ރަށެއްގައި ދޮން ބައްޕައަކު އޭނާގެ އަންހެން ދޮންދަރިފުޅާ ބެހުނު މައްސަލައިގެ ދައުވާއެއް ނުބެލޭނެ ކަމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން އެ ނިންމުން ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން މެޖިސްޓްރޭޓް ކޯޓަށް އަންގައިފިއެވެ.

މިއީ އެކި ދުވަސްމަތިން އެމީހާގެ ދޮން ދަރިއާ، ކުއްޖާގެ ދޮން ބައްޕަ ބެހިފައިވާތީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާއެކު، ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެ ކުއްޖާގެ ދޮން ބައްޕަގެ މައްޗަށް ކޮށްފައިވާ މައްސަލައެކެވެ.

އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމީ، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން، އެ މީހާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމުގެ މުއްދަތު ފާއިތުވި ފަހުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ބަލައިގެން ދައުވާ ކޮށްފައިވާ މައްސަލައެއް ކަމަށް ބުނެ ކުޑަ ކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއަކީ މައުލޫއީ ގޮތުން ބެލޭނެ ދައުވާއެއް ނޫން ކަމަށެވެ.

އަދި ދައުވާ ފޯމު ބާތިލްވެސް ކުރިއެވެ. އޭގެ އިތުރުން ކޯޓު އަމުރުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ދޮންބައްޕަ ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަންގައި އަމުރުވެސް ކުރިއެވެ.

ނަމަވެސް އެ މައްސަލައިގައި މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނިންމުމެއް ނޫން ކަމަށް ބުނެ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނީ މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުމަކީ، ޖިނާއި އިޖުރާއަތުގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ބެލުމަށްފަހު، އިއްޔެ ހުކުމް ކުރީ، މި ދައުވާއަކީ މައުލޫއީގޮތުން ބެލޭނެ ދައުވާއެއް ނޫން ކަަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށްވާތީ، މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ދޮން ބައްޕަގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް އެ މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލު ކުރާ ކަމަށެވެ.