޮތަކަށް ތަކުރާރުކުރާ މީހެއް ފަދައިންނެވެ. މިފަހަރު އޭނާ އެވާހަކަ ދައްކާފައި އެވަނީ އެޕްރީލް އަށެއްގައި ހަމަލާތައް މެދުކަނޑައިލިފަހުން ދެވަނަ ފަހަރަށެވެ.

ހުސްވި މެއިމަހުގެ ބާރަވަނަ ދުވަހު އިރުމަތީ ގުދުސްގައި ބޭއްވުނު ބޮޑު ރަސްމިއްޔާތެއްގައި އޭނާ ބުންޏެވެ. ދުވަހަކުވެސް އީރާނު ބަލިކަށި ވެފައިނުވާ މިންވަރަށް މިހާރު އެވަނީ ބަލިކަށި ކުރެވިފައެވެ. ނަތަންޔާހޫ މިހެންބުނީ 1967 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރެއްގެވެސް މެއި ބާރައިގައި އިޒްރޭލުން ފާހަގަކުރާ ގުދުސް ދުވަހުގައެވެ. މިއީ 1967 ގެ ހަގުރާމައިގައި އިރުމަތީ ގުދުސް ހިފުމަށްފަހު ގާނޫނުއަސާސީގައި ލިޔެގެން ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. ޔަހޫދީން މިދުވަހަށް ކިޔަނީ ޔޮމް ޔެރޫޝަލަޔިމް އެވެ. އެދުވަހުވެސް ނަތަންޔާހޫއަށް ދެއްކުނީ މިވާހަކައެވެ. އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލަދެމުން ސުންނާފަތި ކުރަމުންދިޔަ ދުވަސްވަރުވެސް ނަތަންޔާހޫ މިމޭރުމުން ކިތަންމެ ފަހަރަކު ވާހަކަ ދައްކާފައިވެއެވެ. މާރޗުމަހުގެ ތެރޭގައި އެކަނިވެސް ތިން ފަހަރަކު ހަމަ މިހެން ބުނެފައިވެއެވެ. އަދި އެއްބޮނޑި އަޅައިލަނިކޮށް މިކަން ވެދާނެޔޭ ބުނެފައިވެއެވެ. އޭގެފަހުންވެސް ކިތަންމެ ބޮނޑިއެއް އަޅައިފިއެވެ. އެކަމަކު ނަތަންޔާހޫ އެބުނާ "އެކަމެއް" ނުވިއެވެ.

އެހެންވީމާ މިވަރަކަށް އަދި އެއްބުރޭ، އެއްބުރޭ، މިކަން ދެން މިނިމެނީ ނިމެނީއޭ ބުނެ ނަތަންޔާހޫ ވާހަކަ ދައްކަނީ ކީއްވެގެން ބާވައެވެ. ބަލައިލަމާ ބަހީއެވެ. ފަލަސްތީނުގެ ބިމުގައި އިޒްރޭލޭ ކިޔުނު ދައުލަތް 1948 ވަނަ އަހަރު ގާއިމުކުރި ފަހުން ފާއިތުވެގެންދިޔަ 78 އަހަރުގެ ތެރޭގައި އިޒްރޭލުގެ ވެރިކަން ނުވަތަ ބޮޑުވަޒީރުކަން މިހައިތަނަށް އެންމެ ގިނަދުވަހު ކުރިމީހަކީ ނަތަންޔާހޫއެވެ. އޭނާގެ ވެރިކަމަށް ޖުމްލަ އަށާރަ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އިޒްރޭލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޫރިއަންއަށްވެސް ވެރިކަން ކުރެވުނީ ޖުމްލަ ތޭރަ އަހަރުއެވެ. ދެން އެންމެ ގިނަ ދުވަހު ވެރިކަންކުރި މީހުންނަށްވެސް ހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި އެކަމެއް ނުކުރެވުނެވެ. އެކަމަކު ނަތަންޔާހޫ އެހެރަގެން ވިހި އަހަރާ ގާތްކުރަނީއެވެ. ދޮގާއި މަކަރާއި ހަގުރާމައިގެ ހާލަތު ގެނެސްގެންނެވެ. ނަތަންޔާހޫ އެންމެ ފުރަތަމަ ވެރިކަންކުރީ 1996 ވަނަ އަހަރުން ފެށިގެން 1999 ވަނަ އަހަރަށެވެ.

ޖުމްލަ ދިހަ އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަނެއްކާވެސް 2009 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އޭނާ ވެރިކަން ކުރިއެވެ. އޭގެފަހުން އަނެއްކާވެސް އެއްއަހަރުގެ މެދުކެނޑުމަކަށްފަހު ދެން ވެރިކަމަށް އެރީ 2022 ގައެވެ. އެރިގޮތަށް އަރައި އަދިވެސް އެހެރީ މަގާމުގައެވެ. މިދެންނެވި ދިގު މުއްދަތުގެ ތެރޭގައި އެމެރިކާގެ ރައީސްކަމަށް ޖުމްލަ ފަސް މީހަކު އަރައިފިއެވެ. އެންމެ ފުރަތަމަ ބިލް ކުލިންޓަނާއި ޖޯޖް ޑަބްލިޔު ބުޝް ނުވަތަ ކުޑަ ބުޝްއެވެ. އެއަށްފަހު ދެން ބަރަކް އޮބާމާއާއި ޑޮނަލްޑް ޓްރަމްޕެވެ. ދެން އެންމެފަހަކަށް ޖޯ ބައިޑެންއާއި އަނެއްކާވެސް ދެވަނަ ފަހަރަށް ޑޮނަލްޑް ޓްރަމްޕެވެ. މީން ކޮންމެ ރައީސެއްގެ ކައިރީގައިވެސް ތަކުރާރުކޮށް އެއްކަމަކަށް ނަތަންޔާހޫ އައީ އެދެމުންނެވެ. އާދޭސްކުރަމުންނެވެ. އީރާނަށް ހަމަލަދީ ވެރިކަން ބަދަލުކުރުމުގައި އެހީތެރިވެދީބަލާށެވެ. ހަފުތާއެއްހައި ދުވަހަށް ހަގުރާމަކޮށްލަނިކޮށް އީރާނުގެ ކަންތައް ނިމި ވެރިކަން ވެއްޓިދާނޭ ކަމުގެ ޔަގީންކަން ކޮންމެ ރައީސަކަށްވެސް އޭނާ އައީ ދެމުންނެވެ.

އެކަމަކު ޓްރަމްޕު ފިޔަވައި ހަމަ އެކަކުވެސް ނަތަންޔާހޫގެ މި އެދުމަށް އިޖާބައެއް ނުދިނެވެ. ޓްރަމްޕުވެސް އިޖާބަދިނީ އޭނާގެ ދެވަނަ ދައުރުގައެވެ. މިހާރު ކުރިއަށް އެގެންދާ ދައުރުގައެވެ. މި ދައުރުގައި ނަތަންޔާހޫއަށް ޓްރަމްޕު ހެއްލުނީ އެންމެ ފަހަރަކު ނޫނެވެ. ދެ ފަހަރު ހެއްލިއްޖެއެވެ. ނުވަތަ ހައްލައިފިއެވެ. ވައު ވައްދައި އަވަދިކޮށްފިއެވެ. ޓްރަމްޕު މިހާރު އެހެރީ އެވަލުން ނުކުންނަންވެސް ނޭނގިފައެވެ. ނުކުންނަންވީ ދިމާލެއްވެސް ނޭނގިފައެވެ. ޓްރަމްޕުގެ ފުރަތަމަ ދައުރުގައި ހަގުރާމަ ނުކުރިއެއް ކަމަކު ނަތަންޔާހޫ ބުނެގެން އެއްކަމެއް ކުރިއެވެ. އެއީ ރައީސް އޮބާމާގެ ދައުރުގައި 2015 ވަނަ އަހަރު އީރާނާއެކު ގާއިމުކުރި ސުލްހަނާމާ އިރައިލުމެވެ. ޓްރަމްޕު އެކަންކުރީ 2018 ގައެވެ. ޓްރަމްޕުގެ ވެރިކަމުގެ ދެވަނަ ދައުރު ފެށުނީ ހުސްވި 2025 ވަނަ އަހަރުގެ ޖެނުއަރީ ވިހީގައެވެ. އޭނާ ވެރިކަމުގެ ހުވާކުރިތާ ހަމަސް ނުވެގެން އުޅެނިކޮށް ޖޫން ތޭރައިގައި ނަތަންޔާހޫއަށް ހެއްލިގެން އީރާނާ ދެކޮޅަށް ހަގުރާމައެއް ފަށައިފިއެވެ.

އެ ހަގުރާމަ ޖުމްލަ ބާރަ ދުވަހަށް ދެމިގެން ދިޔައެވެ. އެކަމަކު އީރާނުގެ ވެރިކަމެއް ނުވެއްޓުނެވެ. ބައްޔެެއް ނުކުރެވުނެވެ. މަޖުބޫރުވެގެން ހަގުރާމަ ހުއްޓައިލީވެސް ޓްރަމްޕު އަމިއްލަޔަށެވެ. އަދި މަޑުކުރާށޭ، މިކަން މިނިމެނީއޭ ބުނެ ނަތަންޔާހޫ އާދޭސްކުރަމުން ދަނިކޮށެވެ. ނަތަނަޔާހޫގެ އައު މަޅިއެއްގައި ނުޖެހި ޓްރަމްޕަށް ހުރެވުނީ އެންމެ 8 މަސް ދުވަހަށެވެ. މިއަހަރުގެ ފެބްރުއަރީ އަށާވީހުގައި އަނެއްކާވެސް ހަގުރާމައެއް ފަށައިފިއެވެ. ޖުމްލަ ސާޅީސް ދުވަހަށް ހަގުރާމަ ކުރިއިރުވެސް ނަތަންޔާހޫ އެބުނާ ކަމެއް ނުވިއެވެ. ވާން ކައިރިވެސް ނުވިއެވެ. އެންމެފަހުން ހަމަލާތައް މެދުކަނޑައިލީ ޓްރަމްޕު އަމިއްލައަށެވެ. މިފަހަރުވެސް ނަތަންޔާހޫ ނޫނެކޭ ނޫނެކޭ، އަދި މަޑުކުރާށޭ ގޮވަމުން ދަނިކޮށެވެ. އީރާނު ބަލިކަށި ވެއްޖެޔޭ އަދި އެއްބޮނޑިއޭ ނަތަންޔާހޫ އެކިޔަނީ ކޮންމެހެނަކުން އީރާނު ބަލިކަށި ވެގެނަކުން ނޫނެވެ. އީރާނާހެދި އޭނާ މޮޔަވެފައިވާ ވަރުންނެވެ. އޭނާ އުޅެނީ އީރަނަކުން ނެއްޓެން ނޭނގިގެންނެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ބަޖެޓަކީ އަހަރަކު ގާތްގަޑަކަށް ތިން ބިލިޔަން ޑޮލަރެވެ. މީގެތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ޚަރަދުކުރަނީ ހަމައެކަނި އީރާނުގެ ތެރޭގައި އެކިކަހަލަ ހަރަކާތްތައް ހިންގުމަށެވެ. އީރާނުގެ ތެރޭގައި މޮސާޑުގެ ސާޅީހަކަށް ސެލް ގާއިމު ކުރެވިފައިވެއެވެ. އެއިން ކޮންމެ ސެލްއެއްގައި އެއްހާހަކަަށް އެޖެންޓުން ހަރަކާތްތެރިވެއެވެ. ދޭސީންނާއި ބިދޭސީންނެވެ. އިޒްރޭލަށް މަސައްކަތްކޮށްދޭ އީރާނުގެ އެޖެންޓުން ނިސްބަތްވަނީ މިދެންނެވި ސެލްތަކަށެވެ. އެމީހުންގެ ކަމަކީ ހަމައެކަނި ޖާސޫސް ކުރުމެއް ނޫނެވެ. އީރާނުގެ ރައްޔިތުން ބައިބައިކޮށް ޓެރަރިޒަމްގެ އެކި އަމަލުތައް ހިންގުމަކީވެސް އާދައެކެވެ. އޭގެތެރޭގައި އީރާނުގެ ސައިންޓިސްޓުންނާއި އެކިއެކި ފަންތީގެ އިލްމުވެރިންނާއި ފަންނުވެރިން މެރުންވެސް ހިމެނެއެވެ. މިގޮތަށް އީރާނުގެ ތެރޭގައި ތިރީހަކަށް ހާސް އެޖެންޓުން ބައިތިއްބައިގެން އެތެރެ ގަޑުބަޑުކޮށްފައި ބޭރުން ބޮނޑިއެއް އަޅައިލީމާ ވެރިކަން ވެއްޓިދާނޭ ކަމަށް ނަތަންޔާހޫ ހީކުރަނީއެވެ.