ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވަން އިއްޔެ ބޭއްވި ބައި-އިލެކްޝަން ހަނި ތަފާތަކުން އެމްޑީޕީން ކާމިޔާބު ކުރި ނަމަވެސް އައްޑޫގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމުން އެއީ މޮޅެއް ކަމަށް އެ ޕާޓީން ދެކޭތީ އެކަމާ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.
ކުޑަ ތަފާތަކުން އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެ މޮޅުވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ އަށް 1،375 ވޯޓު ލިބުނުއިރު، ޕީއެންސީން ވާދަކުރި އަހުމަދު ސައީދު 1،313 ވޯޓު ހޯއްދެވިއެވެ.
އިންތިހާބުގެ ނަތީޖާއާއެކު ޕީއެންސީގެ ލީޑަޝިޕުން ވަނީ ވޯޓުގެ ނަތީޖާއިން ދައްކައިދެނީ އައްޑޫގައި ރައީސް މުއިއްޒަށް އޮތް ތާއީދު ބޮޑުކަން ކަމަށާއި މިއީ މޮޅެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެކަމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާޕާސަންކަމަށް ވެސް ވާދަކުރައްވާ ނަޝީދު އެކަން ސިފަކުރެއްވީ "އަނގައިން ބަލިނުވުމުގެ" ގޮތުގައެވެ.
"ބައެއް ފަހަރު ތަޅާފޮޅާއިރު ވާގޮތެއް އޮވޭ. ގަދަ މީހާ ޖަހާ އިރަށް އަންގައިން ބަލިނުވާ މީހާ ބުނާނެ، ދެން ޖަހާ ބަލަ. އެންމެ ފަހުން ހެސް ކިޔާފައި ކަންކަށީގައި ޖަހައި ވެއްޓުނީމާ ބުނާނެ، އައްދެ، ކިރިޔާ ޖެހުނުކަމޭ. ހިތަދޫ އުތުރު ގޮނޑި އަކީ ޕީއެންސީގެ އަތުގައި ބޮޑު އަގުލަބިއްޔަތަކުން ލިބިފައި ހުރި ގޮނޑިއެއް. އެމްޑީޕީ އެ ގޮނޑި ހޯދައިފި. ޑރ. މުއިއްޒު އެ ހުރީ ރަނގަޅަށް ބަލިވެފައި،" ނަޝީދު ވިދާޅުވިއެވެ.
އިއްޔެގެ ބައި-އިލެކްޝަންގެ ނަތީޖާއަކީ ޕީއެންސީއަށް މޮޅެއް ކަމަށް ގަބޫލުކުރައްވާ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހާއި ޕާޓީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު އާއި ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އައްޑޫގައި ބެހެއްޓި ފޮށިތަކުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމަކީ ކާމިޔާބީއެކެވެ. އަދި އެއީ 2028 އަށް ލިބުނު ބޮޑު ހިތްވަރެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު