ކޯލިޝަނަކާ ނުލައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުނުކުރެވޭނެ ކަމަށް ބުނުމަކީ، ޕާޓީއާ މެދު ބުނެވޭ ބަދުބަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ކެމްޕޭންގައި ރައީސް ނަޝީދު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ނަޝީދު އެހެން ވިދާޅުވެފައިވަނީ، ވާދަވެރި ކެންޑިޑޭޓު، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކައަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ.
ރައީސް ސޯލިހު ވިދާޅުވެފައިވަނީ، އެއްވެސް ޕާޓީއަކަށް އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެކަމަށް ރައްދުދެއްވަމުން ނަޝީދު މިއަދު ވިދާޅުވީ އަދާލަތު ޕާޓީއަކީ ލޯކަލް ކައުންސިލު އިންތިހާބުގައި ވެސް ގޮނޑިއެއް ލިބިފައިނުވާ ޕާޓީއެއް ކަމަށާއި ޖުމްހޫރީ ޕާޓީއަށް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބާ އެއްވަރަށް ވެސް ވޯޓު ހޯދިފައިނުވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޮޑު ތާއީދެއް އޮންނަ އދ. މާމިގިލިން ވެސް އެމްޑީޕީން ރަނގަޅު ވާދަވެރިކަމެއް އެމްޑީޕީން ދައްކަމުންދާކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ދެކިލައްވައިގެން ނުވާނެ. އެއީ ވަރަށް ބޮޑަށް ޕާޓީއާ ދޭތެރޭ ބުނެވޭ ބަދުބަހެއް، ޕާޓީ ދަށްކޮށްލުން އެއީ. އަޅުގަނޑުމެންނަށް އެއް ލައްކަ މެންބަރުންނާ ހަމައަށް ދެވޭނެ، އަޅުގަނޑުމެންނަށް 160،000 ވޯޓު އިރާދަކުރެއްވިއްޔާ ހޯދޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ދެ ބުރަށް ރިޔާސީ އިންތިހާބު ބާއްވަން ޖެހޭ އިރު، ފުރަތަމަ ބުރުގައި ބައެއްގެ އުނގަށް އެރިގަނެގެން އެ ބަޔަކަށް ސަރުކާރުގެ 60 ޕަސަންޓު ދިނުމުން، ސަރުކާރުގެ ހުރިހާ މަގާމެއް ލިބެނީ ކުދިކުދި ޕާޓީތަކަށް ކަމަށެވެ.
އެހެން އެކަންކަން ހިނގުމުން އެމްޑީޕީގެ އާންމު މެންބަރުން ބާކީވަމުންދާ ކަމަށާއި އާންމު މެންބަރުން އެހެން ބާކީ ނުކުރެވޭނެ ކަމަށެވެ. އަދި އެ މަނިކުފާނު އެެމްޑީޕީގެ ޗެއާޕާސަންކަމަށް ހޮވިއްޖެ ނަމަ، އިންތިހާބަކަށްފަހު އިންތިހާބެއް އެމްޑީޕީއަށް ކާމިޔާބުކޮށްދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު